އިންތިހާބުތަކަށް ސަރުކާރުން ނުފޫޒު ފޯރުވާ މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށައަޅައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށައެޅުއްވީ ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރުއެވެ.
މެންބަރު އާދަމް ޝަރީފް ރައްޔިތުންގެ މަޖިލީހުގެ ރަައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައިވަނީ އިންތިހާބުތަކާ ގުޅުވައިގެން ސަރުކާރުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުމަކީ ރައްޔިތުން ކަންބޮޑުވާ ހައްސާސް މައްސަލައެއް ކަމަށެވެ. އަދި ހާއްސަކޮށް "ކޮރަޕްޝަނަށް ޒީރޯ ޓޮލަރަންސް" ދޭނެކަމަށް ރައްޔިތުންނަށް ވައުދުވެގެން ވެރިކަމަށް އައި ބަޔަކު، ބައި-އިލެކްޝަންތަކާއި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވެސް ދައުލަތުގެމުދަލާއި ވަސީލަތްތައް ނަހަމަގޮތުގައި ބޭނުން ކުރަމުންދާކަން ފާހަގަ ކުރެވޭ ކަމަށް އެ ސިޓީގައިވެއެވެ.
މިގޮތުން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައިސަރުކާރުގެ އިމާރާތްތަކާއި އުޅަނދުތައް ބޭނުންކޮށްފައިވާކަމަށާއި، އަދި އިންތިޚާބުތަކަށް ނުފޫޒު ފޯރުވޭގޮތަށް ސަރުކާރުން ބޮޑެތި މަޝްރޫޢުތައް އިޢުލާނުކޮށްފައިވާކަމަށްވެސް ސިޓީގައި ފާހަގަކޮށްފައިވެއެވެ. އަދި މިހާރު ހުއްޓިފައިވާ ދެކޮމަންޑޫ ގުޅުވާލުމުގެ މަޝްރޫއަކީ މީގެ މިސާލެއްކަމަށް ވަނީ ވިދާޅުވެފައެވެ.
އަދި އިންތިހާބުތަކުގައި ސަރުކާރުން ބޭނުންވާ މީހަކު ހޮވުމަށް މަގުފަހިވާ ގޮތަށް އެސްއެމްއީ ލޯނު ދޫކުރަމުންދާ ކަމުގެ ތުހުމަތު އާންމު ރައްޔިތުންނާއި އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ކުރަމުންދާ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ.
ސިޓީގައިވާ އިތުރަށް ވަނީ، އިންތިހާބުތަކާ ގުޅުވައިގެން ދައުލަތުގެ މުދަލާއި ވަސީލަތް ނަހަމަ ގޮތުގައި ސަރުކާރުން ބޭނުން ކުރުމާއި، އިންތިހާބުތަކަށް ނުފޫޒު ފޯރާގޮތަށް މަޝްރޫއުތައް އިއުލާން ކުރުމާއި، ލޯނު ދިނުމާއި މަގާމުތައް ބެހުމާބެހޭ މައްސަލަތައް ރައްޔިތުންނަށް ހާމަވާނެ ގޮތެއްގެ މަތީން ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމެޓީއަކުން ބައްލަވައިދެއްވުމަށް އެދިފައެވެ.