ރަޖިސްޓަރީނުކޮށް މާލޭގައި ފުޅާ ދާއިރާއެއްގައި ހިޖާމާ ޖެހުމުގެ ހިދުމަތް ދެމުން ދިޔަ “ފަޒީސް ހިޖާމާ ތެރަޕީ” ހެލްތު މިނިސްޓްރީން ހުއްޓުވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ފަޒީލާ ނަމަކަށް ކިޔާ ދިވެހި އަންހެނަކު އިސްވެގެން ހިންގާ ހިޖާމާ ކުލިނިކު ވަނީ މިހާރު ބަންދުކޮށްފައެވެ. މައުލޫމާތު ލިބޭ ގޮތުގައި އެތަން ބަންދުކުރީ ގާނޫނާއި ގަވާއިދާ ޚިލާފަށް ހިންގާ ނަމަ އެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށައަޅާނެ ކަމަށް ހެލްތު މިނިސްޓްރީން އިންޒާރު ދިނުމުންނެވެ.

ފަޒީސް ހިޖާމާ ތެރަޕީގެ ނަމުގައި ކުލިނިކެއް ހިންގަމުން ދިޔަ ފަޒީލާއަކީ ހިޖާމާ ޖެހުމާ ގުޅޭ އެއްވެސް ކޯހެއް ފުރިހަމަކޮށްފައިވާ މީހެއް ނޫނެވެ. އޭނާ އެކަން ކުރަން ދަސްކުރީ އަމިއްލައަށް މީހުން އެކަންކުރާ ގޮތް ބަލައިގެންނެވެ.

ހެލްތު މިނިސްޓްރީގައި އެ ފަދަ ތަނެއެް ރަޖިސްޓަރީ ކުރެވެނީ އެ ފަދަ ކޯހެއް ފުރިހަމަކޮށްފައިވާ މީހަކަށެވެ.

އެތަން ރަޖިސްޓަރީނުކޮށް ހިންގާތީ، ހެލްތު މިނިސްޓްރީން މީގެ ކުރިން ވަނީ އެތަން ރަޖިސްޓާކޮށް ގަވައިދުގެ ތެރެއަށް ވެއްދުމަށް އެތައް ފަހަރަކު ނަސޭހަތްތެރިވެ އަންގައިފައެވެ. ނަމަވެސް ފަޒީލާ ދިޔައީ އެ ހުއްދަ ނުނަގައި ވިޔަފާރިކޮށް ބޮޑު އާމްދަނީއެއް ހޯދަމުންނެވެ.

ނަމަވެސް ކުއްލިއަކަށް އޭނާގެ ވިޔަފާރީގެ މައްސަލަ ހޫނުވީ، ހަކުރު ބަލީގެ ފަރުވާ އަށް އިންސިއުލިން ޖެހުމުގެ ބަދަލުގައި ހިޖާމާ ޖެހުމަށް އެދި އެ ސެންޓަރުން ފޭސްބުކްގައި ލިޔުނު ޕޯސްޓަކާ ގުޅިގެންނެވެ.

ފަޒީލާ އޭނާގެ ދިފާއުގައި މީގެ ކުރިން ބުނެފައި ވަނީ ކުލިނިކަށް ހުއްދަ ނުދިން ނަމަވެސް ރާއްޖޭގެ މީހުންނާއި ބޭރުގެ މީހުންވެސް އޭނާ ބަލައިގެންފައިވާ ކަމަށެވެ. އެހެންކަމުން އެ މަސައްކަތް ނުހުއްޓުވޭނެ ކަމަށް ބުނެ ދައުލަތުގެ ވުޒާރާތަކަށާއި އޭނާއާ ދެކޮޅަށް ހިޔާލުފާޅުކުރާ މީހުންނަށް އޭނާ ވަނީ ގޮންޖަހާފައެވެ.