ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ރައީސް، އަބޫދާބީގެ އަމީރު އަދި ޔޫ.އޭ.އީގެ އާމްޑް ފޯސަސްގެ ސްޕްރީމް ކޮމާންޑަރ އައްޝައިޚު އަލް މަރްޙޫމް ޚަލީފާ ބިން ޒާއިދު އާލް ނަހްޔާންގެ ހަނދާނުގައި، ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސޮއިކުރައްވައިފިއެވެ.

ޖެންމޯލްޑިވްސްގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި ބަޔާނުގައި ޔޫއޭއީގެ ރައީސް އަކީ އެ ޤައުމުގެ ރައްޔިތުންގެ ކުރިއެރުމާ ތަރައްޤީއަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ވިޝަނަރީ ލީޑަރެއްކަމާއި އެމަނިކުފާނުގެ ޚިދުމަތްތަކަކީ ޔޫ.އޭ.އީގެ ރައްޔިތުން ހަނދުމަ އާކުރާނެ ޚިދުމަތްތަކެއްކަން ފާހަގަކުރެއްވިއެވެ.

ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ރައީސް އަވަހާރަވިއިރު އުމުރުފުޅަކީ 73 އަހަރެވެ.

ޔޫއޭއީގެ ރައީސްގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެ ގައުމަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ ޔޫއޭއީގެ ރައީސްގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ސާލިހު ފުރާވަޑައިގަންނަވަނީ މާދަމާ މެންދުރު ފަހުގެ ވަގުތެއްގައި ކަމަށެވެ.