މާލެ، ވިލިމާލެ އަދި ތިލަފުއްޓާއި ގުޅީފަޅު ގުޅުވައިލާ، ތިލަމާލެ ބްރިޖަށް ބޭނުންވާ ކޮންކުރީޓް ސަޕްލައި ކުރުމަށްޓަކައި އެސްޓީއޯއާއި އެފްކޮން އިންފްރާސްރަކްޗަރ ލިމިޓެޑްއާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު މުހައްމަދު ރަޝާދު އެވެ. އެފްކޮންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ ޕްރޮޖެކް މެނޭޖަރ ވީ. މަދުސްދަނަން އެވެ.

އެއްއަހަރު ދުވަހަށް ސޮއި ކުރި މިއެގްރީމަންޓްގެ ދަށުން 7500 ކިއުބިކް މީޓަރގެ ރެޑީމިކްސް ކޮންކުރީޓް ގަތުމަށް އެފްކޮންއިން ވަނީ އެއްބަސްވެފައެވެ.

މިޕްރޮޖެކްޓަށް ކޮންކްރީޓް ސަޕްލައި ކުރުމަށްޓަކައި ވޭތުވެދިޔަ 5 މަސްދުވަހުގެ ތެރޭގައި މިކަމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް އެސްޓީއޯއިން ވަނީ ފުރިހަމަ ކޮށްފައެވެ. އެގޮތުން ސަޕްލައިކުރާ ކޮންކްރީޓަކީއަކީ ހައި ސްޓްރެންގތު ކޮންކުރީޓަށް ވުމާއިއެކު އެކަމަށް ބޭނުންވާ އިތުރު ވަސީލަތްތައް އެސްޓީއޯގެ ރެޑީމިކްސް ޕްލާންޓުގައި މިހާރުވަނީ ގާއިމްކޮށްފައިކަމަށް އެކުންފުނިން ބުނެއެވެ.

ރާއްޖޭގައި ހިންގޭ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު ޕްރޮޖެކްޓަށް ކޮންކްރީޓް ސަޕްލައި ކުރުމަށް އެސްޓީއޯއަށް ފުރުސަތު ލިބިގެން ދިޔުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމުގައި އެކުންފުނިން ވަނީ ބުނެފައެވެ.

ތިލަމާލެ ބްރިޖް މަޝްރޫއު ކުރިޔަށްގެންދިޔުމަށް ހަވާލުކޮށްފައިވަނީ އިންޑިޔާގެ އެފްކޯންސް ކޮންސްޓްރަކްޝަނާއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، އޮގަސްޓު މަހުގެ 26 ވަނަ ދުވަހުގައެވެ.

މި މަޝްރޫއުގެ ދަށުން 6.7 ކިލޯ މީޓަރުގެ ދިގު ބްރިޖް އަދި ކޯސްވޭއިން މާލެއާއި ވިލިމާލެއާއި، ތިލަފުށި އަދި ގުޅީފަޅު ގުޅާނާލެއެވެ.

މާލެއިން ތިލަފުއްޓާ ހަމައަށް އަޅާ ބުރިޖަކީ 140 މީޓަރުގެ ނެވިގޭޝަނަލް ބުރިޖެކެވެ. އަދި ބުރިޖުގެ ދަށުން ފުން ހިސާބުތަކުގައި 141 މީޓަރުގެ ވިއަޑަކްޓާއި، ތިލަ ހިސާބުތަކާއި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް އަދި 2.9 ކިލޯމީޓަރުގެ މެރިން މަގުތައް ހިމެނޭނެއެވެ.

މި މަޝްރޫއަށް ބޭނުންވާ މާލީ އެހީ ހަމަޖައްސާފައިވަނީ އިންޑިއާ ހިލޭ އެހީ އާއި ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އެގޮތުން މި މަޝްރޫއަށް 100 މިލިއަން ޑޮލަރުގެ ގްރާންޓް އަދި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އިންޑިއާ ސަރުކާރުން ދީފައިވެއެވެ.

މި މަޝްރޫއު ޑިޒައިންކޮށްފައިވަނީ، މާލެއާއި ވިލިމާލެ ބްރިޖު ގުޅޭ ހިސާބުގައި ޓްރެފިކް ލައިޓު ހަރުކުރެވިފައި ހުންނާނެގޮތަށެވެ. އަދި ގުޅީފަޅާއި ތިލަފުށި ބްރިޖުގައި ވައްބުރު ޖަންކްޝަނަކާއި، ކޮންމެ ރަށެއްގައިވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންތައް ހުންނާނެއެވެ. މީގެއިތުރުން ސޯލަރ ޕެނަލްތައް ހަރުކޮށް ބޮކިތައް އީޔާދަކުރަނިވި ހަކަތައިން ދިއްލޭ ނިޒާމުވެސް ގާއިމްކުރަން ވަނީ ނިންމާފައެވެ.

މި މަޝްރޫއުގެ ދަށުން މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ޖުމްލަ 3 ބްރިޖް ހެދުމަށް ވަނީ ހަމަޖެހިފައެވެ.