މަގުމަތީގެ ރައްކާތެރިކަމާއި ބެހޭ ގޮތުން އާންމުން ހޭލުންތެރިކުރުމަށް ހާއްސަ އިވެންޓެއް، އައްޑޫ ސިޓީ ހިތަދޫގައި ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

މިއަދު ހަވީރު ސިޓީ ސްކެއާރ ކައިރީ ކުރިއަށް ގެންދާ މި އެވެންޓަކީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ހިތަދޫ ކެމްޕަސްގައި ބެޗްލާސް އޮފް ނާސިންގެ 08 ވަނަ ސެމިސްޓާރ ގައި ކިޔަވާކުދިން ކުރިއަށް ގެންދާ އިވެންޓެކެވެ.

މޯލްޑިވިއަން ރެޑް ކްރެސެންޓް(އެމްއާރްސީ) އަދި ދިވެހި ފުލުހުންގެ ހިދުމަތުގެ އެހީތެރިކަމާއެކު ބާއްވާ މި އިވެންޓް އޮންނާނީ މިއަދު ހަވީރު 16:00 އިން 18:00 އަށެވެ.

އައްޑޫ އަކީ ނިސްބަތުން އެންމެ ގިނަ އެކްސިޑެންޓްތައް ހިނގާ އެއް ސިޓީކަމަކާއި މިފަދަ އެކްސިޑެންޓްތަކުގައި ބައެއް ފަހަރު ފުރާނައަށްވެސް ނުރާކާވެފައިވާ ކަމަށެވެ. އެހެންކަމުން މިއަދު ބާއްވާ އިވެންޓުގައި އެންމެ ބޮޑަށް އަލިއަޅުވާލާނީ އެކްސިޑެންޓްގެ ސަބަބުން ލިބޭ އަނިޔާތަކަށް ކަމަށް މި އިވެންޓް އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހަކު ބުންޏެއެވެ.

މިއަދު ބާއްވާ އިވެންޓްގައި އާންމުންނަށް މައުލޫމާތު ދިނުމުގެ އިތުރުން ކުޑަކުދިންނަށް ހާއްސަކޮށް ކުޅިވަރުތަކާއި ފޭސް ޕެއިންޓިންވެސް ކުރިއަށް ދާނެއެވެ. އަދި މީގެ އިތުރުން މި އިވެންޓްގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.