2023ގެ ރިޔާސީ ރޭހުގައި ވާދަކުރެއްވުމާމެދު ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް އަދި ގޮތެއް ނުނިންމަވާކަން ހާމަވެއްޖެއެވެ.
މިކަން ހާމަވީ، ރާއްޖޭގެ ނޫހަކަށް އެމަނިކުފާނު ދެއްވި ބަސްދީގަތުމަކުންނެވެ.
ރައީސް ޞާލިޙް މިކަން ހާމަކުރެއްވިއިރު، ޓީވީ ޕްރަގްރާމެއްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅެއްގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެމަނިކުފާނު ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށެވެ. އެހެންނަމަވެސް ރައީސް ޞާލިޙް ވާދަކުރައްވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވި ނަމަވެސް، ރައީސް ޞާލިޙް ވިދާޅުވީ އިންތިޙާބުގައި ވާދަ ނުކުރައްވަން ނުނިންމަވާކަމަށެވެ. އަދި އެމްޑީޕީގެ ޕްރައިމެރީގައި ވާދަ ނުކުރަވަންވެސް ނުނިންމަވާކަމަށާއި އެފަދަ މަޝްވަރާ އެއްވެސް މިހާތަނަށް ކުރައްވާފައިނުވާ ކަމުގައެވެ.
ހަމައެހެންމެ ރިޔާސީ ރޭހުގައި ވާދަކުރައްވަންވެސް ނިންމަވާފައި ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
2023ގެ ރިޔާސީ ރޭހުގައި ވާދަކުރެއްވުމާމެދު ރައީސުލްޖުމްހޫރިއްޔާ އަދި ގޮތެއް ނުނިންމެވި ނަމަވެސް، އިދިކޮޅު ޕީޕީއެމްއިން ވަނީ ރިޔާސީ ރޭހަށް ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ނުކުންނަވާނެކަން ހާމަކޮށްފައެވެ.
އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވެސް ވަނީ، 2023ގެ އިންތިޚާބުގައި އެ ޕާޓީގެ ކެންޑީޑޭޓަކު ވާދަކުރައްވާނެ ކަމަށް ބުނެފައެވެ.