ހިޔާ ފްލެޓްގައި އުޅޭ މީހުންނަށް ދަތުރުފަތުރުކުރަން ފަސޭހަކުރުމަށް އިތުރު ބަސްތަކެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީން) ގެނެސްފިއެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ކުރެއްވި ޓްވިޓްގައި ބުނެފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ދަތުރުފަތުރުގެ ދަތިކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިރުޝާދުގެ ދަށުން ދާއިމީ ހައްލެއް ހޯދައިދިނުމަށް ބޭނުންވާ ބަސްތައް މާލޭ ޕޯޓަށް ރޭ ބާލާފައިވާ ކަމަށެވެ.

އެގޮތުން މިއަހަރުގެ ޖޫންމަހުގައި ދާއިމީ ހިތްފަސޭހަ ދަތުރުތައް ފެށިގެންދާނެ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން 7،000 ފްލެޓް އަޅާފައިވާއިރު އެ ތަންތަނުގައި މީހުން ދިރިއުޅެން ފެށީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

ހިޔާ ފްލެޓްތަކުގެ ތެރެއިން މީހުން ދިރިއުޅެން ދޫކުރި 6،720 ފްލެޓްގެ ތެރެއިން މިހާރު 6،000 އެއްހާ ފްލެޓްގައި މީހުން ދިރިއުޅެމުންދެއެވެ.