ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ރައީސް އައްޝައިޚު ޚަލީފާ ބިން ޒާއިދު އާލް ނަހްޔާން އަވަހާރަވުމުން އެކަމުގެ ހިތާމައިގައި ތިން ދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ސާލިޙް ނިންމަވައިފިއެވެ.

ޔޫ.އޭ.އީގެ ރައީސް އައްޝައިޚު ޚަލީފާ ބިން ޒާއިދު އާލް ނަހްޔާން އަވަހާރަވުމުގެ ހިތާމައިގައި، ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ނިންމަވާފައި ވަނީ 2022 މޭ 14 ވާ ހޮނިހިރު ދުވަހުން ފެށިގެން 2020 މޭ 16 ވާ ހޯމަދުވަހުގެ ނިޔަލަށެވެ.

ޔޫ.އޭ.އީގެ ރައީސް އަވަހާރަވީ މިއަދު މެންދުފަހުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރު ފުޅަކީ 73 އަހަރެވެ.

ޔޫއޭއީގެ ރައީސް 73 އަހަރުގައި އަވަހާރަވިކަން އެގައުމުގެ ރަސްމީ އިދާރާތަކުން ހާމަކޮށްފައިވީނަމަވެސް މިކަމާއި ގުޅިގެން އިތުރު ތަފްސީލެއް އެ ގައުމަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ޔޫއޭއީގެ ރައީސް އަވަހާރަ ވުމުގެ ހިތާމާގައި، އެގައުމުގެ މިނިސްޓްރީ އޮފް ޕްރެޒިޑެންޝަލް އެފެއަރޒްއިންވަނީ، ހުކުރު ދުވަހުން ފެށިގެން، 40 ދުވަހު ހިތާމަ ފާޅު ކުރާގޮތަށް ހަމަޖައްސާފައެވެ. އަދި ޔޫއޭއީގެ ސަރުކާރު އޮފީސްތަކާއި އަމިއްލަ އޮފީސްތައްވެސް 3 ދުވަހަށް ބަންދު ކުރާގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ. އަދި ދިދަތައް ބައި ދަނޑިއަށް ތިރި ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.