ހުޅުމާލޭ ވޯޓުލުން ހުރަވީ ސްކޫލަށް ބަދަލުކުރީ ދެ ކެންޑިޑޭޓުންގެ މަންދޫބުންނާ މަޝްވަރާކުރުމަށް ފަހުގައި ކަމަށް އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު އަދި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

އަލީ ނިޔާޒް މިހެން ވިދާޅުވީ ހުޅުމާލޭ ވޯޓުލުން ޣާޒީ ސްކޫލުގައި ބޭއްވުމަށް ނިންމާފައިވަނިކޮށް، އެންގުމަކާނުލާ ކުއްލިއަކަށް މިއަދު ހެނދުނު ހުރަވީ ސްކޫލަށް ބަދަލުކޮށްފައިވާތީ އެކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ވިދާޅުވުމާއި ގުޅިގެން ވީނިއުސްއިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ނިޔާޒް ވިދާޅުވީ ހުޅުމާލޭ ވޯޓުލުން ހުރަވީ ސްކޫލަށް ބަދަލުކުރީ ދެ ކެންޑިޑޭޓުންގެ މަންދޫބުންނާ މަޝްވަރާކުރުމަށް ފަހުގައި ކަމަށާއި އެކަން އެގޮތަށް ނިންމީ ވޯޓުލާން ވަރަށް ކުޑަތަންވެފައިވަނިކޮށް ކަމަށެވެ.

އިންތިޚާބުގެ ކަންކަން ކުރިއަށްދާ ގޮތާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަލީ ނިޔާޒް ވިދާޅުވީ ކޮންމެވެސް ވަރަކަށް ޝަކުވާ ލިބެމުންދާ ކަމަށާއި ނަމަވެސް މަސްލަހަތު ގެއްލޭ ވަރުގެ ނުވަތަ ވޯޓުލުން ހުއްޓާލަންޖެހޭ ވަރުގެ ކަމެއް އަދި ދިމާނުވާ ކަމަށެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު މިފަދައިން ވިދާޅުވިއިރު ލ. މާވަށު އާފާގުގެ އަލީ މޫސާ ވޯޓްލާން އެރަށު ވޯޓުލާ މަރުކަޒުން ދޫކުރި ވޯޓު ކަރުދާހުގައި ކެންޑިޑޭޓް ނަމްބަރު 2 ގައި ފާހަގަ ޖަހާފައިވާ ކަރުދާހެއް ދޫކުރިކަމުގެ ޝަކުވާ ލިބިފައިވާ ކަމުގެ ތހުމަތު ވަނީ ކުރައްވާފައެވެ.

މި އިންތިޚާބުގައި ވޯޓުލުމަށްޓަކާ ޖުމްލަ 194 ރަށެއްގައި ވަނީ ވޯޓު ފޮށި ބަހައްޓާފައެވެ. އޭގެތެރެއިން މާލޭގައި 87 ފޮށި ބަހައްޓާފަވާއިރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ވޯޓުފޮށި ބަހައްޓާފައިވެއެވެ. ޗެއަރޕާސަން އިންތިޚާބުކުރަން ވޯޓުލުމުގެ ހައްގުލިބިފައިވަނީ 94211 މެމްބަރުންނަށެވެ. އަންހެނުންގެ ރޫހުގެ ރައީސް އިންތިޚާބުކުރަން 41027 މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. އަދި ޔޫތު ވިންގުގެ ރައީސް އިންތިޚާބުކުރަން 32057 މެމްބަރުންނަށް ވޯޓުލެވޭނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.