އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އާމެދު މި ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެއްޖެ ކަމަށް ވިދާޅުވެ، ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ، ކޯލިޝަން ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ހަތަރު ޕާޓީއެއް އިއްތިހާދުވެގެން އުފައްދާފައިވާ ސަރުކާރަށް އަބްދުލްރަހީމް ފާޑުވިދާޅުވީ، މިއަދު ޕީޕީއެމް އޮފީސްހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.

އަބްދުލްރަހީމް މި ފަދައިން ވިދާޅުވީ، 'މޯލްޑިވްސް ޔޫތު ފޯސް'ގެ ނަމުގައި އުފައްދާފައިވާ މޫވްމަންޓަކުން ރައީސް ޔާމީން "ސައިޒުކުރާނެ ކަމަށް ބުނެ" އިންްޒާރު ދިން މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތާއި ގައުމީ ދިފާއީ ބާރަށް އަދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވީ ނަމަވެސް އެކަމާއި ގުޅިގެން މިހާތަނަށް އަދި ފިޔަވަޅެއް އެޅިފައި ނެތީމައެވެ.

ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އަބްދުލްރަހީމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ އަމިއްލަ މައްސަލައެއް ރޭގެ ވަގުތެއްގައި އެ އިދާރާއަށް ހުށަހެޅިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބެލުމަށް ދައުރުން ބޭރުން ކޮމެޓީ ބައްދަލުވުމެއް ބާއްވަން އުޅޭ ކަމަށް ވިދާޅުވިއެވެ.

އަބްދުލްރަހީމް ވަނީ، އެ އުސޫލުން ރައީސް ޔާމިނާމެދު ކަން ނުކުރެވޭތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އޭނާ ވިދާޅުވީ، މި ހިނގާ ކަންކަމުގެ ވަށައިގެން ހުރި ކަންކަމަށް ބަލާލުމުން، ރައީސް ޔާމީނާ ދޭތެރޭގައި މި ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެއްޖެކަން ސާފުކޮށް އެނގޭ ކަމަށެވެ.

އަބްދުލްރަހީމްގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެއްވީ، ރައީސް ޔާމީންގެ ސެކިއުރިޓީއަށް ވުޒާރާތަކުން އިސްކަން ނުދިނުމެވެ.

އަބްދުލްރަހީމް ވިދާޅުވީ, ރައީސް ޔާމީނަށް މި ސަރުކާރުން ދެމުންދާ އަނިޔާ އާއި، އެމަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަމަށް މި ސަރުކާރުން އަޅާލުމެއް ނުދިނުމާއި، އެމަނިކުފާނަށް ދިމާވާ ކަންކަމާ ދޭތެރޭ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަތުން ހިމެނޭހެން ހުރިހާ ކަމަކާ ދޭތެރޭގައި ވެސް އެކޯލިޝަނުގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް ކަމަށެވެ.

މިކަންކަން ތަކުރާރުވަމުން ދިއުމަކީ ޕީޕީއެމް އަދި ޕީއެންސީއަށް ތާއީދުކުރާ ހުރިހާ ރައްޔިތުންގެ ވެސް އޮތް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.