ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް ފޯރުކޮށްނުދެވި ކުށުގެ ހާއްޔަކަށް ހުޅުމާލެ ބަދަލުވެފައިވާއިރު، ކައުންސިލްގެ ދައުރެއް އަދި ކައުންސިލަރުގެ ދައުރެއް ނެތްކަމަށް ވިދާޅުވެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއުގެ ނުރުހުން ސަރުކާރަށް އަމާޒު ކުރައްވައިފިއެވެ.
މާލެ ސިޓީ ކައުންސިލްގެ 4 ދައުރުގެ 51 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ ސަރުކާރުން ކައުންސިލްތަކަށް ލިބީފައިވާ އެތަށް ހައްގުތަކެއް ނިގުޅައިގަނެފައިވާ ކަމަށާއި އެގޮތުން ހުޅުމާލެ ދާއިރާގެ ކައުންސިލަރެއްގެ ހައިސިއްޔަތުން ކުރަން ޖެހޭ އެތަށް މަސައްކަތްތަކަށް ސަރުކާރުން ހުރަސްއަޅާ ކަމަށެވެ.
މިއާއިއެކު ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތަށް ސަރުކާރުން އެކައުންސިލްތަކަށް ދީފައިނުވާ ކަން ޝުޖާއު ވަނީ ފާހަގަކުރައްވާފައެވެ.
އަދި ހުލުމާލޭގެ ދެވަނަ ފިޔަވަހި ކުނި ގޮނޑަށްވެ ކުނި އަންދަމުންދާ ކަމަށާއި، އެޗްޑީސީން ހުޅުމާލޭގެ ކުނި މެނޭޖް ކުރުމުގައި ފެއިލްވެފައިވާ ކަމުގައި ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވަނީ ހިޔާ ފްލެޓް ސަރަޙައްދުގެ ސެކިއުރިޓީ ބަލަހައްޓަންޖެހޭ މިންވަރަށް ބެލެހެއްޓެމުން ނުދާކަމަށާއި މިހާރު އެތަނަކީ މަސްތުވާތަކެތީގެ ހާއްޔެއްގެ އިތުރުން، ޖިންސީގޯނާފަދަ އެތަށް ކުށްތަކެއް އާންމުވެފައިވާ ތަނެއް ކަމަށްވެސް ވިދާޅުވެފައެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ ސަރުކާރުން ކައުންސިލަށް މިފަދައިން ދަތިކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކުގެ ވާހަކަ ރައްޔިތުންނަށް އެނގެންޖެހޭ ކަމަށާއި ކައުންސިލަށް އެއް އަހަރު ވެގެން ދިއުމާއި ގުޅިގެން ފާހަގަ ކުރަންޖެހޭ ކަންކަމުގެ ތެރޭގައި މި ކަންކަން ހިމަނަންޖެހޭ ކަމުގައެވެ.