ހިންގާލުމަކީ މަސްލަހަތު އޮންނަ ކުންފުނިތަކަށް ގެއްލުމުގެ ބަދަލު ލިބޭ ގޮތް ހެދުންތޯ އެމްޑީޕީގެ ޗެއާޕާސަންގެ ރޭހުގައި އެކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްއާ ވަދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ސުވާލުއުފައްދައިފިއެވެ.

މެމްބަރު އިމްތިޔާޒު ފަހުމީ މި ފަދައިން ސުވާލު އުފެއްދެވީ، ރާއްޖޭގެ ޓީވީ ޗެނެލަކުން ރޭ ބޭއްވި އެމްޑީޕީގެ ޗެއާޕާސަންގެ ކެންޑިޑޭޓުންގެ ބަހުސްގައި "އެމްޑީޕީ ހިންގާލަން" ސްލޯގަން އަށް ފާޑުވިދާޅުވަމުންނެވެ.

މެމްބަރު އިމްތިޔާޒު ވިދާޅުވީ އެމްޑީޕީ އަކީ އަބަދު ވެސް ހިނގާ ޕާޓީއެއް ކަމަށެވެ. އެކަމުގެ ހެއްކަކީ މިއަދު އެމްޑީޕީގެ ވެރިކަމެއް އޮވެފައި އެމްޑީޕީގެ ސުޕަ މެޖޯރިޓީ ވެސް ރައްޔިތުންގެ މަޖިލީހުގައި އޮތުން ކަމަށް ވިދާޅުވިއެވެ.

އިމްތިޔާޒު ވަނީ ޕާޓީ ހިންގާލުމަކީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާއި، ވެންޓިލޭޓަރުގެ ޚިޔާނާތް ފަދަ ހިޔާނާތުގެ މައްސަލަ ނުބެލުންތޯ ފައްޔާޒާ ސުވާލުކުރައްވާފައެވެ.

ހިންގާލުމަކީ ގެއްލުމުގެ ބަދަލުގައި ވަޒީރާ ގުޅުންހުންނަ ބޮޑެތި ކުންފުނިތަކަށް ބަދަލުގައި ކުންފުންޏަށް ނުވަތަ އާއިލާއަށް ބަދަލު ލިބޭނެ ގޮތް ހެއްދެވުންތޯ އިމްތިޔާޒު ސުވާލުކުރެއްވިއެވެ.

އިމްތިޔާޒުގެ އެ ވާހަކަތަކަށް ރައްދުދެއްވަމުން ފައްޔާޒު ވިދާޅުވީ އޭނާގެ ބޮލުގައި އެފަދަ އަސާސެއް ނެތް ދޮގު އިލްޒާމު އަޅުވާތާ ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށާއި މިއަދު ރައްޔިތުން މަޖިލީހުގައި އިމްތިޔާޒު ސުޕަ މެޖޯރިޓީގައި ހުންނަވައިގެން އެ މައްސަލަތައް ބަލައި އެ މައްސަލަ ތަކުގެ ހަޤީގަތް ހާމަކޮށްދޭންޖެހޭކަމަށެވެ.

މީހެއްގެ ބޮލުގައި އިލްޒާމެއް އަޅުވައިފިނަމަ ރައްޔިތުންނަށް އެކަން ސާފުކޮށްދޭން ޖެހޭނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކެމްޕޭނުގައި ބޭނުންކުރާ "ތިލަފަތުގެ ރަަމްޒު" ސްލޯގަންގެ މާނަ އިމްތިޔާޒު އޮޅުވާލައްވައިފި ކަމަށެވެ. އޭނާ ވިދާޅުވީ ތިލަފަތުގެ ރަމްޒަކީ މީހުންގެ ބޮލުގައި ދޮގު އިލްޒާމު އެޅުވުން ނޫން ކަމަށެވެ.