ގެތަކާއި ވެހިކަލްތަކުގައި ހުޅުޖަހައި، ތަންތަން ލޫޓުވައި ހަމަނުޖެހުން ހިންގާ މީހުންގެ ގަޔަށް ބަޑިޖެހުމުގެ ހުއްދަ ސްރީލަންކާ ފުލުހުންނަށްވެސް ދީފިއެވެ.

މީގެކުރިން ސްރީލަންކާ ޑިފެންސް މިނިސްޓްރީންވަނީ، ހަމަނުޖެހުން ހިންގާ މީހުންގެ ގަޔަށް ބަޑިޖެހުމުގެ ހުއްދަ ދީފައެވެ.

ސްރީލަންކާ ޕޮލިސްއިން ސްރީލަންކާގެ އެކި ކަންކޮޅުތަކުގައި ހުންނަ ޕޮލިސް ސްޓޭޝަންތަކަށް ފޮނުވި އަމުރުގައި، ހަމަނުޖެހުން ހިންގާ މީހުންގެ ގަޔަށް ބަޑިޖެހުމުގެ ހުއްދަ މިއަދު ދީފައި ވެއެވެ.

ހަމަ އެއާއެކު، ހޯމަ ދުވަހުން ފެށިގެން ސްރީލަންކާގެ އެކި ހިސާބުތަކުގައި ހަމަނުޖެހުން ހިންގައި، މީސްމީހުންގެ ގެތަކާއި، ވެހިކަލްތަކުގައި ހުޅުޖެހި މީހުން ދެނެގަތުމަށް ފުލުހުންވަނީ އާންމުންގެ އެހީއަށްވެސް އެދިފައެވެ.

ސަރުކާރާ ދެކޮޅަށް ސުލްހަވެރި ކަމާއެކު އާންމުން މުޒާހަރާ ކުރަމުންދަނިކޮށް، މަހިންދަ ރާޖަޕަކްސަގެ ޕާޓީގެ ސަޕޯޓަރުން ހަމަލާދިނުމުން އާންމުން ރުޅިއައިސްގެން ރަށުތެރެއަށް ނުކުމެ ވަރުގަދަ ރައްދު ހަމަލާތަކެއް ދީފައި ވެއެވެ.

މިކަމުގެ ތެރޭގައި، މަހިންދަ ރާޖަޕަކްސަގެ ޕާޓީއަށް ނިސްބަތްވާ ޕާލަމެންޓް އެތައް މެމްބަރުންގެ ގެތަކާއި ވެހިކަލްތަކުގައާއި، އަދި ސަރުކާރަށް ނިސްބަތްވާ ނުވަތަ ތާއީދުކުރާ ސިޔާސީ އެތައް ބައެއްގެ ތަންތަނުގައި ހުޅުޖަހައި އަންދާފައި ވެއެވެ.

ހަމަނުޖެހުންތަކާއި ކުރިމަތިލުންތަކުގެ ތެރޭގައި އިއްޔެގެ ނިޔަލަށް ޖުމްލަ 8 މީހުން މަރުވެ، ދުއިސައްތަ ވިއްސަށްވުރެ ގިނަމީހުން ޒަޚަމްވެގެން ހޮސްޕިޓަލްތަކުގައި ފަރުވާދެމުން ގެންދާ ކަމަށް ސްރީލަންކާ ފުލުހުން އިއްޔެ ހާމަކޮށްފައި ވަނިކޮށް ރޭގައިވެސް ވަނީ ބަޑިޖެހުމުގެ ހާދިސާއެއް ހިނގައި ހަމީހުން ޒަޚަމްވެފައެވެ.

ހޯމަދުވަހުން ފެށިގެން ރޭގެ ނިޔަލަށް، ހަމަނުޖެހުންތަކުގައި ޖުމްލަ 47 ވެހިކަލްގައި ހުޅުޖަހައި އަންދާލާފައި ވާއިރު، އަލިފާނުގެ ސަބަބުން އިތުރު 41 ވެހިކަލާއި 65 ގެއަކަށް ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ.

ތަންތަން ލޫޓްވައި، ގެތަކާއި އިމާރާތްތަކާއި، ވެހިކަތްކުގައި ހުޅުޖަހާ މީހުންގެ ގަޔަށް ބަޑިޖެހުމުގެ ހުއްދަ ސިފައިންގެ އިތުރުން، ފުލުހުންނަށްވެސް މިދިނީ ހަމަނުޖެހުން ހުއްޓުވުމާއި، އިތުރަށް ގެއްލުންތައް ވިޔަނުދިނުމަށް ކަމަށް ފުލުހުން ބުނެއެވެ.

މުޅި ސްރީލަންކާގައި ކާފިއު ހިންގާފައި އޮތުމާއެކުވެސް، ރޭގައިވެސް ގްރޫޕްތަކުންވަނީ ރަށުތެރެއަށް ނުކުމެ ބައެއް އިމާރާތްތަކާއި ވެހިކަލްތަކުގައި ހުޅުޖަހާފައެވެ.

މިހާރު އިއުލާންކޮށްފައިވާ ކާފިއުގެ މުއްދަތު ސްރީލަންކާ ގަޑިން މާދަމާ ހެނދުނު 7 ޖެހުމާ ހަމައަށް ދިގު ދަންމާލާފައި ވާއިރު، ވެރިރަށް ކޮޅުނބާއި އެހެން ހިސާބުތައް މިހާރު ކޮންމެވެސް ވަރަކަށް އާންމު ހާލަތަށް އައިސްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކާފިއު ހިންގާފައި އޮތުމުން، ކޮޅުނބުގެ ގޯލްފޭސް މައިދާނުގައި ކޭމްޕް ޖަހައިގެން މުޒާހަރާ ކުރަމުންދާ މީހުން އެތަން ދޫކޮށް ދިއުމަށް ފުލުހުން މިއަދުވަނީ އަންގާފައެވެ. އާންމުންނަށް މިކަމުގެ އެންގުން އަންގާފައިވަނީ އެ މައިދާނުގެ ކުރިމައްޗަށް ވާގޮތަށް ހުންނަ ސްރީލަންކާ ރައީސްގެ ރަސްމީ އޮފީސް އިމާރާތުގައި ހަރުކޮށްފައިވާ ލައުޑްސްޕީކަރު މެދުވެރިކޮށެވެ.

ގޯލްފޭސް މައިދާން ދޫކޮށް އާންމުން ދިއުމަށް ފުލުހުން އެންގި ނަމަވެސް އެކަން ކުރާނެ ކަމަކަށް ނުބެލެވެއެވެ. ސަބަބަކީ، އެމީހުންގެ ޑިމާންޑާ އެއްގޮތަށް ސްރީލަންކާގެ ރައީސް އިސްތިއުފާ ނުދެއްވާތީއެވެ. ފުލުހުން ބުނެފައިވަނީ، މިރޭ ވަރަށް ވަރަށް ވަރުގަދައަށް ރަށުތެރެ ބަލަހައްޓާނޭ ކަމަށެވެ.