މިއީ، އަލްއުސްތާޛު ޢަލީ ޟާމިރު / އއ. މަތިވެރި ލިޔުއްވާފައިވާ ކޮލަމެކެވެ.

*****

އިންސާނާ އަބަދުވެސް އުފަލާ ހިތްހަމަޖެހުން، ބޭނުންވެއެވެ. ދެރަވުމާއި، ހިތާމަތަކާއި، ނިކަމެތިކަން ކުރިމަތިވުމަށް ނޭދެއެވެ. އެހެންމީހުންގެ ފަރާތުން، ލޯތްބާއި، އޯގާތެރިކަމާއި، އަޅާލުން ބޭނުންވެއެވެ. ހެޔޮލަފާ އެކުވެރި ރަޙުމަތްތެރިންނާއި، ގާތް މިތުރުން ބޭނުންވެއެވެ. ކަންމިހެން ހުރުމާއެކު، އަނބިމީހާއާ މުޢާމަލާތު ކުރަންވާނީ އަދަބުވެރިކަމާއި، މަޑުމައިތިރިކަމާއި، ރިވެތި ބަސްތަ ކުންނެވެ. އަނބިންނަކީ އަދަބުވެރިކޮށް ރިވެތި ބަސް ތަކުން މުޢާމަލާތު ކުރަންޖެހޭނެ ބައެކެވެ. އަނބިމީހާއި، ކުރެވޭ މުޢާމަލާތުގެ އަސާސަކީ ހެޔޮލަފާ ޞާލިޙު ދަރިފަސްކޮޅެއް ތަރުބިއްޔަތު ކުރުމުގެ އެންމެ މުހިއްމު އެއް އަސާސެވެ.

އެކުވެރި ރަޙުމަތްތެރިންނޭ! ތިބާގެ އެކުވެރިންނާއެކު ގެއިން ބޭރުގައި، ކުރެވޭ މުޢާމަލާތުގެ ސަބަބުން އެބައިމީހުން ތިބާއަށް އަދަބު އިޙްތިރާމް އަދާކޮށް މާތްކޮށްހިތައެވެ. ތިބާގެ ރައްޓެހި، ރަޙުމަތްތެރިންގެ ގާތުގައި ތިބާއަކީ، ޤަދަރު ލިބިގެންވާ ޢިއްޒަތްތެރި ރަސްކަލެއް ކަމުގައިވަނީ ވެފައެވެ. ރިވެތި ގޮތުގައި ކުރެވޭ އަދަބުވެރި މުޢާމަލާތުގެ ސަބަބުންނެވެ. ތިބާ ގެއިން ބޭރު ރައްޓެހިންނާއެކު މުޢާމަލާތުކުރާ ގޮތުގެ ސަބަބުން، އެމީހުންގެ ގާތުގައި، ތިބާ ރަސްކަލެއްގެ ދަރަޖައިގައި އުޅެފައި، ތިބާގެ ގެއަށް، ޢާއިލާގާތަށް، އަންނަ ވަގުތު ތިބާއާ ބައްދަލުކޮށް މަރުޙަބާ ކިޔާނީ ތިބާގެ އަނބިމީހާ ނޫންތޯއެވެ؟ ގެއަށް އައުމަށް ފަހު ހިތްހަމަނުޖެހިހުރެ ނޭއްގާނީ ކަމާއެކު، ބޭއަދަބީ ބަސްތަކުން، ރުޅިވެރިކަމާއި، ނުނިއެއްލުން ތެރިކަމާއެކު، އަނބިމީހާއާއި، މުޢާމަލާތު ކުރަނީ ކީއްވެގެންހެއްޔެވެ؟ އެފަދައިން އަނބިމީހާއާއި މުޚާޠަބުކޮށް، މުޢާމަލާތު ކުރުމަކީ، ނިފާޤުގެ ޢަމަލެއްކަން ތިބާ ނުދަންނަނީ ހެއްޔެވެ؟

