ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ކޮމިކް "ދަ އާޗީ" އަށް ބިނާކޮށްގެން ބޮލީވުޑުން އުފައްދާ ފިލްމުގެ ފުރަތަމަ ޕޯސްޓަރ ދައްކާލައިފިއެވެ.

ޑިޖިޓަލް ޕްލެޓްފޯމް ނެޓްފްލިކްސްއާއި ކާމިޔާބު ޑައިރެކްޓަރު ޒޯޔާ އަޚްތަރު ގުޅިގެން އުފައްދާ މިފިލްމުގައި ބޮޑަށް ދައްކުވައިދޭނީ 1960 ގެ އަހަރުތަކުގެ ވާހަކަތަކެކެވެ.

ބޮލީވުޑްގެ ގިނަ "ސްޓަރ ކިޑް" އިން ފެނިގެންދާ މިފިލްމު ގިނަ ބަޔަކަށް ޚާއްސަވެގެންދަނީ ފިލްމުން ބޮލީވުޑްގެ އާއިލާތަކެއްގެ ކުދިން އެއްފަހަރާ ފެނިގެންދާތީއެވެ. އޭގެތެރޭގައި، ހިންދީ ސިނަމާގެ މެގަ ސްޓަރ އަމީތާބް ބައްޗަންގެ ކާފަ ދަރިފުޅު އަގަސްތްޔާ ނަންދާ، ކުރީގެ ބަތަލާ ސްރީދޭވީ އާއި ޕްރޮޑިއުސަރު ބޮނީ ކަޕޫރުގެ ދަރިފުޅު ޚުޝީ ކަޕޫރާއި އަދި ޝާހްރުކް ޚާންގެ ދަރިފުޅު ސުހާނާ ޚާން ހިމެނެއެވެ.

މީގެއިތުރުންވެސް ފިލްމު "އާޗީސް" އިން ޒުވާން ފުރައިގެ ބޮޑު ކާސްޓެއް ފެނިގެންދާނެއެވެ.

ފިލްމުގެ ފުރަތަމަ ޕޯސްޓަރާއެކު ބޮލީވުޑްގެ އެކި ތަރިންގެ އިތުރުން އާއިލާގެ މެމްބަރުންވެސް ވަނީ ފިލްމުން ފެންނަ ޒުވާން ތަރިންނަށް މަރުޙަބާ ކިޔާފައެވެ. އޭގެތެރޭގައި އަގަސްތަޔާގެ ކާފަ އަމީތާބް ބައްޗަން، ސުހާނާގެ މަންމަ ގޯރީ ޚާންއާއި ބައްޕަ ޝާހްރުކް ޚާން އަދި ޚުޝީގެ ދައްތަ އަދި ބަތަލާ ޖާންވީ ކަޕޫރު ހިމެނެއެވެ.

ޖާންވީ ކަޕޫރުގެ މެސެޖުގައި ބުނެފައިވަނީ ފިލްމުގެ މަސައްކަތް ވަރަށް ކައިރިން ފެނިފައިވާކަމަށާއި މިއީ ވަރަށް ގިނަ ދުވަސްތަކެއްގެ ބުރަ މަސައްކަތްތަކެކެވެ. އަދި އޭނާގެ ކޮއްކޮ ސްކްރީނުން ބަލާލުމަށް ކެތްމަދުވެފައިވާ ކަމަށެވެ.

https://www.youtube.com/watch?v=_x5BvWZavQ8

ފިލްމުގައި ފެންނަ ޒުވާން ކާސްޓާއެކު 60 ގެ އަހަރުތަކުގެ ވާހަކަތައް ވަރަށް ފުރިހަމައަށް ގެނެސްދެވޭނެކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުންވަނީ ބުނެފައެވެ.

ރީތި މިއުޒިކާއިއެކު، އެކުވެރިކަމާއި ފުރަތަމަ ލޯބީގައި ކުރެވޭ ތަޖުރިބާތަކާއެކު ޓީނޭޖް އުމުރުގައި ކުދިން ތަޖުރިބާކުރާ ވަރަށް ގިނަ މަރުހަލާތައް ފިލްމުން ފެނިގެންދާނެކަމަށް ރިޕޯޓުތައް ބުނެއެވެ.

އަންނަ އަހަރުގެތެރޭ މިފިލްމު ގެނެސްދޭން ނިންމާފައިވީނަމަވެސް ފިލްމު ރިލީޒްކުރާނެ ވަކި ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ފިލްމު "ދަ އާޗީ" އަކީ ޑައިރެކްޓަރު ޒޯޔާ އަޚްތަރުގެ ފިލްމު "ގޯސްޓް ސްޓޯރީސް" އަށްފަހު އޭނާ ޑައިރެކްޓްކުރާ ފުރަތަމަ ފިލްމެވެ.

ޒޯޔާ އަޚްތަރު ޑައިރެކްޓްކޮށްފައިވާ ފިލްމު "ގައްލީ ބޯއީ" އަކީ އިންޑިއާގެ އިތުރުން ބައިނަލް އަޤްވާމީ ޕްލެޓްފޯމް ތަކުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ.

މީގެއިތުރުންވެސް ޒޯޔާ ޑައިރެކްޓްކޮށްފައިވާ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ފިލްމު "ޒިންދަގީ ނާ މިލޭގޭ ދޮބާރާ"، "ތަލާޝް" އަދި "ދިލް ދަޅަކްނޭ ދޯ" ހިމެނެއެވެ.