އަންނަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވިކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާރސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރީކޯ މިހެން ވިދާޅުވީ، ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޞާލިޙް ވާދަކުރައްވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ.

މޫސަ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ނަޝީދު ހެއްދެީ ދޮގެއްކަމަށެވެ. ރައީސް ސޯލިހާއި ރައީސް ނަޝީދާ ދެމީހުން ބައްދަލުވެ ވާހަކަނުދައްކާތާ އެތައް ދުވަހެއްވެއްޖެކަމަށް މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ، އޭނައާއި ބައްދަލުވެ ރައީސް ވާހަކަދައްކަވާކަމަށާއި، 2023 ގެ އިންތިހާބުގައި ވާދަކުރައްވާނެކަމަށް ވިދާޅުވިކަމަށެވެ. އަދި ކުރިއަށްވަޑައިގަންނަވާނީ އުސޫލާއެއްގޮތަށްކަމަށް ރައީސް ވިދާޅުވިކަމަށެވެ.

2023ގެ އިންތިހާބާއި ގުޅޭގޮތުން ރައީސް ވިދާޅުވީ، އިންތިޙާބުގައި ވާދަ ނުކުރައްވަން ނުނިންމަވާކަމަށެވެ. އަދި އެމްޑީޕީގެ ޕްރައިމެރީގައި ވާދަ ނުކުރަވަންވެސް ނުނިންމަވާކަމަށާއި އެފަދަ މަޝްވަރާ އެއްވެސް މިހާތަނަށް ކުރައްވާފައިނުވާ ކަމުގައެވެ.

2023 ގެ ރިޔާސީ އިންތިހާބުގެ ޕްރައިމެރީގައި ރައީސް ނަޝީދު ވާދަކުރައްވާނެކަމަށް މީގެކުރިން ވަނީ އިއުލާންކުރައްވާފައެވެ.