• ވަގުތީ ސަރުކާރެއް އެކުލަވާލަން އިދިކޮޅު ތައްޔާރު

ޚާއްސަ ނިންމެވުންތަކެއް އިއުލާން ކުރައްވަން ސްރީލަންކާގެ ރައީސް ގޮޓަބާޔަ ރާޖަޕަކްސަ، ސްރީލަންކާ ގަޑިން މިރޭ 9 ޖަހާއިރު ގައުމާ މުޚާތަބު ކުރައްވާނެ ކަމަށް ސްރީލަންކާގެ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

ރައީސްގެ ބަޔާން ސްރީލަންކާގެ ޓީވީ ޗެނަލްތަކުން ވަގުތުން ދުރަށް ދައްކާނެ ކަމަށްވެސް ރިޕޯޓްކޮށްފައި ވެއެވެ.

ރައީސް ގޮޓަބާޔަ ރާޖަޕަކްސަ މިރޭ އިއުލާން ކުރައްވާނީ ކޮން ކަންތައްތަކެއް ކަމެއް ސާފެއް ނުވެއެވެ.

އެހެން ނަމަވެސް، ރައީސް ގޮޓަބާޔަ ރާޖަޕަކްސަވަނީ މިއަދު ހަވީރު ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާ ބައްދަލު ކުރައްވާފައެވެ. ރަނިލްއަކީ އިދިކޮޅު ޔުނައިޓެޑް ޕާޓީގެ ލީޑަރެވެ.

ސްރީލަންކާގެ ރައީސް ގޮޓަބާޔަ ރާޖަޕަކްސަ (ކ) އަދި ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ:

އަނެއްކޮޅުން، އިދިކޮޅު އެންމެ ބޮޑު ޕާޓީ ސަމަގި ޖަނަ ބަލަވެގަޔަ، އެސްޖޭބީ ޕާޓީން މިއަދުވަނީ، ޝަރުތުތަކެއްގެމަތިން ވަގުތީ ސަރުކާރެއް އެކުވަލާލަން އެއްބަސްވެފައެވެ.

އެޕާޓީން އާންމުކުރި ޝަތުރުތަކުގެ ތެރޭގައި، ވަކި މުއްދަތެއްގެ ތެރޭގައި ރައީސްކަމުން އިސްއއުފާ ދެއްވަން ގޮޓަބާޔަ ރާޖަޕަކްސަ އެއްބަސްވެވަޑައިގަންނަވަން ޖެހުން ހިމެނެއެވެ.

ހަމަ އެއާއެކު، ކުރު މުއްދަތަކަށް ސްރީލަންކާގައި އެކުލަވާލެވޭ ހުރިހާ ޕާޓީއެއް ބައިވެރިވާ ވަގުތީ ސަރުކާރުގެ އެއްވެސް ކަމަކާ ރައީސް ބެހިވަޑައިގެން ނުވާނޭ ކަމަށްވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

އިދިކޮޅު އެސްޖޭބީން މިފަދަ ޝަރުތުތަކެއް މި އާންމުކުރީ، ރައީސްކަމުން ގޮޓަބާޔަ ރާޖަޕަކްސަ އިސްތިއުފާ ދެއްވައިފިނަމަ އައު ސަރުކާރުގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައި ގަތުމަށް އެސްޖޭބީގެ ލީޑަރ ސާޖިތު ޕްރެމަދާސާ ތައްޔާރަށް ހުންނެވިކަން މިއަދު ހެނދުނު ހާމަކުރުމަށް ފަހުގައެވެ. މިކަން ހާމަކުރީ، އެސްޖޭބީން މިއަދު ހެނދުނު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، އެޕާޓީގެ ޕާލަމެންޓް މެމްބަރެއް ކަމަށްވާ ލަކްޝްމަން ކިރިއެލާއެވެ.

އޭނާ ވިދާޅުވީ، ރައީސް ގޮޓަބާޔައާ ދެކޮޅަށް އެޕާޓީން ހުށަހެޅި އިތުބާރުނެތްކަމުގެ މައްސަލަވެސް މިހާރު ޕާލަމެންޓުގައި އެޖެންޑާ ކޮށްފައިވާ ކަމަށެވެ. މިމައްސަލައިގެ ބަހުސް އަންނަ ހަފްތާގައި ފެށޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިދިކޮޅު އެސްޖޭބީން އިސް ނަގައިގެން އިތުބާރުނެތްކަމުގެ ދެ މައްސަލައެއް ޕާލަމެންޓަށް ވައްދާފައި ވެއެވެ. އެއް މައްސަލައަކީ ރައީސް އިމްޕީޗްކޮށް އިތުބާރުނެތްކަމަށް ފާސްކުރުމުގެ މައްސަލައެވެ. އަނެއް މައްސަލައަކީ ސަރުކާރުގެ އިތުބާރުނެތްކަމަށް ފާސްކުރުމުގެ މައްސަލައެވެ.

ސްރީލަންކާގެ ނިޒާމު އޮތްގޮތުން ރައީސްގެ އިތުބާރުނެތްކަމަށް ޕާލަމެންޓުން ފާސްކުރިޔަސް، ގާނޫނީގޮތުން ރައީސް އިސްތިއުފާ ދެއްވާކަށް ޖެހިވަޑައެއް ނުގަންނަވައެވެ. އެކަމަކު، ސަރުކާރުގެ އިތުބާރުނެތްކަމަށް ފާސްކޮށްފިނަމަ ވަގުތުން އިސްތިއުފާދޭން ޖެހެއެވެ.

ސްރީލަންކާގައި އޮންނަނީ އެގްޒެކެޓިވް ޕްރެޒިޑެންސީއެއްކަމުން، ސަރުކާރުގައި ބޮޑުވަޒީރެއް ހުންނެވިޔަސް ވެރިކަން ހިންގުމުގައި ބޮޑެތި ބާރުތައް އޮންނަނީ ރައީސަށެވެ. ޕްރެޝަރ ބޮޑުވެގެން ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވާފައި ވާއިރު، ކެބިނެޓް އަދިވެސް އެބައޮތެވެ.