އަވަށްޓެރި އިންޑިއާ އިން ގޮދަނުގެ ބާވަތްތައް އެކްސްޕޯޓްކުރުން ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.
މުޅި ދުނިޔެ ބަރޯސާވާ ގޮދަނުގެ ބާވަތްތައް އެކްސްޕޯޓްކުރުން މަޑުޖައްސާލަން އިންޑިއާ އިން ނިންމީ، ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ސަޕްލައިގެ ދަތިކަން އިންތިހާއަށް އިތުރުވެފައި ވާތީ، އެގައުމުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ވަރަށް ގޮދަނުގެ ބާވަތްތައް ކަށަވަރުކުރުމަށެވެ.
އިންޑިއާގެ ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ފޮރިން ޓްރޭޑުން ބުނީ ގޮދަނުގެ ބާވަތްތައް އެކްސްޓްކުރުން މި ވަގުތަށް މަނާކުރި ނަމަވެސް، ގޮދަނުގެ ބާވަތްތައް ކޮންމެހެން ބޭނުންވާ ގައުމުތަކަށް އެ ގައުމުތަކުގެ ސަރުކާރުތަކުން އެދިއްޖެ ނަމަ އެކްސްޕޯޓް ކުރުމުގެ ހުއްދަ ދޭނެ ކަމަށެވެ.
ރަޝިޔާ-ޔޫކްރޭން ހަނގުރާމައާއެކު ބައެއް ގައުމުތަކަށް ކޮންމެހެން ބޭނުންވާ ކާބޯތަކެތި ނުލިބުމުގެ މައްސަލަ ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
މީގެ ސަބަބަތަކުގެ ތެރޭގައި، ދަނޑުވެރިކަމުގެ އަގުތައް އުފުލެމުން ދިއުމުގެ އިތުރުން، ގައުމުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ މިންވަރު ކަށަވަރުކުރުމަށް އެހެން ގައުމުތަކަށް ކާނާ އެސްޕޯޓްކުރުން ހުއްޓާލުން ހިމެނެއެވެ.
އެގޮތުން، އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓް ކުރުން ހުއްޓުވާފައިވާއިރު، ސާބިއާ އާއި ކަޒަކިސްތާނުން ވަނީ ގޮވާމުގެ ޝިޕްމަންޓްތަކަށް ކޯޓާ ކަނޑައަޅާފައެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގައި ދެ ވަނައަށް އެންމެ ގިނަ ގޮވާމާއި ގޮދަނުގެ ބާވަތްތައް އުފައްދަނީ އިންޑިއާގައެވެ. އިންޑިއާ އިން ގޮދަން އެތެރެކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ވެސް ހިމެނެއެވެ.