ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 65 ރުފިޔާ ބަހަން ނިންމައިފިއެވެ.

އެސްޓީއޯއިން ބުނީ، މިދިޔަ އަހަރު އެކުންފުންޏަށް ލިބުނު ފައިދާއިން، ހިއްސާއަކަށް 65 ރުފިޔާ ބަހަން ހުށައެޅުމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާކަމަށެެވެ.

ހިއްސާއަކަށް 65 ރުފިޔާ ބަހަން ޑިރެކްޓަރުންގެ ބޯޑުން ނިންމި ނަމަވެސް، ހިއްސާއަކަށް މި އަދަދު ބަހާނީ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްގެންނެވެ.

މިދިޔަ އަހަރު، ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި އެކުންފުނިން ޖުމްލަ 571 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ އޭގެކުރީ އަހަރާ އަޅާބަލާއިރު 32 އިންސައްތައިގެ ކުރިއެރުމެކެވެ. ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 478 މިލިއަން ރުފިޔާ ލިބުނުއިރު އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 33 އިންސައްތައިގެ ކުރިއެރުމެކެވެ.

ހިއްސާއަކަށް 65 ރުފިޔާ ބަހަން ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާއިރު، އެ ކުންފުނިން މިދިޔަ އަހަރު ހިއްސާއަކަށް ބަހާފައި ވަނީ 60 ރުފިޔާއެވެ.