ސްރީލަންކާގައި ސަރުކާރާ ދެކޮޅަށް ވެރިރަށް ކޮޅުނބުގައި އާންމުން މިހާރު ކުރަމުންދާ މުޒާހަރާތައް ހުއްޓާނުލައި ކުރިއަށް ގެންދަން ޖެހޭނޭ ކަމަށް، ސްރީލަންކާގެ ވަގުތީ ސަރުކާރުގެ ބޮޑުވަޒީރުކަމަށް އައްޔަން ކުރެވުނު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.

ރަނިލް މިހެން ވިދާޅުވީ، ބޮޑުވަޒީރުކަމަށް އިސްކުރެވުނު ފަހުން ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރަނިލް ވިދާޅުވީ "ގޮޓަގޯގަމަ" ގެ ނަމުގައި ކުރަމުންދާ މުޒާހަރާއަށް ފުލުހުންވެސް ހުރަސް ނާޅާނޭ ކަމަށެވެ.

އައު ބޮޑުވަޒީރު މިހެން ވިދާޅުވިއިރު، ގޯލްފޭސްގައި މުޒާހާރަކާ ކުރަމުންދާ މީހުން އެތަން ދޫކޮށް ދިއުމަށް ފުލުހުންވަނީ ބުދަދުވަހު އެދިފައެވެ. ފުލުހުން އެކަމަށް އެދުނީ، މުޅި ސްރީލަންކާގައި ކާފިއު ހިންގާފައި އޮތުމާ އެކުއެވެ.

ކޮޅުނބުގެ ގޯލްފޭސް ސަރަހައްދުގައި ސްރީލަންކާގެ އާންމުން ސުލްހަވެރިކަމާއެކު މުޒާހަރާ ކުރަމުންދާތާ އެތައް ދުވަހެއް ވެއްޖެއެވެ. ފަހުން އެތަނުގައި ކޭމްޕް ޖަހައިގެން ތިބެން ފަށާފައި ވެއެވެ.

އެމީހުން ގޮވަމުންދިޔައީ ރައީސް ގޮޓަބާޔަ ރާޖަޕަކްސައާއި، ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާއި ސަރުކާރު އިސްތިއުފާ ދިނުމަށެވެ.

މުޒާހަރާ މައިތިރިކުރަން ބޮޑުވަޒީރު ފިޔަވައި، ސަރުކާރުގައި ތިއްބެވި ރާޖަޕަކްސަ އާއިލާގެ ހުރިހާ މެމްބަރުން ދުރުކުރައްވައި، ރައީސް އަލުން ކެބިނެޓެއް އެކުލަވާލެއްވުމުންވެސް މުޒާހަރާ ހުއްޓާލުމުގެ ކޮޅުމައްޗަށް ނުފެނި ދިޔައީ އިތުރަށް ވަރުގަދަ ވަމުންނެވެ.

ސްރީލަންކާގެ މަސްރަހް އިތުރަށް ގޯސްގެގެންދިޔައީ، މަހިންދަ ރާޖަޕަކްސަގެ ސަޕޯޓަރުން ގޯލްފޭސްއާއި، ޓެމްޕަލް ޓްރީ ކައިރީގައި މުޒާހަރާ ކުރަމުންދިޔަ މީހުންނަށް ހަމަލާދީ ބޮޑެތި ގެއްލުންތައް ދޭން ފެށުމުންނެވެ. މައްސަލަ ވަރަށް ގޯސްވުމުން މަހިންދަ ރާޖަޕަކްސަ ހަމަ އެދުވަހުވަނީ އިސްތިއުފާ ދެއްވާފައެވެ.

މަހިންދަ ރާޖަޕަކްސަގެ ސަޕޯޓަރުން ދިން ހަމަލާތަކާ ގުޅިގެން، ސަރުކާރާ ދެކޮޅަށް ސުލްހަވެރި މުޒާހަރާ ކުރަމުންދިޔަ މީހުން ރަށުތެރެއަށް ނުކުމެ މަހިންދަ ރާޖަޕަކްސަގެ ޕާޓީއަށް ނިސްބަތްވާ ޕާލަމެންޓު މެމްބަރުންގެ ގައިގައި ތަޅައި އަނިޔާކޮށް އެތައް މެމްބަރުންގެ ގެދޮރާއި ވެހިކަލްތަކުގައި ހުޅުޖަހައި އަންދާލާފައި ވެއެވެ.

ސަރުކާރާ ގުޅުންހުރި ސިޔާސީ ކޮންމެ މީހަކު ފަހައި އަތުލައި ހަމަލާތައް ދެމުން ގެންދިޔައެވެ. އަދި މަހިންދަ ރާޖަޕަކްސައާއި އޭނާގެ އާއިލާއަށް ނިސްބަތްވާ އެތައް ތަނެއްގައި ހުޅުޖަހައި އަންދާލާފައި ވެއެވެ. އާންމުން ހޯދަން ފެށުމުން މަހިންދަ ރާޖަޕަކްސައަށްވެސް ޖެހިވަޑައިގެންނެވީ ފިއްލަވާށެވެ.

ކޮޅުނބުގައި ހިނގި ހާދިސާތަކުގެފަހުން މުޅި ސްރީލަންކާގައި ކާފިއު ހިންގާފައި އޮތްނަމަވެސް އަދި ސިފައިންނާއި ފުލުހުންނަށް ބަޑިޖެހުމުގެ ހުއްދަ ދިން ނަމަވެސް އާންމުން މުޒާހަރާ ހުއްޓާލަން އުޅޭކަމުގެ ކޮޅުމައްޗެއް އަދިވެސް ނުފެނެއެވެ. އެއީ، ރައީސް ގޮޓަބާޔަ އަދިވެސް މަގާމުގައި ދެމިހުންނެވުމުންނެވެ.

އިދިކޮޅު ބައެއް ފަރާތްތަކުން ވިދާޅުވަނީ، ބޮޑުވަޒީރުކަމަށް ރަނިލް ވިކްރަމަސިންހަ އިސް ކުރެއްވުމުގެ އެއްވެސް ހައިސިއްޔަތެއް ރައީސަށް ލިބިގެން ނުވާ ކަމަށެވެ. އެއީ، ރައްޔިތުން ޑިމާންޑްކުރަމުން ދިއުމާއެކުވެސް މަގާމުގައި ދެމި ހުންނެވުމާއި، ރައީސާ ދެކޮޅަށް ޕާލަމެންޓަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅިފައިވާތީއެވެ. އަދި ރަނިލްއަކީ ޕާލަމެންޓްގެ ގޮނޑިވެސް ކާމިޔާބު ނުކުރެއްވުނު ބޭފުޅެއްކަން އިދިކޮޅުން ފާހަގަ ކުރައްވަފައެވެ.

އެހެން ނަމަވެސް، ސްރީލަންކާގައި މީގެކުރިންވެސް ބޮޑުވަޒީރުކަން ކުރައްވާފައިވާ ރަނިލް ވިކްރަމަސިންހަވަނީ، ޕާލަމެންޓްގެ އަޣުލަބިއްޔަތުގެ ތާއީދު އޭނާއަށް އޮތްކަން ސާބިތުކޮށްދެއްވާނެ ކަމަށެވެ.