ލައްޓި މަސްވެރިކަމަށް ނުކުމެ އުޅުނު ކުޑަ ޑިންގީއެއްގައި ތިބި މީހުން ކުރި މަސައްކަތުން، ގާދޫކޮލުން ބޭރަށް އޮޔާ ދަމަމުން ދިޔަ ބަޔަކު ސަލާމަތްކޮށްފިއެވެ.

އެމީހުން ސަލާމަތްކޮށްފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އޮޔާ ދިޔަ މީހުން ސަލާމަތް ކުރިކަން އާންމުންގެ ސަމާލުކަމަށް ގެނެސްފައި ވަނީ މަސް ބާނަން ދިޔަ ޑިންގީގައި ހުންނެވި އިސްލާމިކް މިނިސްޓްރީގައި އިސްލާމިކް ސްޓޫޑިއޯގެ މެނޭޖަރު އިސްމާއިލް އަފްރާހުއެވެ.

އަފްރާހު އޭނާގެ އަމިއްލަ ފޭސްބުކް ޓައިމްލައިންގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ އެމީހުން ލައްޓި މަސްވެރިކަމަށް ނުކުތީ ހެނދުނު 06:00ގައި ކަމަށާއި ހިތްހަމަޖެހޭ ވަރަށް ލައްޓި ބޭނުމުން މާ ކަނޑަށް ނުކުތީ ކުރުމަހެއް ބޭނޭތޯ ކަމަށެވެ. އޭރު ގަޑިން 9:30 ހާއިރު ވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

https://www.facebook.com/529187999/videos/pcb.10160340400993000/338617318359730

ކަނޑު ތެރެއަށް ނުކުމެ ދުއްވަނިކޮށް ފެެނުނީ ޑައިވަރުން ދޫކުރާ ކަހަލަ ހަމެއް ދޫކޮށްފައި އޮއްވައި ކަމަށާއި، ނަމަވެސް އެ ސަރަހައްދުން އެއްވެސް އުޅަނދެއް ފެންނަށް ނެތުމުން ހަން ދޫކޮށްފައި އިން ހިސާބަށް ދިއުމުން އަށް ޑައިވަރުން ކަނޑުގެ ތެރެއިން އެރި ކަމަށް އެ ޕޯސްޓުގައި ވެއެވެ.

އަދި އެެމީހުންނާ ސުވާލުކުރުމުން ބުނީ އެއީ ވިކްޓްރީ ޝިޕް ރެކަށް އެރުނު ބައެއް ކަމަށެވެ. އެމީހުން ފެނިފައި ވަނީ ގާދޫކޮލުން ބޭރުން އޮޔާދަނިކޮށް ކަމަށް އަފްރާހް ވިދާޅުވިއެވެ. އޭރު ކަނޑު ގަދަކަމަށާއި، ވައި ހުރީ 33 މޭލަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެމީހުން ޑައިވްކުރަން އައި ދޯނި އޭރު ކިރިޔާ ލޮލަށް ފެންނަ ހިސާބުގައި އޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އެ އެންމެން ޑައިވިން ސެޓްތަކާއެކު ޑިންގީއަށް އެރުވެން ނެތިގެެން އެމީހުންގެ އެދުމާ އެކު އެއް ޑައިވަރަކު ނަގައިގެން ޑައިވިނަށް އައި ދޯނި އޮތް ހިސާބަށް ގެންގޮސް ދިނީއެވެ. ބާކީ ތިބި ޑައިވަރުން ނަގާފައި ވަނީ ޑައިވް ދޯންޏަށެވެ.

މި އަހަރުގެ ހުޅަނގު މޫސުން ފެށިފައިވާއިރު މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއް ކަމުން ޑައިވިނަށް ދާ ފަރާތްތަކުން އަދި އެމީހުން ދަތުރުކުރާ ދޯނިފަހަރު އެކަމަށް ވިސްނުމަަށް ކަމާއި ބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.