ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން އަލަށް ކުރިއަށް ގެންދާ "ޗައިލްޑް ރައިޓްސް ކޮމިއުނިޓީ އޮޑިޓް" އައްޑޫގައި ފަށައިފިއެވެ.
ހިތަދޫގައި ކުރިއަށް ގެންދިޔަ ޗައިލްޑް ރައިޓްސް ކޮމިއުނިޓީ އޮޑިޓަށް ފަހު އެ އަވަށުގައި ހަރަކާތްތެރިވާ ކުޑަކުދިންގެ މަސްލަހަތު ހިމާޔާތްކުރުމުގެ މަސައްކަތްކުރާ އިދާރާތަކާއެކު ވޯކްޝޮޕެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ޕްރޮގްރާމްގެ ދަށުން މިދިޔަ ބުދަ ދުވަހުން ފެށިގެން މާދަމާގެ ނިޔަލަށް އައްޑޫގައި ތަފާތު ހަރަކާތްތަކެއް ހިންގަން ވަނީ ރާވާފައިވެއެވެ.
އެގޮތުން އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ސްކޫލުތަކުގެ ބެލެނިވެރިންނަށް ހޭލުންތެރިކުރުމުގެ ސެޝަނެއް ބާއްވާފައިވާ ކަމަށާއި މި ސެޝަންގައި "ޗައިލްޑް ޕްރޯއެކްޓިވް ޑިޒިޝަން" ނަގާނެ ގޮތާއި ކުޑަކުދިންގެ ހައްގުތަކާއި ޒިންމާތަކަށް އަހުކުވެރިކުރުމުގެ އިތުރުން ކުޑަކެއްޖެއްގެ ހައްގެއް ނިގުޅައިގަނެވޭ ހާލަތްތަކުގައި އެކަން ރިޕޯޓުކުރާނެ ފަރާތްތަކުގެ މައުލޫމާތު ދީފައިވެއެވެ.
އަދި މިއަދު ކުޑަކުދިންގެ ހާއްސަ ހަވީރެއް ހިތަދޫ ސްކެއާގައި ކުރިއަށް ގެންގޮސްފައިވާއިރު މާދަމާ "ކުދިންގެ ރައުޔު" ފޯރަމް ބާއްވާނެ ކަމަށް ވެސް ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން މައުލޫމާތުދެއެވެ.
އެ ފޯރަައިގައި އައްޑޫގެ 10 ސްކޫލަކުން 100 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ބައިވެރިވާނެއެވެ. ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ބުނީ އައްޑޫގެ އިތުރުން މި އަހަރުގެ ތެރޭގައި 10 ރަށެއްގައި އޮޑިޓްތައް ކުރިއަށް ގެންދާނެ ކަމަށެވެ.