ފާއިތުވި ދެއަހަރު ވެގެންގޮސްފައިވަނީ ކޮވިޑް-19 ގެ އާލަމީ ވަބާއިން މުޅި ދުނިޔޭގެ ސިއްހީ ނިޒާމަށް ލޮޅުން އަރުވާލި ދެއަހަރު ކަމުގައިބުނުމަކީ ކުށަކަށް ނުވާނެއެވެ. މިއާލަމީ ބަލިމަޑުކަމުގެ ސަބަބުން އިގްތިސާދީ، އިޖްތިމާއީ، އަދި ނަފްސާނީ ގޮތުން ބޮޑު ހީނަރުކަމެއް މުޅި ދުނިޔެ ތަހައްމަލުކުރަން ޖެހިފައިވިއެވެ. އަދި ދިރާސާތަކުން ދައްކާގޮތުގައި އެންމެ ބޮޑު ހީނަރުކަމެއް އައިސްފައިވަނީ ގައުމުތަކުގެ ސިއްހީ ނިޒާމަށްކަމުގައި ޔާގީންއެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ތަފާސްހިސާބުތައް ދައްކާގޮތުގައި ދުނިޔޭގެ ސިއްހީ ނިޒާމުގެ ބޮޑު ހިއްސާއެއްކަމުގައި ވެފައިވަނީ ނަރުހުންނެވެ. ބައިނަލްއަގްވާމީ ނަރުހުންގެ ޖަމްއިއިއްޔާއިން 2019 އިން 2020 އަށްކުރި ދިރާސާގެ އަލީގައި އާއްމުކޮށްފައިވާ ތަފާސް ހިސާބުގައިވާގޮތުން 27.9 މިލިއަން ނަރުހުން އިސްސަފުގައި ހިދުމަތްކުރަމުންދާކަން އަންދާޒާ ކުރެވޭކަން ހާމަކޮށްފައިވެއެވެ.

ނަމަވެސް، ކޮވިޑް-19ގެ ކުރީގެ ދިރާސާތަކުން ދައްކާގޮތުގައި ދުނިޔޭގެ އާބާދީއަށް ސިއްހީ ހިދުމަތް ފޯރުކޮށް ދިނުމަށް 5.9 މިލިއަން ނަރުހުން އިތުރަށް ބޭނުންވާކަން ފާހަގަކޮށްފައިވާއިރު ހާއްސަކޮށް އިގްތިސާދީ ގޮތުން ތަރައްގީނުވާ ގައުމުތައް އަދި ތަރައްގީވަމުންދާ ގައުމުތަކުގައިވެސް ނަރުހުންގެ ދަތިކަން އިންތިހާއަށް އިހްސާސްކުރަންޖެހިފައިވެއެވެ.

ދުނިޔޭގެ ނަރުހުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް މޭ މަހުގެ 12 ވަނަދުވަހެވެ. މިދުވަސް ދުނިޔޭގެ އެކިކަންކޮޅު ތަކުގައި ނަރުހުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ދަރުމަވެރިއެއްގެ ގޮތުގައި ހަނގުރާމައިގެ މައިދާނުގައި ޒަހަމްވިފަރާތްތަކަށް ފަރުވާދީ އަދި ""މޮޑާރން ނާރސިންގ" ތައާރަފް ކޮށްދެއްވި ފްލޮރެންސް ނައިޓިންގޭލްގެ އުފަން ދުވަހު އެކަމަނާގެ ހަދާނުގައެވެ.

ސިއްހީ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި ނަރުހުންނަށް ބޭނުންވާ ތައުލީމާއި ތަމްރީނު ދިނުމަށް މަގުފަހިކޮށްދިނުމުގެ މުހިއްމުކަންވެސް ނައިޓިންގޭލް ސާބިތުކޮށްދެއްވައި އެކަމަށް ވަކާލާތު ކުރައްވައި ގިނަގުނަ މަސައްކަތްތަކެއްކުރެއްވިކަން ތާރީހު ހެކިދެއެވެ.

ކޮންމެ އަހަރަކުވެސް ނެރުހުންގެ ދުވަސް ފާހަގަކުރަމުންދާއިރު މިއަހަރު މިދުވަހަށް، ބައިނަލްއަގްވާމީ ނަރުހުންގެ ޖަމްއިއްޔާއިން ކަނޑައަޅާފައިވާ ޝިއާރަކީ "ނަރުހުން: އިސްނެގުމުގައި ހަރު އަޑެއް- ނަރުހުންގެ ދާއިރާއަށް ވުނަކޮށް އާލަމީ ދުޅަހެޔޮކަމުގެ ހައްގު ކަށަވަރުކުރުމަށް އިހުތިރާމް ކުރައްވާ"

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއާއި ބައިނަލްއަގްވާމީ ނަރުހުންގެ ޖަމްއިއްޔާ އިން ކުރި ދިރާސާތަކުން ދައްކާގޮތުގައި ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ދުނިޔޭގެ ސިއްހީ ނިޒާމްގެ ބަލިކަށިކަން ހާމަވެ، އަދި މިބަލިމަޑުކަމުގެ ތެރޭގައި އެންމެ ބޮޑު ތަކުލީފް ތަކަކާއިގޮންޖެހުން ތަކެއް އުފުލަންޖެހުނު އެއްބަޔަކީ ނަރުހުންކަން ފާހަގަކޮށްފައިވާ ކަަމަށް ހެލްތް މިނިސްޓަރީން ބުނެއެވެ.

މިކަންތައްތަކުގެ ތަޖްރިބާގެ އަލީގައި މިއަހަރުގެ ޝިއާރު ހާއްސަ ވެފައިވަނީ ނަރުހުންގެ ދާއިރާއަށް ވުނަކުރުމުގެ މުހިއްމުކަމަށް އަޑުއުފުލަމުންނެވެ. ތަފާތު ދާއިރާތަކުން ނަރުހުން ބިނާކުރުމަކީ ކުރިއަށް އެޅިގެންދާނެ ހަރުދަނާ ބިންގަލެއްކަން އަންގައިދިނުމަށްޓަކައެވެ.

ރާއްޖެފަދަ ގައުމަކަށް މިކަމުގެ މުހިއްމުކަން އިންތިހާއަށް މާލީ ގޮތުން ވެސް އެތަކެއް ފައިދާތަކެއް ލިބިގެންދާނެ ކަމެއްކަން ހާމަވެގެންދާނެ ކަމެއްކަން ކަށަވަރެވެ.