އެކުވެރި ރަޙުމަތްތެރިންނޭ! އަނިބިމީހާ އަބަދުވެސް އިންތިޒާރު ކުރާނީ، ފިރިމީހާގެ ފަރާތުން ލިބޭނެ އަޅާލުމާއި، ލޯތްބާއި، އޯގާތެރިކަމަށެވެ. އަނބިމީހާގެ ޝަކުވާ އަކަށްވާނީ، ފިރިމީހާގެ ފަރާތުން ލިބެންޖެހޭ ރައްކައުތެރިކަމާއި، އޯގާތެރިކަމާއި، އަޅާލުމާއި، އަރާމާއި، ލައްޒަތު، ނުލިބުމުގެ ޝަކުވާ ވެއެވެ. އަނބިމީހާ ފެން ބޮވައިގެންފައިވަނީ، ފިރިމީހާގެ ފަރާތުން ލޯތްބާއި، އޯގާތެރިކަމާއި، ރިފުޤާއި، މަޙައްބަތާއި، ޢުލްފަތުގެ ލަފުޒު ތަކަށެވެ. މަޑުމައިތިރިކަމާއި، އޯގާތެރިކަމާއެކު، ފިރިމީހާގެ ދެއަތުގެ ފިރުމާލުމަށެވެ. ފިރިމީހާގެ ބޮސްދިނުމަށެވެ. ތިމާގެ އަނބިމީހާ އެވަނީ ފިރިމީހާގެ ޚިދުމަތުގައި އަތުކުރި އޮޅައިލައިގެން ނޫންތޯއެވެ؟ ތިމާގެ އަނބިމީހާ އެވަނީ ދެމަފިރިންގެ ބާއްޖަވެރިކަމާއި، އުފާވެރިކަމަށްޓަކައި، ރެއާއި ދުވާލު ޚިދުމަތުގަ ނޫންތޯއެވެ؟ މިފަދަ ޚިދުމަތްތެރި މީހަކާ ދޭތެރޭ ބޭއަދަބީ، ބަސްތަކުން ނުރުހުން ތެރިކަމާއެކު، މުޢާމަލާތު ނުކުރާށެވެ.

އެކުވެރިންނޭ! އަނބިމީހާއީ، ތިބާގެ ޙަޔާތުގެ ރައްކައުތެރިކަމުގެ ފަރުދާއެވެ. ތިމާގެ ޙަޔާތުގެ މައިނާރެވެ. ތިބާގެ ގޭގައި ތިބާގެ އަނބިމީހާ، ދިރިއުޅެމުން އެއަންނަނީ ފިރިމީހާގެ ރައްކައުތެރިކާ، އޯގާތެރިކަމަށް ނުހަނު ބޭނުން ޖެހިގެންކަން ހަނދާން ކުރާށެވެ! އެކަނބަލުން ކަރު ހިއްކައި ގެންފައިވަނީ ފިރިމީހާގެ ލޯތްބަށާއި، ޢިޝްޤަށާއި، އޯގާތެރިކަމަށެވެ. އަނބިމީހާގެ ހިތުގެ އެދުމަކަށްވާނީ ފިރިމީހާގެ ފަރާތުން ލޯތްބާއި، އޯގާތެރިކަމާއި، ހަށިގަނޑަށް އަރާމާއި، ހިތްހަމަޖެހުން، ލިބޭނީ ކޮންއިރަކުން ބާއެވެ؟ ނުވަތަ ޝަކުވާ އަކަށްވާނީ މިކަންކަން ޙާޞިލް ނުވަނީ ކީއްވެގެންބާއެވެ؟

