ވާދަވެރި ކެމްޕެއިނަކަށް ފަހު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިންތިހާބު ކުރާނެ ފަރާތެއް ކަނޑައެޅުމަށްޓަކައި ބާއްވާ އިންތިހާބުގެ ވޯޓުލުން ފަށައިފިއެވެ.

ޕާޓީގެ އައު ޗެއާޕާސަން ކަމުގެ މަގާމަށް ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއެވެ.

ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު ކަނޑައެޅުމުގެ އިތުރުން އަންހެނުން ރޫހުގެ ރައީސާއި ޒުވާނުންގެ ހިތްވަރުގެ ރައީސްގެ މަގާމަށް ވެސް މިއަދުގެ އިންތިހާބުގައި ވޯޓުލާނެއެވެ.

މި އިންތިހާބުގެ ވޯޓުލުން މިއަދުގެ ހަވީރު 16:00އާ ހަމައަށް ކުރިޔަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

އެމްޑީޕީގެ މި އިންތިހާބުގައި 90,000 މީހުންނަށް ވޯޓުލެވޭ ކަމަށް އެ ޕާޓީން ބުނެއެވެ.

މި އިންތިހާބުގައި ޖުމްލަ 194 ރަށެއްގައި ވޯޓު ފޮށި ބަހައްޓާފަވާއިރު މާލޭގައި 87 ފޮށި ވަނީ ބަހައްޓާފައެވެ.

މި އިންތިހާބުގައި މިނިސްޓަރ ފައްޔާޒު ވަނީ ދާދި ދެންމެ ވޯޓު ލައްވާފައެވެ.

ކުރިޔަށްދާ އެމްޑީޕީގެ ޗެއަރޕަރސަން އިންތިޚާބުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ވޯޓު ލައްވާފައެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު، އެތެރޭގެ އިންތިޚާބު 2022 ގައި ވޯޓުލައްވައިފިއެވެ. އެމަނިކުފާނު ވޯޓުލެއްވީ ދަރުމަވަންތަ ސްކޫލުގައި ބަހައްޓާފައިވާ ފޮއްޓަށެވެ.

އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓް، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީވެސް ވޯޓުލައްވައިފިއެވެ.