ދުންޔަވީ ބަލިތަކާއި އާފާތްތަކުން ދަރިން ރައްކާތެރިކުރާފަދައިން، އެދަރިން ނަރަކައިން ރައްކާތެރިކުރަން މަސައްކަތްކުރޭތޯ މިއަދުގެ ހުކުރު ޚުޠުބާގައި ސުވާލުއުފައްދައިފިއެވެ.

މުޅި ރާއްޖޭގައި މިއަދު އިއްވި ހުކުރު ޚުޠުބާ ޚާއްސަކޮށްފައިވަނީ، "ދަރީންގެ ޢަޤީދާ ރައްކައުތެރިކުރުމަށް ތަރުބިޔަތު ދިނުން" މި މައުޟޫއަށެވެ.

ޚުޠުބާގައި ބުނެފައިވަނީ، ދަރިންނަކީ ބޮޑުވެގެންވާ ނިޢުމަތެއްކަމަށެވެ. އެއީ އެކުދިންގެ ސަބަބުން ލޮލަށް ފިނިކަންލިބި، ކުރިމަގު އުޖާލާވެ، ޙަޔާތް ބާއްޖަވެރިވާތީކަމަށެވެ. މައިންބަފައިން އެމީހުންގެ ދަރީން ތަފާތު ބަލިތަކުން ޙިމާޔަތްކުރުމަށާއި، ހަށިގަނޑުގެ ދިފާއީ ބާރު ވަރުގަދަކުރުމަށް، ވެކްސިން ޖަހައި، އޭގެ ޑޯޒުތައް ފުރިހަމަ ކުރާކަމަށާއި، ވާބައްޔާއި، އިދިފުށަށް ދަމާ ބައްޔާއި، ހޯއްގޮވާ ކެއްސުމާއި، ހިމަބިއްސާއި، ޑިފްތީރިޔާ އާއި، ކެއްސުންބަލި ފަދަ ބަލިތަކުން ރައްކާތެރިކަން، ހޯދައިދިނުމަށްޓަކައި މަސައްކަތްކުރާކަންވެސް ހުތުބާގައި ފާހަަގަކޮށްފައިވެއެވެ.

ހުތުބާގައި ވަނީ، ދަރީން، ދުންޔަވީ ބަލިތަކާއި އާފާތްތަކުން ރައްކައުތެރިކުރަން މަސައްކަތްކުރާ ފަދައިން، އައްތަޙްރީމު ސޫރަތުގެ ހަ ވަނަ އާޔަތުގައި، މާތް ﷲ އަންގަވާފައިވާ ގޮތަށް، އެދަރީން ނަރަކައިން ސަލާމަތްކުރުމަށް، އެކަށީގެންވާ މަސައްކަތެއް ކުރެވޭތޯ ސުވާލުކޮށްފައެވެ. އަދި އެކުދީން އިލްޙާދާއި، ލާދީނިއްޔަތުން ސަލާމަތް ކުރުމަށް،، ރަނގަޅު ދީނީ ތަޢުލީމެއް ދެވޭތޯވެސް ސުވާލުކޮށްފައިވެއެވެ.

މާތް ﷲ، އެއާޔަތުގައި، އަޅުގަނޑުމެންނަށް އަމުރުކުރައްވަނީ، އަހަރެމެންގެ އަމިއްލަ ނަފްސުތަކާއި، އަހަރެމެންގެ އަނބިދަރީން ނަރަކައިންސަލާމަތްކުރުމަށެވެ! މުސްލިމް އަޚުންނޭވެ! ބައެއް މައިންބަފައިން މިއަދު ދައްކާ ވާހަކައަކީ، އެމީހުންގެ ދަރީން ކުއްލިއަކަށް ނަމާދާ ދުރުހެލިވާ ވާހަކައެވެ. ފޯނާއި ކޮމްޕިޔުޓަރުފަދަ ޒަމާނީ ވަސީލަތްތަކުގެ ތެރެއަށް ގެނބި، މާތް ﷲ ޙަރާމްކުރެއްވި ކަންތައްތަކަށް އަރައިގަންނަމުންދާވާހަކައެވެ. ކުއްލިއަކަށް މާބޮޑަށް މިނިވަންވެ، މައިންބަފައިންނަށް ނުވެސް އެނގި، ޙަޔާތުގެ ބައިވެރިޔަކު ހޯދުމުގެ މަސައްކަތްފަށް ވާހަކައެވެ. މިފަދަ ބަލިތަކާއި، ރޯގާތައް އެކުދީންނަށް މިޖެހެނީ، އެފަދަ ކަންކަމުން އެކުދީން ޙިމާޔަތްކުރުމަށް އަޅަން ޖެހޭ ހަރުދަނާ ފިޔަވަޅުތައްނާޅާތީއެވެ.
ހުތުބާ

