މިއާންޒް އިންޓަނޭޝަނަލް ކޮލެޖު (މައި ކޮލެޖު)ގެ އެގްރިކަލްޗާ ސްކޫލް އިއްޔެ އައްޑޫ ސިޓީގައި ހުޅުވައިފިއެވެ.

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މައި ކޮލެޖު ކެމްޕަހުގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި އެގްރިކަލްޗާ ސްކޫލް ހުޅުއްވައިދެއްވީ މިނިސްޓާރ އޮފް ސްޓޭޓް ފޯރ ނޭޝަނަލް ޕްލޭނިން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޢަބްދުﷲ ޞާދިޤް (ސޯބެ) އާއި މައި ކޮލެޖުގެ ޗެއާމަން އަހުމަދު މޮއްޠަކީއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އެ ކޮލެޖުގެ ރެކްޓާ ލަމްޔާ އަބްދުލްހާދީ ވިދާޅުވީ މިއީ މައި ކޮލެޖުގެ މިފަދަ ފުރަތަމަ ސްކޫލް ކަމަށާއި މި ސްކޫލްގެ ސަބަބުން އައްޑޫގައި ދިރިއުޅޭ އެތައް ރައްޔިތުންތަކަކަށް ގިނަ ފައިދާތަކެއް ލިބި ބަދަލުތަކެއް އަންނާނެ ކަމަށެވެ. ދަނޑުވެރިކަމުގެ މަސައްކަތަކީ ރާއްޖޭގައި ކުރެވޭނެ މަސައްކަތެއް ކަމަށާއި މިއީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

ހާއްސަކޮށް ބޭރު ޤައުމުތަކަށް ކާބޯތަކެތި އެތެރެ ކުރުމަށް ބަރޯސާ ވާމިންވަރު ކުޑަކުރަވޭނީ މި މަސައްކަތް ކޮށްގެން ކަމަށް ލަމްޔާ ވިދާޅުވިއެވެ. އެގޮތުން މި ސްކޫލުން "ސެޓްފިކޭޓް ލެވެލް ތްރީ އިން ގާޑަނިން" ގެ ނަމުގައި ކޯހެއް ފަށަން ނިންމާފައިވައިވާކަން ލަމްޔާ ހާމަކުރެއްވިއެވެ.

މައި ކޮލެޖުގެ އެގްރިކަލްޗާ ސްކޫލް އައްޑޫ ސިޓީގައި ހުޅުވުން ----- ފޮޓޯ: މައި ކޮލެޖު

5 މަސް ދުވަހުގެ މި ކޯހުގައި އަސާސީ ތަޢުލީމު ޙާސިލް ކޮށްފައިވާ، އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ބައިވެރި ވެވޭނެއެވެ. ބައިވެރިވާ ފަރާތްތަކުގެ ތެރެއިން 10 ފަރާތަކަށް ކޯސް ފީ މުޅިން ހިލޭ ދިނުމުގެ އިތުރަށް އެންމެ މޮޅު 3 ދަރިވަރުންނަށް ބަންގްލަދޭޝްގެ ދަނޑުތަކަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ. އަދި ހަމައެހެންމެ އެންމެ މޮޅު ދަރިވަރަށް ދަނޑުވެރިކަމުގެ ވިޔަފާރިއެއް ފެށުމަށްޓަކައި ފައިސާގެ އެހީތެރިކަން ދިނުމަށް ވެސް ވަނީ ނިންމާފައެވެ.

މި ކޯހުގެ ބައިވެރިންނަށް އުނގަންނައި ދޭނީ ދަނޑުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުންނެވެ. ފަސް ތައްޔާރު ކުރާނެ ގޮތާއި، ގަސް ރަނގަޅު ގޮތުގައި ބަލަހައްޓާނެ ގޮތާއި، ފަނިފަކުސުން ގަސް ސަލާމަތް ކޮށްދޭނެ ގޮތުގެ އިތުރަށް ގަހާ ބެހޭ މުހިއްމު މަޢުލޫމާތު މި ކޯހުން އުނގަންނައި ދެވޭނެއެވެ.

ގައުމީ ސަނަދުގެ ތިން ވަނަ ގިންތީގެ ގާރޑެނިން ކޯހުން ފެށި ނަމަވެސް މައި ކޮލެޖްގެ އަމާޒަކީ ދަނޑުވެރިކަމުގެ ދާއިރާ އިން މަތީ ތައުލީމު ފޯރުކޮށްދިނުމެވެ.