އައު ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އެކުލަވާލާ ސަރުކާރުގެ ކެބިނެޓް އެއްވެސް މަގާމެއް ގަބޫލު ނުކުރާނޭކަން ޕާލަމެންޓުގައި ހިމެނޭ އިދިކޮޅު ހުރިހާ ޕާޓީތަކުން ހާމަކުރުމާ ގުޅިގެން ސްރީލަންކާގައި އެކުލަވާލަން މަސައްކަތްކުރާ ވަގުތީ ސަރުކާރުގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެއެވެ.

އިދިކޮޅު ސަމަގި ޖަނަ ބަލަވެގަޔަ (އެސްޖޭބީ)، ސްރީލަންކާ ފްރީޑަމް ޕާޓީ، ޓެމިލް ނޭޝަނަލް އެލަޔަންސް، ޖޭވީޕީ އަދި ޕާލަމެންޓުގައި ހިމެނޭ މިނިވަން ކެންޑިޑޭޓުންގެ ގްރޫޕުން ހުކުރު ދުވަހު ވަނީ، ރަނިލްގެ ސަރުކާރުގައި ބައިވެރި ނުވާނޭކަން އަންގާފައެވެ.

ސްރީލަންކާ ފްރީޑަމް ޕާޓީގެ ޗެއަރމަން އަދި ކުރީގެ ރައީސް މައިތިރިޕާލަ ސިރިސޭނާ ވިދާޅުވީ، އެ ޕާޓީއަށް ކެބިނެޓުގެ މަގާމުތަކެއް ހުށަހެޅި ކަމަށާއި، ނަމަވެސް އެކަން ގަބޫލުނުކޮށް އަނބުރާ ރައްދުކޮށްފައިވާނޭ ކަމަށެވެ.

ސިރިސޭނާ ވިދާޅުވީ، ރައްޔިތުންގެ މަންފާއާއި، ގައުމުގައި މިހާރު ހުރި މައްސަލަތައް ހައްލު ކުރުމަށް ހުރިހާ ސިޔާސީ ޕާޓީއެއް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މިނިވަން މެމްބަރުންވެސް އަދި އެހެން މެމްބަރުންވެސް ވިދާޅުވީ، އެމީހުން ބޭނުންވަނީ އެންމެނަށް އެއްބަސްވެވޭ ސަރުކާރެއް އުފައްދަން ކަމަށާއި، ހުރިހާ ޕާޓީއަކަށް ފުރުސަތު ލިބޭ ސަރުކާރެއް އެކުލަވާލަން މަގުފަހި ކުރުމަށް ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އެއްފަރާތްވެވަޑައި ގަންނަވަންޖެހޭ ކަމަށެވެ.

ކުރިން އިދިކޮޅުގައި އޮތް ޔުނައިޓެޑް ނޭޝަނަލް ޕާޓީގެ ލީޑަރު ރަނިލް ވިކްރަމަސިންހައާ ވަގުތީ ސަރުކާރު އުފެއްދުމުގެ ޒިންމާ ރައީސް ގޮޓަބާޔަ ހާވާލު ކުރެއްވިއިރު، އިދިކޮޅު އެންމެ ބޮޑު ޕާޓީކަމަށްވާ އެސްޖޭބީން ބުނެފައިވަނީ، ރަނިލްއަށް އެއްވެސް އެއްބާރުލުމެއް ނުދޭނޭ ކަމަށެވެ.

ސަބަބެއް ކަމަށް ބުނެފައިވަނީ، ރަނިލްއަށް ޕާލަމެންޓުގައި ތާއީދު ނެތުމާއި، އޭނާއަށް ލިބުނަސް ލިބޭނީ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ޕާޓީގެ މެމްބަރުންގެ ތާއީދަށް ވުމެވެ.

އެސްޖޭޕީގެ ލީޑަރ ސާޖިތު ޕްރެމަދާސަ، ރައީސް ގޮޓަބާޔަ ރާޖަޕަކްސައަށް ހުކުރު ދުވަހު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، ރަނިލް ވިކްރަމަސިންހަ އެކުލަވާލައްވާ ސަރުކާރެއްގެ އެއްވެސް މަގާމެއް އެ ޕާޓީން ގަބޫލު ނުކުރާނެ ކަމަށާއި، ސަބަބަކީ އެ ސަރުކާރަކީ ސީދާ ރައީސްގެ ބެއްލެވުމުގެ ދަށުން އެކުލަވާލާ ސަރުކާރަކަށް ވުމުންނެވެ. އެކަމަކީ، ރައްޔިތުން މަތިކޮށްފައިވާ ޒިންމާތަކާ ދިމާ އިދިކޮޅު އަމަލެއް ކަމަށްވެސް އިދިކޮޅު ލީޑަރުގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.

އިދިކޮޅު ޕާޓީތައް ނުހިމެނޭގޮތަށް ރަނިލް ވިކްރަމަސިންހަ ސަރުކާރެއް އެކުލަވާލައްވައިފިނަމަ ޕާލަމެންޓުން އެ ސަރުކާރު ގަބޫލު ނުކުރުމާއި، ސްރީލަންކާގެ ރައްޔިތުން ކުރަމުންދާ ޑިމާންޑާ އެއްގޮތަށް ރައީސް އިސްތިއުފާ ނުދެއްވާނަމަ ސްރީލަންކާއަށް މިހާރު ދިމާވެގެން އުޅޭ މައްސަލަތަކަށް ހައްލު ލިބޭނޭ ކަމަށް ނުބެލެވޭ ކަމަށް މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ނުވިތާކަށް ސްރީލަންކާގެ ރައްޔިތުންވެސް މުޒާހަރާތައް ހުއްޓާލައި ގެއަށް ވަންނާނެ ކަމަށް ނުބެލެވޭ ކަމަށްވެސް ވިދާޅުވެއެވެ.