ދައުލަތުގެ ޓެކްސް އިދާރާ، މީރާއަށް މިދިޔަ އޭޕްރީލް މަހު 1.63 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން ބުނެފިއެެވެ.

މިދިޔަ މަހު 1.63 ބިލިއަން ރުފިޔާ މީރާއިން ބަލައިގެންފައިވާއިރު، މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 14.7 އިންސައްތަ އިތުރު އަދަދެކެވެ. އަދި މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 45.8 އިންސައްތަ އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، އެޕްރީލް 2021 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު އެޕްރީލް 2022 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ދިވެހިރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމާއެކު، ޓޫރިޒަމް ދާއިރާއާ ގުޅުންހުރި ޓެކްސްތަކުން ލިބިފައިވާ އާމްދަނީ އިތުރުވުމާއި، އެއަރޕޯޓް ޓެކުހާއި ފީ ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާއެކު އާމްދަނީއަށް ލިބިފައިވާ ކުރިއެރުމެކެވެ. އަދި ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ (ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ)ގެ ގޮތުގައި ބޮޑު އާމްދަނީއެއް ލިބިފައިވުމާއެކު ޖުމުލަ އާމްދަނީއަށް ލިބުނު ކުރިއެރުމެކެވެ.

އެޕްރީލް 2022 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 60.0 އިންސައްތަ ނުވަތަ 977.88 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީއިންނެވެ. އެއީ 9.4 އިންސައްތަ ނުވަތަ 153.60 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން، އިންކަމް ޓެކްސްގެ ގޮތުގައި 124.72 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 87.25 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 76.71 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 210.12 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މިދިޔަ މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 72.65 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.