އަބަދުވެސް މަސައްކަތްކުރައްވަނީ އިންސާފުވެރިކަމާއެކު ޕާޓީ ހިންގޭނެ ގޮތެއް ހެދުމަށް ކަމަށް އެމްޑީޕީ ޗެއާޕާސަންކަމުގެ އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރޭ ގެނެސްދިން އެމްޑީޕީ ޗެއާޕާސަން ބަހުސްގައި ވަހަކަފުޅުދައްކަމުން ފައްޔާޒް ވިދާޅުވީ އެމަނިކުފާނަކީ ފިތުނަ އުފައްދާ ބޭފުޅެއް ނޫންކަމަށާއި މަސައްކަތްކުރައްވަނީ އިންސާފުވެރިކަމާއެކު ޕާޓީ ހިންގޭނެ ގޮތެއް ހެދުމަށް ކަމަށެވެ. އަދި އައު މެންބަރުންނަށް ވެސް އެމްޑީޕީން ޖާގަ ލިބޭނެ ގޮތް ހަދަން ޖެހޭ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ އެ ޕާޓީގައި ހަރުލައްވައިގެން ތިބި ބަޔަކު ނޫން ބަޔަކަށް އެ ޕާޓީގައި ޖާގައެއް ނެތް ކަމަށް އޮންނަ އޮތުން ފިލުވާލަން ޖެހޭ ކަމަށެވެ. އަދި ޕާޓީއަށް އަލަށް އަންނަ ބަޔަކީ ނުވަތަ އެންމެ ފުރަތަމަ ދުވަހު އައި މީހާ ނޫން މީހުންނަކީ ބޯވައިންނާއި ކުނަމެއްސާއި "މީއްޗެކޭ" ކިޔައިގެން އާންމު މެންބަރުންނަށް އެ ކުރާ ފުރައްސާރަ ފައްޔާޒްގެ ޗެއާޕާސަންކަމުގައެއް ނޯންނާނެ ކަމަށެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް އެކަނި ކާމިޔާބު ކުރެވޭނެތޯ އެހުމުން ފައްޔާޒް ވިދާޅުވީ އެމްޑީޕީއަށް އެކަނި ސާފުކޮށް 2023ގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނީ އިތުރު މެންބަރުން ވެސް ގެނެސްގެން ކަމަށާއި ޕާޓީއާ ފަހުން ގުޅޭ މެންބަރުންނަށް ފުރުސަތު ނެތުމަކީ ބޭއިންސާފެއް ކަމަށެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ އެމްޑީޕީ ނުހިނގާކަން ޗެއާޕާސަން އިންތިހާބުގައި ރަށްރަށަށް ދިއުމުން އެނގިއްޖެކަމަށެވެ. ޕާޓީގެ ހަރަކާތްތައް ކުރިއަށް ގެންދަން ރަނގަޅު ޖަގަހައެއް ނެތިގެން ޕާޓީ ނުހިންގިފައި ހުރިތަން އެ ދަތުރުގައި ފެނުނު ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ޗެއާޕާސަނަކު ހޮވުމަށް ބާއްވާ އިންތިޚާބު އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއާޕާސަންކަމަށް މިނިސްޓަރު ފައްޔާޒް ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުންނެވެ. އަދި އިންތި ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުންނެވެ.