ޔޫއޭއީގެ ރައީސް ޝައިޚް ޙަލީފާ ބިން ޒައިދު އަލް ނަހުޔާންގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހު ޔޫއޭއީއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

މިކަން ވީނިއުސްއަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

މަބްރޫކް ވިދާޅުވީ ޔޫއޭއީގެ ރައީސްގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު ފަހުގެ ވަގުތެއްގައި ކަމަށެވެ.

އައްޝައިޚު ޚަލީފާ ބިން ޒާއިދު އާލް ނަހްޔާން އަވަހާރަވުމުން އެކަމުގެ ހިތާމައިގައި ތިން ދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ، ވަނީ ނިންމަވައިފިއެވެ.

ޔޫ.އޭ.އީގެ ރައީސް އައްޝައިޚު ޚަލީފާ ބިން ޒާއިދު އާލް ނަހްޔާން އަވަހާރަވުމުގެ ހިތާމައިގައި، ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ނިންމަވާފައި ވަނީ މިއަދުން ފެށިގެން 2020 މޭ 16 ވާ ހޯމަދުވަހުގެ ނިޔަލަށެވެ.

ޔޫ.އޭ.އީގެ ރައީސް އަވަހާރަވީ މިއަދު މެންދުފަހުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރު ފުޅަކީ 73 އަހަރެވެ.

ޔޫއޭއީގެ ރައީސް 73 އަހަރުގައި އަވަހާރަވިކަން އެގައުމުގެ ރަސްމީ އިދާރާތަކުން ހާމަކޮށްފައިވީނަމަވެސް މިކަމާއި ގުޅިގެން އިތުރު ތަފްސީލެއް އެ ގައުމަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ޔޫއޭއީގެ ރައީސް އަވަހާރަ ވުމުގެ ހިތާމާގައި، އެގައުމުގެ މިނިސްޓްރީ އޮފް ޕްރެޒިޑެންޝަލް އެފެއަރޒްއިންވަނީ، ހުކުރު ދުވަހުން ފެށިގެން، 40 ދުވަހު ހިތާމަ ފާޅު ކުރާގޮތަށް ހަމަޖައްސާފައެވެ. އަދި ޔޫއޭއީގެ ސަރުކާރު އޮފީސްތަކާއި އަމިއްލަ އޮފީސްތައްވެސް 3 ދުވަހަށް ބަންދު ކުރާގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ. އަދި ދިދަތައް ބައި ދަނޑިއަށް ތިރި ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.