ވިއްސާރަވެ ކަނޑުގަދަ ދުވަހަކަށްވުމުން ވޯޓުލާން އަންނަ މީހުން މަދުކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވިއެވެ.
ވިލިމާލެ ދާއިރާގެ ޑަބްލިއުޑީސީ ބައި-އިލްކެޝަންގެ ވޯޓުލުމުގެ ކަންކަން ކުރިއަށްދާ ގޮތާއި ގުޅޭގޮތުން ވީނިއުސްއަށް ދެއްވި އިންޓަވިއުއެއްގަ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ ބައި- އިލެކްޝަންގެ ވޯޓުލުން ކުރިއަށްދަނީ ވަރަށް އަމާންކޮށް ކަމަށާއި އެހެންނަމަވެސް ވިއްސާރަވެ ކަނޑުގަދަ ދުވަހަކަށްވުމުން ވޯޓުލާން އަންނަ މީހުން މަދުކަން ފާހަގަވާ ކަމަށެވެ.
ވިލިމާލެ ދާއިރާގެ ބައެއް މީހުން އެކި ދާއިރާތަކަށް ބެހިފައިވާކަން ފާހަގަކުރައްވާ ފުއާދު ވިދާޅުވީ ވޯޓު ފޮށްޓެއް މާލޭގެ އިތުރުން ހުޅުމާލޭގައި ބެހެއްޓުމަށް މަސައްކަތް ކުރެއްވި ކަމަށެވެ.
ނަމަވެސް ވޯޓު ފޮށި ބެހެއްޓޭ ވަރަށް ރީ ރަޖިސްޓްރީ ވެފައި ނުވުމުގެ ސަބަބުން ހުރިހާ ފޮށްޓެއް ބަހައްޓަން ޖެހުނީ ވިލިމާލޭގައި ކަމަށްވެސް ފުއާދު ވިދާޅުވިއެވެ.
ބައި-އިލެކްޝަނުގެ ވޯޓުލުން މިއަދު ހެނދުނު 8:00 ފެށިފަވާއިރު ހަވީރު 4:00 އާއި ހަމައަށް ވޯޓުލުން ކުރިޔަށް ދާނެ ކަމަށްވެސް ފުއާދު ވިދާޅުވިއެވެ.
އަދި 4:00 ހަމައަށް ކިއުގައި ތިބި މީހުންނަށް ވޯޓުލުމުގެ ފުރުސަތު ލިބޭނެ ކަމަށާއި އެހެންނަމަވެސް އެއަށްފަހު ވޯޓު ފޮށި ބަންދުކުރާނެ ކަމަށް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.
ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވަނީި ކުރިން އެމަގާމުގައި ހުންނެވި އެމްޑީޕީގެ އައިމިނަތު އީމާން ނިޔާވުމުންނެވެ.