މިހާރު ޝޫޓިންގެ ފެށިފައިވާ މަޤުބޫލު ޓީވީ ޝޯވް ކޮފީ ވިތް ކަރަންގެ ސީޒަން-7 ސްޓަރ ވޯލްޑްއިން ދެއްކުމުގެ ބަދަލުގައި ބްރޯޑްކާސްޓްކުރާނީ ޑިޒްނީ ޕްލަސް ހޮޓްސްޓާއިން ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޕްރޮޑިއުސަރު ކަރަން ޖޯހަރު ހޯސްޓެއްގެގޮތުގައި ފެންނަ މިޝޯވް މިފަހަރުވެސް ހޯސްޓުކުރާނީ ކަރަންއެވެ.

ސީޒަން 7 ގެ ޝޫޓިންގް މިހާރު ފެށިފައިވާކަން ކަށަވަރުކޮށްދެމުން ކަރަންވަނީ މިފަހަރުގެ ސީޒަންގެ ފުރަތަމަ ޕޯސްޓަރވެސް އާއްމުންނާ ހިއްސާކޮށްފައެވެ.

"ކޮފީ ވިތް ކަރަން" އާ ބެހޭގޮތުން ތަފާތު އެކި ޚަބަރުތައް ފެތުރެމުންދަނިކޮށް ކަރަންވަނީ މިޝޯވް ދެން އެނބުރި ނާންނާނެކަމަށް ބުނެ އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށް ތަންކޮޅެއްކުރިން ޕޯސްޓެއްވެސް ކޮށްފައެވެ.

ފޭނުން ނާއުއްމީދު ވެފައިވަނިކޮށް އޭގެ ދުވަސްކޮޅެއްފަހުން ކަރަން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޭނާގެ ޝޯވް ސްޓަރ ޗެނަލް މެދުވެރިކޮށް ނުގެނެސްދޭނެ ކަމަށާއި ނަމަވެސް ޑިޒްނީ ހޮޓްސްޓަރއިން ޝޯވް ގެނެސްދޭން ހަމަޖެހިފައިވާ ކަމަށެވެ.

"ކޮފީ ވިތް ކަރަން" ގެ ހުރިހާ ސީޒަންތަކެއްވެސް މިހާތަނަށް ގެނެސްދީފައިވަނީ އެކި ފަހަރު އެކި ސްޓައިލްގައެވެ. މިފަހަރުގެ ޝޯވްގެވެސް ފުލް ސެޓް ތަފާތުވެފައި އެހާމެ ފުރިހަމަވާނެކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ޝޯވްގައި ހިމެނޭ އެންމެ ޝައުގުވެރި ބައި "ރެޕިޑް ފަޔަރ" ގައި މިފަހަރުގެ މެހެމާނުންނާ ވަރަށް ތަފާތު އެހާމެ "ޕާސަނަލް" ސުވާލުވެސް ކުރެވޭނެކަމަށް މައުލޫމާތު ލިބެއެވެ. މީގެކުރިން ސްޓާއިން ޝޯވް ގެނެސްދޭތީ ކޮންޓެންޓް ވަކި މިންގަނޑެއްގައި ހިފަހައްޓަން މަޖުބޫރުވިނަމަވެސް މިފަހަރު އެއާ މުޅިން ތަފާތުވާނެކަމަށް ކަރަންވަނީ މައުލޫމާތު ދީފައެވެ

އަންނަ މަހުގެތެރޭ ޝޯވް ސްޓްރީމްކުރަން ފަށާނެކަމަށް ލަފާކުރެވޭއިރު ޝޯވްގެ ފުރަތަމަ މެހްމާނުންގެގޮތުގައި ފެންނާނެކަމަށް ރިޕޯޓުތަކުން ބުނެފައިވަނީ، ބަތަލާ އާލިއާ ބަޓްއާއި އެކްޓަރު ރަންވީރް ސިންގްއެވެ. މި 2 ތަރިންނަކީ ކަރަންގެ ކުރިޔަށް އޮތް ފިލްމު "ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ" ގެ ލީޑް ތަރިންނެވެ. އެހެންކަމުން ބެލެވޭގޮތުގައި މި އެޕިސޯޑަކީ އެފިލްމުގެ ޕްރޮމޯޝަންގެ ބައެކެވެ.

މީގެއިތުރުން ބަތަލާ ޖާންވީ ކަޕޫރާއި ސާރާ އަލީ ޚާން އެކުގައި ފެންނާނެކަމަށް ޚަބަރުލިބޭއިރު، ކަރީނާ ކަޕޫރު ޚާންއާއި ދައްތަ ކަރިޝްމާ ކަޕޫރު އެކީގައި ފެންނަ އެޕިސޯޑެއްވެސް ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ.

ހަމައެއާއެކު ސައުތް ސިނަމާގެ މަގުބޫލު ތަރިންވެސް މިފަހަރުގެ ސީޒަންއިން ފެންނާނެކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެތެރޭގައި ފިލްމު "ލިގޯ" ގެ އެކްޓަރު ވިޖޭ ދެވެރަކޮންދާ، ޕްރަބްސް އަދި ތެލުގޫ ސުޕަސްޓަރ ރާމް ޗަރަން ހިމެނެއެވެ.

"ކޮފީ ވިތް ކަރަން" ގެ ފުރަތަމަ ސީޒަން ފަށާފައިވަނީ 2004 ވަނަ އަހަރުއެވެ. މިފަހަރުގެ ސީޒަން ޝައުގުވެރި ކުރުވުމުގެގޮތުން ފިލްމު އިންޑަސްޓްރީގައި 15 އަހަރަށްވުރެ ދިގުމުއްދަތަށް މަސައްކަތް ކޮށްފައިވާ މަގުބޫލު ފަންނާނުންވެސް މިފަހަރުގެ ސީޒަންގައި ފެންނާނެކަމަށް ބެލެވެއެވެ