އެކުވެރިންނޭ! ތިބާގެ އަންހެނުންނާ ދުރުގައި އުޅޭ ވަގުތުތަކުގައި ތިބާގެ ފޯނުން ލޯބީގެ މެސެޖްތައް ފޮނުވާށެވެ. ލޯބީގެ ޢިބާރަތްތަކާއި، މެސެޖްތަކުން އަނބިމީހާއަށް ހިތްހަމަ ޖެހުމާއި، އުފަވެރިކަން ހޯދައިދޭށެވެ. ތިމާ މިފަދައިން މެސެޖް ކުރާށެވެ! "ލޯބިވާ އަނބިމީހާއެވެ. ތިޔައީ އަހަރެންގެ ލޯބިވާ އަނބިމީހާއެވެ. ތިބާގެ ދެކެ އަހަރެން ނުހަނު ލޯބި ވެއެވެ. އަހަރެންގެ ލޯބި ވެރިއަކީ ތިބާއެވެ. ތިބާއާއި ދުރުގާއި ހުންނައިރު ތިބާގެ މަތިން ވަރަށް ހަދާންވެއެވެ. ތިޔާގެ ގާތުއޮވެގެން ނިދާލުމުން ލިބޭ އަރާމެއް ނުލިބެއެވެ. ތިބާއާއި، ދުރުގައި ނިދުމުން ނިދިން ލިބެންވާ ހިތްހަމަޖެހުމެއް ނުލިބެއެވެ." މިފައިން މެޖެސްކުރުމީ ހުއްދަ ކަމެއްކަން ތިބާ ޤަބޫލުކުރާށެވެ!

އެކުވެރިންނޭ! "ލޯބި" ނުވަތަ "الحـــبّ" ނުވަތަ “Love” މިލަފުޘުގެ ބުރަދަން ތިބާއަށް ނޭގެނީ ތޯއެވެ؟ ލޯބި ނުވަތަ { الحبّ } މިއީ އިންސާގެ ކުރިމަތީގައި ހުރިހާ އެއްޗަކަށްވުރެ މަތިވެރި އަގުބޮޑު ލަފުޒެއްކަން ތިބާ ޤަބޫލު ކުރާށެވެ. މިއީ ދިރިއުޅުމުގެ އެންމެހައި ކަންކަން، ތަރުތީބުކޮށް އަތުރާލަދޭ ލަފުޡުކަން ތިބާ ދަންނާށެވެ. ދުނިޔޭގައި އިންސާނާގެ ކުރިމަތީގައި "ޙުއްބު" ލޯބި މިލަފުޡުން އިންސާނާގެ އިޙްސާސްތައް ބަޔާންކޮށް ދެއެވެ. ޙުއްބު މިލަފުޘުން ޙަޔާތުގެ އަމާންކަމާއި، އޮމާންކަމާއި، އުފާ ފާގަތިކަމާއި ޙަޔާތުގެ ޝިޢާރުތައް ބަޔާންކޮށްދީ، ޙަޔާތުގެ މަޢީޝާ ސިފަކޮށް ދެއެވެ. ރުޅިވެރިކަމާއި، ހިތްހަމަ ނުޖެހުމާއި، ނަފުރަތު ފަދަ ކަންކަމުން ދުރުވެގެންވާކަން ބަޔާންކޮށް ދެއެވެ.

އެކުވެރި ރަޙުމަތްތެރިންނޭ! އަނބިމީހާ ގާތުގައި ބުނާށެވެ! ތިބާއަކީ އަހަރެންގެ ވަޠަނެވެ. ތިބާއަކީ އަހަރެންގެ ދައުލަތެވެ. ތިބާއަކީ އަހަރެން ދެލޮލުގެ ފިނިކަމެވެ. ތިބާއީ އަހަރެންގެ ހިތުގެ ހަމަޖެހުމާ އުފާވެރިކަމެވެ. ތިމާއަކީ އަހަރެންގެ ހަޔާތަށް އަލިކޮށްދޭ ހަނދެވެ. ތިޔައީ އަހަރެންގެ ޙަޔާތުގެ އަނދިރިކަން ފިލުވައިދޭ ވޮށްކޮޅެވެ. ތިބާއީ އަހަރެންގެ ހެނދުނާއި، ހަވީރުގެ ދިރުމެވެ. އަހަރެންގެ ނޭވާލުމަކީ ތިބާއެވެ. ތިބާއީ އަހަރެންގެ އަރާމުގެ ދާނެވެ. ހަށިގަނޑުގައި އަޅާ ވޭނާއި، ތަދާއި، ކެކުޅުންތައް ދުރުކޮށްދެނީ ތިބާއެވެ. ތިބާއީ، އަހަރެންނަށް ކުރިމަތިވާ ދަތިއުދަގޫތަށް ފިލުވައިދޭން އަހަރެންގެ ގާތުގައި ހުންނަ އަހަރެންގެ މިތުރާއެވެ. ތިބާއީ އަހަރެންގެ ހަށިގަޑަށް ފިނިކަން ގެނެސްދޭ ވައިރޯޅިއެވެ.

