ޕްރިންސިޕަލުންގެ ސްކޮލަރޝިޕް ޕްރޮގްރާމުގެ ދަށުން މެލޭޝިއާގައި ތަމްރީނުވަމުންދާ ދިވެހި ޕްރިންސިޕަލުންނާ، އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ބައްދަލުކުރައްވައިފިއެވެ.

މިނިސްޓްރީން ބުނީ މި ބައްދަލުކުރެއްވުމުގަ އެ ބޭފުޅުންގެ ކިޔެވުން ކުރިއަށްދާ ގޮތް މިނިސްޓަރ ބައްލަވާލެއްވި ކަމަށެވެ.

އަދި ކޯހުގެ ކިޔެވުންދަނީ ވަރަށް ރަނގަޅަށް ކަން އެބޭފުޅުން ފާހަގަކުރެއްވި ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ޕްރިންސިޕަލުންގެ ސްކޮލަރޝިޕް އެވޯޑްކުރި ފުރަތަމަ ބެޗުގެ ޕްރިންސިޕަލުން ކިޔަވަމުންދަނީ މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައި ހުންނަ ޔުނިވަރސިޓީ އޮފް މަލާޔާއިންނެވެ.

ހުރިހާ ޚަރަދެއް ދޭގޮތަށް 3 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ ހުރިހާ ސްކޫލްތަކަށް ބޭނުންވާ ޕްރިންސިޕަލުން ތަމްރީންކުރުމަށްޓަކައި ކުރިއަށްގެންދާ "ޕްރިންސިޕަލުން ތަމްރީންކުރުމުގެ ސްކޮލަރޝިޕް ޕްރޮގްރާމް" އިފްތިތާހްކުރީ މާޗް މަހުގެ 3 ވަނަ ދުވަހުއެވެ.

މި ސްކޮލަރޝިޕް ޕްރޮގްރާމް އިފްތިތާހްކޮށްދެއްވީ އެކަމަށް ހާއްސަކޮށް އިސްކަންދަރު ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

ސްކޮލަރޝިޕް ސްކީމްގެ ދަށުން 20 ޕްރިންސިޕަލުންނަށް ސްކޮލަރޝިޕަށް ހޮވުނުކަމުގެ ލިޔުން ހަވާލުކޮށްފައިވެއެވެ. އެމީހުން މެލޭޝިއާގެ ޔުނިވަރސިޓީ އޮފް މަލާޔާއިން މާސްޓަރސް އޮފް އެޑިއުކޭޝަނަލް މެނޭޖްމަންޓް ކޯސް ފުރިހަމަކުރުމަށްފަހު، 2023 ވަނަ އަހަރުގެ އޭޕްރިލް މަހުގައި ޕްރިންސިޕަލުންގެ ގޮތުގައި ރާއްޖޭގެ ސްކޫލުތަކުގައި މަސައްކަތްކުރަން ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދެއެވެ.

ރާއްޖޭގެ ސްކޫލުތަކަށް ރަނގަޅު ފެންވަރުގެ ޕްރިންސިޕަލުން ހޯދުމުގެ މަސައްކަތް އެކިފަހަރު އެކިގޮތަށް ކުރެވުނު ނަމަވެސް، ދެމެހެއްޓެނިވި ގޮތެއްގައި އަދި ރޭވުންތެރި ގޮތެއްގައި ދިވެހި ޕްރިންސިޕަލުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ފަހުގެ ތާރީޚެއްގައި ހިންގާފައެއް ނުވެއެވެ.

މިނިސްޓްރީން ބުނީ ސަރުކާރުން ހިންގާ 216 ސްކޫލެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރިއިރު އެއްވެސް ދުވަސްވަރެއްގައި ހުރިހާ ސްކޫލެއްގައި ތަމްރީންވެފައިވާ ޕްރިންސިޕަލުން ހަމަވެފައި ނުވާ ކަމަށެވެ.

އަދި، މިވަގުތުވެސް ދާއިމީ ޕްރިންސިޕަލެއް ނެތް 53 ސްކޫލެއް ހުރިއިރު، ދާއިރާގައި މަސައްކަތްކުރައްވާ ދާއިމީ ޕްރިންސިޕަލުންގެ ތެރެއިންވެސް ތަމްރީން ލިބިވަޑައިގެން ތިއްބެވީ 75 މީހުންކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

އެޑިއުކޭޝަނުން ބުނީ 3 އަހަރަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް ނިމޭއިރު ސަރުކާރުން ހިންގާ ހުރިހާ ސްކޫލަކަށް ތަމްރީން ލިބިފައިވާ ދިވެހި ޕްރިންސިޕަލުން ހަމަވާނެ ކަމަށެވެ.