މިކަމަށް އަޅަންޖެހޭ ފުރަތަމަ ފިޔަވަޅަކީ، އީމާންކަމުގެ ތަރުބިޔަތުދިނުމުގެ ފިޔަވަޅުކަން ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ، ތަރުބިޔަތު ދޭންވާނީ އޯގާވެރިކަމާއި ލޯތްބާ އެކުގައިކަމަށެވެ. ޅަދަރީން ލައްވާ ގަދަކަމުން ނަމާދުކުރުވައި، ރޯދަހިއްފުއްވާ ނަމަ އެކުދިން އެކަންކަން ކުރާނީ ކުރާ ހިތަކުންނޫންކަމަށެވެ. އޭރުން އެކުދީން ބޮޑުވަމުން އެއަންނަނީ، ބިރުވެރި މާޙައުލެއްގައިކަން ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ. އަދި އޭގެ ނަތީޖާއަކަށްވާނީ، ދީނަށް ނަފްރަތުކުރުންކަމަށް ބުނެފައިވެއެވެ.

އިސްލާމްދީން އަޅުގަނޑުމެންނަށް ގޮވައިލަނީ، އޯގާވެރިކަމާއި، ލޯތްބާއި، ކުލުނާއެކު، ދަރީންނަށް ދީނީ ތަރުބިޔަތުދިނުމަށެވެ. ކީރިތި ރަސޫލާ އަންގަވާފައިވަނީ، ހަތް އަހަރުގައި، އެ ކުދީންނަށް ނަމާދު ކުރުމަށް އަމުރުކުރުމަށެވެ. ރިވެތި ނަމޫނާ ދައްކައިގެން އެކުދިން ތަރުބިޔަތުކުރުމަށެވެ. ބައްޕައަށް އިޙްތިރާމުކުރުމަށް ބުނާ ބައްޕަ، މަންމައާ ޒުވާބު ކުރާތަން ފެންނަނަމަ ދަރިންނަށް އިޙްތިރާމުގެ ފިލާވަޅެއް ނުލިބޭނެއެވެ. މަންމަ ދެކެ ލޯބިވުމަށް ބައްޕަ ބުނާއިރު، މަންމަގެ މައްޗަށް ބައްޕަ އަނިޔާވެރިވާ މަންޒަރު ފެންނަނަމަ، ކުއްޖާގެ ނަފްސުގައި ބިންވަޅު ނެގެމުންދާނީ ނޭދެވޭ އަސަރުތަކެކެވެ. މުސްލިމް އަޚުންނޭވެ! ބައެއް ފަހަރަށް ދަރީންގެ އަތަށް ލަގަން ދޫކޮށްލާ މައިންބަފައިންވެސް ފެނެއެވެ. އެމީހުން ދަރީންނަށް ބޭނުންވާ ކޮންމެ އެއްޗެއް ހޯދައިދެއެވެ. އެމީހުން އެކުދީންގެ ގާތުގައި ބުނަނީ، ދަރިފުޅު ރަނގަޅަށް ކިޔަވަންޏާ މައްސަލައެއްނެތެވެ. އެފަދަމައިންބަފައިން، ދަރީންނަށް ތިލަފަތްހަމަ ތަރުބިޔަތެއް ދިނުމަށް ފަރުވާލެއް ނުބަހައްޓައެވެ. އީމާންކަމާއި، އަޚްލާޤީ ތަރުބިޔަތަކަށް، އެއްވެސް ސަމާލުކަމެއްނުދެއެވެ.
ހުތުބާ

ހުތުބާގައި އިތުރަށް ބުނެފައިވަނީ، ދަރީންނަށް އުނގަންނައިދޭންޖެހޭ ކަންތައްތަކުގެ ތެރޭގައި ޤަޝާޤަދަރަށް އީމާންވުން ހިމެނޭކަމަށާއި، މައިންބަފައިން ދަރީންނަށް ދަސްކޮށްދޭންޖެހޭ އަޚްލާޤީ ފިލާވަޅުތަކުގެ ތެރޭގައި، އެކުދީން ތެދުބަސް ބުނުމަށް އާދަކުރުވައިއެކަމަށް ތަމްރީނު ދިނުން ހިމެނޭކަމަށެވެ. ތެދުބަސް ބުނަން އާދަވާ ދަރިން ދަސްވެނިވާނީ ޞިއްދީޤުންގެ މަތިވެރި ސަނަދު ލިބިގެންކަމަށްވެސް ބުނެފފައިވެއެވެ.

ދަރީންނަށް ރަނގަޅު ތަރުބިޔަތެއް ދެވޭނީ، ޢަމަލީ ހެޔޮ ނަމޫނާއިންކަމަށާއި، ލޯތްބާއި، އޯގާވެރިކަމާއި، ކުލުނުގެ ވެށްޓެއްގައި، ދަރީން ތަރުބިޔަތުކޮށް، ހަރުކަށިކަމާއި، ހިތްހަރުކަމާ ދުރުވެގެންކަން ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.