• އައު ބޮޑުވަޒީރާއެކު މިހަފްތާގައި ސަރުކާރު އިއުލާން ކުރާނަން: ރައީސް ގޮޓަބާޔަ

ސްރީލަންކާގައި އެކުލަވާލާ ހުރިހާ ސިޔާސީ ޕާޓީއެއް ބައިވެރިވާ ވަގުތީ ސަރުކާރުގެ ބޮޑުވަޒީރުކަމަށް 3 ބޭފުޅެއްގެ ނަންފުޅު ހުށަހަޅުއްވައިފިއެވެ.

ސްރީލަންކާގެ ކުރީގެ ރައީސް މައިތިރިޕާލަ ސިރިސޭނާ ވިދާޅުވީ، 11 ސިޔާސީ ޕާޓީއާއި، ޕާލަމެންޓްގެ މިނިވަން ގްރޫޕްގެ ފަރާތުން ބޮޑުވަޒީރުކަމަށް ހުށަހަޅާ ތިން ބޭފުޅުންގެ ނަންފުޅު ހިމެނޭ ސިޓީ، ރައީސް ގޮޓަބާޔަ ރާޖަޕަކްސައަށް މިއަދު ހުށަހަޅުއްވާފައިވާ ކަމަށެވެ.

11 ސިޔާސީ ޕާޓީއާއި، މިނިވަން ގްރޫޕްގައި ޕާލަމެންޓުގެ 53 މެމްބަރުންގެ ތާއީދު އެބައޮތް ކަމަށްވެސް ސިރިސޭނާ ވިދާޅުވިއެވެ.

އެ ގްރޫޕްގެ ފަރާތުން ބޮޑުވަޒީރުކަމަށް ހުށަހެޅި ތިން ބޭފުޅުންގެ ނަންފުޅުތައް ސިރިސޭނާ ހާމައެއް ނުކުރައްވައެވެ.

އެހެން ނަމަވެސް، ސްރީލަންކާގެ ބައެއް ނޫސްތަކުން ބުނެފައިވަނީ، އެ ތިން ބޭފުޅުންނަކީ؛ ނިމާލް ސިރިޕާލަ ޑިސިލްވާ، ވިޖެދާސަ ރާޖަޕަކްސަ އަދި ޑުލަސް އަލަހައްޕެރުމަ ކަމަށެވެ.

ސްރީލަންކާގެ ރައީސް ގޮޓަބާޔަ ރާޖަޕަކްސަ މިރޭ ގައުމާ މުޚާތަބު ކުރައްވަމުން ވިދާޅުވީ، އައު ބޮޑުވަޒީރަކާއެކު ވަގުތީ ސަރުކާރު މި ހަފްތާގައި އިއުލާން ކުރައްވާނެ ކަމަށެވެ.

ރައީސް ގޮޓަބާޔަ މިއަދުވަނީ، ވަގުތީ ސަރުކާރު އެކުލަވާލުމާ ގުޅޭގޮތުން އެކި ޕާޓީތަކާ މަޝްވަރާތައް ބާއްވާފައެވެ. އެގޮތުން، އިދިކޮޅު ޔޫއެންޕީގެ ލީޑަރ އަދި ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާވެސް ބައްދަލު ކުރައްވާފައި ވެއެވެ.

އަނެއްކޮޅުން، ސްރީލަންކާގެ އިދިކޮޅު އެސްޖޭބީ ޕާޓީން މިއަދުވަނީ، ޝަރުތުތަކެއްގެމަތިން ވަގުތީ ސަރުކާރެއް އެކުވަލާލަން އެއްބަސްވެފައެވެ. އެގޮތުން ބުނެފައިވަނީ، ވަކި މުއްދަތެއްގެ ތެރޭގައި ރައީސްކަމުން ގޮޓަބާޔަ ރާޖަޕަކްސަ އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށާއި، ހަމަ އެއާއެކު، ވަގުތީ ސަރުކާރުގެ އެއްވެސް ކަމަކާ ރައީސް ބެހިވަޑައިގެން ނުވާނޭ ކަމަށެވެ.

އިދިކޮޅު ޔޫއެންޕީގެ ލީޑަރ ރަނިލް ވިކްރަމަސިންހައާ ރައީސް ގޮޓަބާޔަ ރާޖަޕަކްސަ ބައްދަލުކުރެއްވި ނަމަވެސް، އެސްޖޭބީގެ ލީޑަރ ސާޖިތު ޕްރެމަދާސާއާ ބައްދަލު ކުރައްވާފައެއް ނުވެއެވެ.

މިރޭ ގައުމާ މުޚާތަބު ކުރައްވަމުން ގޮޓަބާޔަ ރާޖަޕަކްސަ ވިދާޅުވީ، މިވަގުތަށް އެންމެ މުހިންމީ ރައްޔިތުންގެ ރައްކާތެރިކަން ކަމަށާއި، ސްރީލަންކާގައި ސަލާމަތާއި ރައްކާތެރިކަން ގާއިމްކޮށް ގައުމަށް ސިޔާސީ ހަމަޖެހުން ގެނެސް، ގައުމު އަނބުރާ ހޯދުމަށް ހުރިހާ ޕާޓީތަކެއްގެ ލީޑަރުންނާ ގުޅިވަޑައިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރައީސްކަމުން އިސްތިއުފާ ދެއްވުމާ ގުޅޭގޮތުން ގޮޓަބާޔަ ރާޖަޕަކްސަ ވާހަކަފުޅެއް ނުދައްކަވައެވެ. އެހެން ނަމަވެސް ވިދާޅުވީ، ގައުމުގެ ކަންކަން ހަމަޔަކަށް އެޅުމުން މިހާރުއޮތް އެގްޒެކެޓިވް ޕްރެޒިޑެންސީ އުވާލައި، ގާނޫނުއަސާސީގެ 19 ވަނަ އިސްލާހް އަލުން އަނބުރާ ގެނައުމަށް ޕާލަމެންޓަށް ލިބިދޭންޖެހޭ ބާރުތައް ހޯއްދަވައި ދެއްވާނެ ކަމަށެވެ.