އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ނިރުބަވެރި ސިފައިން ދިން ހަމަލާއެއްގައި އަލްޖަޒީރާގެ ނޫސްވެރިޔަކު މަރުވެއްޖެއެވެ.
ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ދިން މި ހަމަލާގައި ޝަހީދުވީ، އަލްޖަޒީރާގެ އަރަބި ނިއުސް ސާވިސްގެ ތަޖުރިބާކާރު ނޫސްވެރިޔާ ޝެރީން އަބޫ އަޤްލީހްއެވެ.
ޝެރީންއަކީ އަލްޖަޒީރާގެ އަރަބި ނިއުސް ސާވިސްގައި 15 އަހަރު ވަންދެން އިޒްރޭލާއި ފަލަސްތީނުގެ މައްސަލަ ކަވަރު ކުރަމުން ދިޔަ މަޝްހޫރު ނޫސްވެރިޔެކެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކޮށްފައި ވަނީ، އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ދިން ހަމަލާއެއްގައި ޖެނީންގައި ހިނގަމުންދާ ކަންކަން ކަވަރު ކުރަމުންދާ އަލްޖަޒީރާގެ ނޫސްވެރިޔާ ޝީރީން އަބޫ އަޤްލީހްގެ ގަޔަށް އިސްރާއީލު ސިފައިން ބަޑިޖަހައި ޝަހީދު ކޮށްލާފައިވާ ކަމަށެވެ.
ޝީރީން ޝަހީދުކޮށްލާފައި ވަނީ މިއަދު ދިން ހަމަލާއެއްގައެވެ.
މިކަމާއި ގުޅިގެން އަލްޖަޒީރާގެ ނޫސްވެރިން އަންނަނީ ކަންބޮޑުވުން ފާޅުކޮށް، މި ހިތްދަތި ދަނޑިވަޅުގައި އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ. ނޫސްވެރިން ބުނަނީ ޝީރީންއަކީނ ކަމަށް ކަމޭ ހިތައި އެހެން މީހުންނަށް އިހްތިރާމްކުރުމުގައި ރިވެތި ނަމޫނާއެއް ކަމަށެވެ.
އަދި މަސައްކަތުގައި އޭނާގެ ފަރާތުން ފެންނަނީ ޕްރޮފެޝަންލަކަމާއި އިޚްލާސްތެރިކަން ކަމަށް ނޫސްވެރިން ބުނެފައި ވެއެވެ.
އަލްޖަޒީރާއިން ބުނަނީ ޝީރީންއަކީ 2000 ވަނަ އަހަރު ފަލަސްތީނުގެ ދެވަނަ އިންތިފާޟާ ފެށުނީއްސުރެ އަލްޖަޒީރާއާއެކު މަސައްކަތް ކުރަމުން ދިޔަ ވަރަށް އިހްތިރާމް ލިބިގެންވާ ނޫސްވެރިއެއް" ކަމަށެވެ.