ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅަށާއި ޕީޕީއެމްގެ އޮފީހަށް ގެއްލުން ދިން މައްސަލަ ބަލަމުން އަންނަ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ރައީސް ޔާމީން ހައްޔަރު ކުރަން ގޮވާލައި އެމަނިކުފާނުގެ ގެކޮޅާއި، ޕީޕީއެމްގެ އޮފީހުގެ ފާރަށް ސްޕްރޭ ޖެހި މައްސަލައެއް ރޭ ވަނީ ފެންމަތިވެފައެވެ. އެކަން ކުރި ވަގުތެއް ސީދާ ނޭނގުނު ނަމަވެސް ބެލެވޭ ގޮތުގައި މިއީ ރޭގައި ހިނގާފައިވާ ކަމެކެވެ.

ރައީސް ޔާމީން ދިރުއުޅުއްވާ ހ. ދޫވެހި އަދި ޕީޕީއެމްގެ އޮފީސް ހުންނަ ހ. ހުރަފަގޭގެ ދޮރުމައްޗަށް، އެ މަނިކުފާނު ހައްޔަރު ކުރުމަށް ގޮވާލާފައިވާ އިބާރާތްތަކަކާއި ޔާމީންގެ ފޮޓޯ ހިމެނޭ ކުރެހުމެއް ސްޕްރޭ ކުރުމާއި ގުޅޭ ގޮތުން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ ރައީސް ޔާމީންގެ ގެކޮޅަށާއި ޕީޕީއެމް އޮފީހަށް ގެއްލުން ދީފައިވާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައުމާއި ގުޅިގެން އެމައްސަލަ ފުލުހުން ބަލަމުންދާ ކަމަށެވެ.

ރައީސް ޔާމީން ހައްޔަރު ކުރުމަށް ގޮވާލައި ލިޔެފައިވާ ލިޔުންތަކެއް ވެސް ވަނީ ޔާމީންގެ ގެކޮޅާއި ޕީޕީއެމްގެ އޮފީސް ކުރިމައްޗަށް އުކާފައެވެ.

އަނެއްކޮޅުން ޕީޕީއެމް އިން މީގެ ކުރިން ވަނީ މާލޭގެ އެކިއެކި މަގުތަކަށް "އިންޑިއާ އައުޓް" ލިޔެފައިވާ ކަރުދާސްތަކެއް އުކާފައެވެ.

ބެލެވޭ ގޮތުގައި މިއީ އެ ކަމަށް ދިން ރައްދެއްގެ ގޮތުގައި ބަޔަކު ކޮށްފައިވާ ކަމެކެވެ.