އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބާ ގުޅިގެން ކުރިއަށްގެންދާ ބަހުސްތަކުން ހާމަވަނީ އެމްޑީޕީއަކީ ވެރިކަމަށް ކުފޫހަމަވާ ޕާޓީއެއް ނޫންކަން ކަމަށް މި ސަރުކާރުގެ ފުރަތަމަ ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހް ޖަމާލު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއަރޕާރސަންގެ އިންތިޚާބުގެ ބަހުސްތައް ކުރިއަށްދާ ގޮތުގެ މައްޗަށް ބިނާކޮށް ޓުވީޓުކުރައްވާ މަލީހު ވިދާޅުވީ އެމްޑީޕީ އަކީ ވެރިކަމަށް ކުފޫ ހަމަވާ ބައެއް ނޫން ކަމަށާއި މަޖިލީހުގެ މެޖޯރިޓީގެ ބޭނުންކޮށްގެން އެމްޑީޕީން ދަނީ ނާޖާއިޒު ފައިދާ ނަގަމުން ކަމަށެވެ.

"އެމްޑީޕީގެ ޑިބޭޓްތަކުން ފަޅާއަރަމުންދަނީ އެމްޑީޕީގެ ވައްކަމާ ކޮރަޕްޝަން. ގޫޑް ގަވަރނަންސްގެ ކަންފުޅެއް ނެތްކަން. ހައްލަކީ އެމްޑީޕީއަށް ނޫނެކޭ ބުނުން.."
މުހައްމަދު މަލީހް ޖަމާލް

މީގެ ކުރިންވެސް މަލީހް ވަނީ 65 ގޮނޑި ހޯދައިގެން އެމްޑީޕީން އަދިވެސް ދައްކަނީ ބަހަނާކަމަށާއި އެމްޑީޕީން އަދިވެސް ދަނީ ރައްޔިތުންނަށް އޮޅުވާލަމުންކަމަށް ތުހުމަތުކުރައްވާފައިވެއެވެ.

މަލީހަކީ މިސަރުކާރު ގެނައުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެއްގެ އިތުރުން، ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވަޒީރުންގެ މަޖިލީހުގައިވެސް ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ.

ނަމަވެސް މަޖިލީހުން އިތުބާރު ނެތްކަމަށް ފާސްކޮށް މަޤާމުން ވަކިކުރުމުން އިދިކޮޅު ޕީޕީއެމާއި ގުޅިވަޑައިގެންނެވި މަލީހް ވިދާޅުވީ، އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބާ ގުޅިގެން ކުރިއަށްގެންދާ ބަހުސްތަކުން ފަޅާއަރަމުންދަނީ އެމްޑީޕީގެ ވައްކަމާ ކޮރަޕްޝަން ކަމަށެވެ. އެމްޑީޕީގައި ހެޔޮ ވެރިކަމެއް ކޮށްދިނުމުގެ ކަންފުޅެއް ނެތްކަމަށް މަލީހް ވިދާޅުވިއެވެ. އޭގެ އިތުރުން ދިވެހިންނަށް އޮތް ހައްލަކީ އެމްޑީޕީއަށް ނޫނެކޭ ބުނުން ކަމަށް މަލީހް ވަނީ މީގެކުރިން ވިދާޅުވެފައެވެ.

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގެ ބަހުސްތަކުގައި އެއްބޭފުޅަކު އަނެއް ބޭފުޅެއްގެ ބޮލުގައި ވައްކަމާ ޚިޔާނާތާ ނާޖާއިޒް ފައިދާ ހޯދުމުގެ ތުހުމަތުތައް އަންނަނީ އަޅުވަމުންނެވެ. މި އިންތިޚާބުގައި އެމްޑީޕީގެ ޗެއަރޕާރސަންގެ މަގާމަށް ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލާއި މާފަންނު އުތުރުދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވޯޓްލުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 9އަކުން ހަވީރު 4 ކަށެވެ. މި އިންތިޚާބުގައި އެމްޑީޕީގެ ޗެއާޕާސަން އަކު ހޮވުމާއި އަންހެނުންގެ ގޮފީގެ ރައީސް ކަމަށް ބޭފުޅަކު ހޮވުމާއި ޒުވާނުންގެ ހިތްވަރަށް ބޭފުޅުން ހޮވަން ވަނީ ހަމަޖެހިފައެވެ.