މިއަހަރު ޤަތަރުގައި އޮންނަ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ މެޗެއް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ދައުވަތު އަރުވައިފިއެވެ.

ރައީސް ސާލިހަށް މި ދައުވަތު އެރުވީ، އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ ޚާލިދު ޙަސަން އަލް ހަމާދީއެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ކުރިއަށް ގެންގޮސްފައިވާ މި ބައްދަލުކުރެއްވުމުގައި އުރީދޫ މޯލްޑިވްސްގެ ސީ.އީ.އޯ ވަނީ ވަރލްޑްކަޕްގެ މެޗެއް ބައްލަވާލެއްވުމަށް ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ދަޢުވަތު އަރުވާފައެވެ. އަދި ވަރލްޑްކަޕްގައި ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ ބޯޅައެއް މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނަށް ވެދުމަށް އަރުވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނާ އުރީދޫ މޯލްޑިވްސްގެ ސީ.އީ.އޯ ވަނީ އުރީދޫން ރާއްޖޭގައި ދެމުން އަންނަ ހިދުމަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ދުނިޔޭގައި ބާއްވާ އެންމެ ޝަރަފުވެރި އަދި އެންމެ ބޮޑު ކުޅިވަރު މުބާރާތް، ފީފާ ވޯލްޑް ކަޕުގެ 22 ވަނަ މުބާރާތް ގަތަރުގައި މިފަހަރު ބާއްވާއިރު، މި މުބާރާތް ވާނީ އެއް ގޮތައްވުރެ ގިނަ ގޮތްގޮތުން ތަފާތު މުބާރާތަކަށެވެ.

މިއީ އަރަބި ގައުމެއްގައި ބާއްވާނެ ފުރަތަމަ އަދި އޭޝިއާ ބައްރުގައި ބާއްވާނެ ދެވަނަ ވޯލްޑް ކަޕެވެ. އަދި މިއީ 32 ޓީމާއެކު ވޯލްޑް ކަޕް ކުޅޭނެ ފަހު ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ. ފީފާ އިންވަނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕުން ފެށިގެން މި މުބާރާތުގައި 48 ޓީމު ކުޅޭގޮތަށް ނިންމާފައެވެ.

މީގެއިތުރުން މިއީ އަހަރުގެ މެދުތެރޭގައި ނޫން ގޮތަކަށް މުބާރާތް ކުޅޭނެ ފުރަތަމަ ފަހަރެވެ. މީގެކުރިން މެއި، ޖޫން، ޖުލައި މި ތިންމަހުގެ ތެރޭގައި ވޯލްޑް ކަޕް ކުޅޭއިރު މިފަހަރުގެ ވޯލްޑް ކަޕް ކުރިއަށް ދާނީ 21 ނޮވެމްބަރުން ފެށިގެން 18 ޑިސެމްބަރުގެ ނިޔަލަށެވެ.