ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވަމުން އަންނަ "ބީއެމްއެލް ވައު ކިޑްޒް ރަން"ގެ މިއަހަރުގެ ދުވުން ކާމިޔާބު ކަމާ އެކު ނިންމާލައިފިއެވެ.
ހަތަރު އުމުރު ފުރާއެއްގެ 1000 ކުދިންނާއި އެކުދިންގެ ބެލެނިވެރިންނާއެކު މި ދުވުން ބޭއްވީ މިއަދު ހެނދުނު ހުޅުމާލޭގައެވެ.
ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސަޢީދު ވިދާޅުވީ، ޓީއެފްޖީއާއެކު މި ދުވުން މިއަހަރަވެސް ވަރަށް ފުރިހަމަ ގޮތެއްގައި ބޭއްވުމަކީ ވަރަށް ބޮޑު އުފަލެއްކަމަށެވެ. މިއީ ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިންމުކަން ކުޑަކުދިންނަށް އުނގަންނައިދިނުމުގެ ބޭނުމުގައި ބާއްވަމުންދާ ހާއްސަ ހަރަކާތެއްކަމަށް ސައީދު ވިދާޅުވިއެވެ.
މި ދުވުން ކުރިއަށް ގެންގޮސްފައިވަނީ 4 އަހަރާއި 6 އަހަރާ ދެމެދުގެ ކުދިންނަށް 1.3 ކިލޯ މީޓަރ ދިގުމިނަށް، 6 އަހަރާއި 8 އަހަރާ ދެމެދުގެ ކުދިންނަށް 2 ކިލޯ މީޓަރ ދިގުމިނަށް އަދި 8 އަހަރާއި 10 އަހަރާ ދެމެދުގެ ކުދިންނަށް 3 ކިލޯ މީޓަރ ދިގުމިނަށް، 10 އަހަރާއި 13 އަހަރާ ދެމެދުގެ ކުދިންނަށް 4 ކިލޯ މީޓަރުގެ ދިގުމިނަށެވެ.
ދުވުމުގައި ބައިވެރިވެ ކޮންމެ ކުއްޖަކު ވެސް ދުވުން ނިންމި ވަގުތު ވަނީ މެޑަލް ދީފައެވެ. ބީއެމްއެލް ވާއު ކިޑްސް ރަން އަކީ ގިނަ އަދަދެއްގެ ކުޑަކުދިންގެ ތަރުހީބު ކޮންމެ އަހަރަކުވެސް ލިބޭ ދުވުމެކެވެ. މިއީ ބީއެމްއެލް އާއި ޓީއެފްޖީ ގުޅިގެން މި ދުވުން ބޭއްވި ފަސްވަނަ އަހަރެވެ.