އުތުރުގެ ރަށެއްގައި 18 އަހަރު ނުވާ ފިރިހެން ކުއްޖާއަށް އަނިޔާ ކުރާ ވީޑިއޯ މީސް މީޑިއާގައި ދައުރު ނުރުމަށް ޖެންޑާ މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ޖެންޑާ މިނިސްޓްރީން ކުރި ޓްވީޓްގައި ބުނެފައިވަނީ މީސްމީޑިއާ އަދި އެހެނިހެން މަންސަތަކުގައި އެ ވީޑިއޯ އާންމު ނުކުރަމަށް އިލްތިމާސްކުރާ ކަަމަށެވެ.

އެ ވީޑިއޯ އާއްމުވުމާއި ގުޅިގެން ޖެންޑާ މިނިސްޓްރީން ބުނެފައި ވަނީ އެކަމުގެ މައުލޫމާތު ލިބިގެން ޖެންޑާ މިނިސްޓްރީ އާއި އެޑިޔުކޭޝަން މިނިސްޓްރީ އާއި ރަށުގެ ކައުންސިލް އަދި ރަށުގެ އިޖުތިމާއީ ބަދަހި މަދަދުވެރިން މެމްބަރުންނާއި އެކު މަސައްކަތްކުރަމުންދާ ކަމަށެވެ.

ދައުރުވަމުންދާ ވީޑިއޯއަކީ ކުއްޖާއަށް ފަހުން ވެސް ނަފްސާނީ އަސަރު ކުރާނެ ވީޑއޯއަކަށްވެފައި އަދި ކުއްޖާގެ ކަރާމާތަށް ގެއްލުންވާ ވީޑިއޯ އަކަށް ވުމުން މީސްމީޑިއާ އަދި އެހެނިހެން މަންސަތަކުގައި މި ވީޑިއޯ އާންމު ނުކުރަމަށް އިލްތިމާސްކުރާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މީސް މީޑިއާގައި އާއްމުވި އެ ވީޑިއޯއިން ފެނިގެން ދަނީ ކުދިން ތަކެއް ކުއްޖަކު ވަލު ތެރެއަށް ގެންގޮސް އަނިޔާ ކުރާ މަންޒަރެވެ. އެ ވީޑިއޯގައި އެ ކުއްޖާ ގައިގައި ދަނޑިއެއް ކަަހަލަ އެއްޗަކުން ތަޅާތަނާއި އެކަކު އެ ކުއްޖާއަށް އަނިޔާ ކުރާ ތަނެއެވެ. އަދި އެ ކުއްޖާއާ ވާހަކަދައްކަން އުޅޭތަން ވެސް ފެނިގެންދެއެވެ.

މިނިސްޓްރީން ބުނީ މި މައްސަލަ ފުލުހުން މިހާރު ތަހުގީގުކުރަމުންދާ ކަމަށެވެ.