އަސްރަފީގެ ސްޓޯލެއް ހިމެނޭހެން ގިނަ އަދަދެއްގެ ސްޓޯލްތަކާއެކު ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން އެސްޓީއޯ ސުޕަމާކެޓުގައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ.
“އައިވީ ކިޑްސް އިވްނިން”ގެ ނަމުގައި ބޭއްވި ހަވީރުގައި ރޮބޯމޭންގެ ހަރަކާތްތަކާއި ފޭސް ޕެއިންޓިން އާއި އާޓް އެންޑް ކްރާފްޓް ފަދަ ކުޅިވަރުތަކުގެ އިތުރުންވެސް ގިނަ ކަންކަން ކުޑަކުދިންނަށް ހާއްސަކޮށްގެން ކުރިޔަށްގެން ގޮސްފައިވެއެވެ.
މިއީ އެސްޓީއޯގެ އިސްނެގުމަކަށް ގިނަ އަދަދެއްގެ ވިޔަފާރިތަކެއް ގުޅިގެން ބޭއްވި ހަވީރެކެވެ. މި ހަރަކާތުގައި، އެސްޓީއޯގެ ޕީޕަލް ޗޮއިސްގައި ހުންނަ އަސްރަފީގެ އައުޓްލެޓުން ވަނީ، ކުޑަކުދިން ގަޔާވާނެ ކަހަލަ އައިޓަމްތަކެއް ހިމަނާފައެވެ.
އެގޮތުން، ފޭސް ޕެއިންޓިން، ޑޫޑުލް ވޯލްގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ކުލަޖައްސާނެ ކަރުދާސްތަކެއް ވެސް މި ހަރަކާތުގައި އަސްރަފީން ފޯރުކޮށްދިނެވެ.
މީގެ އިތުރުން، ކުޑަކުދިންގެ ދުވަހުގެ ހަވީރު އޮތް މި ހަރަކާތުގައި އެސްޓީއޯއިން ދިން ހަދިޔާގެ އިތުރަށް އަސްރަފީން ވަނީ ހަރަކާތުގައި ބައިވެރިވި ކުދިންނަށް ހާއްސަ ހަދިޔާ ޕެކެއް ވެސް ދީފައެވެ.
އަސްރަފީ ފާހަގަކުރެވެނީ ކުޑަކުދިންނާ ގުޅުން ހުރި މި ފަދަ ކޮންމެ ކަމެއްގައި ވެސް ވަރަށް ބޮޑަ ހަރަކާތްރިވެ އެހީތެރިކަން ފޯރުކޮށްދޭ ބައެއްގެ ގޮތުގައެވެ.