އެކުވެރިންނޭ! މިފަދަ ބަސްތަކުން އަނބިންމާ މުޢާމަލާތު ކުރުން ހުއްދަކަން ޤަބޫލު ކުރާށެވެ. މިނޫންވެސް މިފަދަ އޯގާވެރި ރިވެތި ބަސްތަކުން އަނބިންނާ ދޭތެރޭ މުޢާމަލާތު ކުރުން ހުއްދަ ވާނެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައިގެ އަރިހުން أبي هريرة رضي الله عنه ރިވާކުރައްވާފައިވާ މިޙަދީޘް ބަސްފުޅު މަތިން ހަނދުމަކުރާށެވެ! قال رسول الله - صلى الله عليه وسلم (والكلمة الطيبة صدقة) الحديث متفق عليه. މާނަ" އަދަބުވެރި ރިވެތި މާތް ބަސްތަކުން މީސްތަކުންނާ މުޚާޠަބު ކުރުމީ ޞަދަޤާތެކެވެ." މިފަދަ ރަނގަޅު ބަސްތަކަކީ ހިތާމަތަކާއި، ކެކެޅުމާއި، ވޭނުގެ ސަބަބުން ވީރާނަވެ، ހަލާކުވެ، ފުޑުފުޑު ވެފައިވާ ނިކަމެތި ހިއްތަކުގެ ފަރުވާއެވެ. އެފަދަ ހިތްތަކުގެ ދިރުމެވެ. އަނބިމީހާގެ މިފަދަ އިޙްސާސްތައް އޭނާގެ ފިރިމީހާ ފިޔަވައި އެހެން ފަރާތަކަށް އިޙްސާސެއް ނުކުރެވޭނެއެވެ. ހިތާމަތަކާއި، ވޭނާއި ހިތްދަތިކަމުގައިވާ އަނބިމީހާގެ އިޙްސާސްތަކުގެ ތަޅުދަނޑިއަކީ ކޮބައިކަން ފިރިމީހާ ފިޔަވައި އެހެން ފަރާތަކަށް އިޙްސާސް ނުކުރެވޭނެއެވެ. މިފަދަ ހެޔޮ ކަލިމަތަކަކީ ހިތާމައާއި، ހިތްދަތިކަމުން ފުޑުފުޑުވެ ވީރާނާވެފައިވާ ނަފްސުތަކަށް އާރޯކުރުވައި ތާޒާކަމުގެ ދިރުގެނުގައިދޭ ކަލިމަތަކެކެވެ. އަންހެނާގެ ހިޙްސާސްތައް ރަނގަޅަށް ދަންނަ މީހަކަށް ނޫނީ އަންހެނާގެ ހިތުގެ ތަޅުދަނޑި ނުލިބޭނެއެވެ. ލޯބިން ބައްދާލުން ނޫން ގޮތަކަށް އަނބިމާހާގެ ގައިގައި ނުބައްދާށެވެ. އައްއިމާމު އަލްމުތަނައްބީ ( رحمه الله ) ވިދާޅުވަނީ " ތިބާއީ އަންހެނުންގެ އިޙްސާސްތައް ދަންނަ އަދި އެމީހުންނަށް އޯގާތެރިވާ މީހަކަށްވާށެވެ!"

އެކުވެރިންނޭ! ފިރިމީހާއަށްޓަކައި އަނބިމީހާ ކުރަމުން ވަމުންނަ ޤުރުބާނީ ހަނދާންކުރާށެވެ. އަނބިމީހާގެ ޤުރުބާނީއާއި، ޚިދުމަތްތައް އިޙްސާސް ކުރެވޭނީ ފިރިމީހާއަށެވެ. ތިބާއީ އަނބިމީހާގެ ކަރުގައި ބަދެފައިވާ އަނިޔާވެރިކަމުގެ މަޅިއަކަށް ނުވާށެވެ. އަނބިމީހާގެ އިޙްސާސްތައް ދެނެގަންނާށެވެ. ތިބާއީ އަންހެނުންނާ މެދު އޯގާތެރިވެ އެމީހުންނަށް ހެޔޮއެދޭ އެމީހުންގެ މިތުރަކަށްވާށެވެ! އަދަބުވެރި މާތް ބަސްތަކަކުން މުޚާޠަބު ކުރުމުން ތިބާގެ ދަރަޖައާއި، ޤަދަރު މީސްތަކުންގެ ކުރިމަތީގައި އުފުލިގެން ދާފަދައިން ތިބާގެ އަނބިމީހާގެ ގާތުގައިވެސް ތިބާގެ ޢިއްޒަތާއި، ޤަދަރާއި، މަތިވެރިކަން އުފުލިގެން ދާނެކަން ދަންނާށެވެ!.﴿ فَبِمَا رَحْمَةٍ مِّنَ ٱللَّهِ لِنتَ لَهُمْ ۖ وَلَوْ كُنتَ فَظًّا غَلِيظَ ٱلْقَلْبِ لَٱنفَضُّوا۟ مِنْ حَوْلِكَ ۖ فَٱعْفُ عَنْهُمْ وَٱسْتَغْفِرْ لَهُمْ وَشَاوِرْهُمْ فِى ٱلْأَمْرِ ۖ فَإِذَا عَزَمْتَ فَتَوَكَّلْ عَلَى ٱللَّهِ ۚ إِنَّ ٱللَّهَ يُحِبُّ ٱلْمُتَوَكِّلِينَ ﴾ އެއުރެންނަށް ކަލޭގެފާނު އޯގާވެރިވެވަޑައިގަތީ، اللَّه ގެ حضرة ން ލެއްވި رحمة އެއްގެ ސަބަބުންނެވެ. ހިތްޕުޅު ހަރުކަށި، خُلق ނުބައި ބޭކަލަކު ކަމުގައި ކަލޭގެފާނުވިނަމަ، ކަލޭގެފާނުގެ އަރިހުން އެއުރެން ވަކިވެގެން ހިނގައްޖައީހެވެ. ފަހެ، އެއުރެންނަށް ކަލޭގެފާނު عفو ކުރައްވާށެވެ! އަދި، އެއުރެންނަށް ފާފަފުއްސެވުން އެދި ދަންނަވާށެވެ! އަދި، ކަންތަކުގައި ކަލޭގެފާނު އެމީހުންނާ مشورة ކުރައްވާށެވެ! ފަހެ، (ކަމަކާމެދު) ކަލޭގެފާނު عزم ކަނޑައަޅުއްވައިފިނަމަ، ފަހެ، ކަލޭގެފާނު اللَّه އަށް وكيل ކުރައްވާށެވެ! ހަމަކަށަވަރުން، وكيل ކުރާ މީހުންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ. އިލާހީ މިފަދަ ބަސްތަކުގެ ފައިދާ ލިބިގަންނާށެވެ. އަނބިންނާ ދޭތެރޭ ވިސްނާ ލައްވާށެވެ! އެއީ ކޮންފަދަ ބައެއްކަން ތިބާ ދަންނާށެވެ.