މެއިމަހުގެ 18 އާ ދިމާކޮށް ސްރީލަންކާގެ އެކި ހިސާބުތަކަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށްޓަކައި، ސްރީލަންކާގެ ތަމަޅަ ޓައިގަރު ޖަމާއަތުގެ ކުރީގެ ހަނގުރާމަވެރިންގެ ސަފުތައް އަލުން ރުކުރުވާލަމުންދާ ކަމަށް އިންޑިއާގެ ޖާސޫސީ އިދާރާތަކުން ބުނެފިއެވެ.
އިންޑިއާގެ ޖާސޫސީ އިދާރާތަކަށް ލިބުނު މިކަމުގެ މައުލޫމާތު އިންޑިއާގެ ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.
މައުލޫމާތުގައި ބުނެފައިވަނީ، ސްރީލަންކާއަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށްޓަކައި ލިބަރޭޝަން ޓައިގަރސް އޮފް ޓެމިލް އީލާމުން، އެ ޖަމާއަތުގެ ކުރީގެ ހަނގުރާމަވެރިން އެއްކޮށް، ސަފުތައް އަލުން ރުކުރުވާލަމުން ގެންދާ ކަމަށެވެ.
އެލްޓީޓީއީ ޖަމާއަތަކީ ސްރީލަންކާއާއި ދުނިޔޭގައިވެސް މަނާކޮށްފައިވާ ޓެރަރިސްޓް ޖަމާއަތެކެވެ.
އިންޑިއާގެ ޖާސޫސީ އިދާރާތަކުން ބުނެފައިވަނީ، ބައެއް ތަމަޅަ ޓައިގަރުން ބޭނުންވަނީ ސްރީލަންކާގެ ސަލާމަތީ ބާރުތަކާއި، އާންމުންނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގައި އެމީހުންގެ "އަޑުވެސް" އިއްވާށެވެ.
މެއި 18 އާ ދިމާކޮށް މުޅި ސްރީލަންކާއަށް ވަރުގަދަ ހަމަލާތަކެއް ދޭން ތަމަޅަ ޓައިގަރުންގެ ބައެއް މީހުން ބޭނުންވަނީ، އެ ދުވަހަކީ، ތަމަޅައިންނާ ދެކޮޅަށް ސްރީލަންކާއިން ހިންގި ގަތުލުއާންމުގައި މަރުވެދިޔަ މީޙުންގެ ހަނދާންތައް އައުކުރާ ދުވަހަށް ވީމައެވެ. އެކަމަކު، އެދުވަހަކީވެސް ސްރީކަންކާގައި ފާހަގަކުރުން މަނާކޮށްފައި އޮންނަ ދުވަހެކެވެ.
މީގެއިތުރުން، ޓައިގަރު ޖަމާއަތުގެ ލީޑަރު ވެލުޕިއްލައި ޕްރަބާކަރަން އާއި، އެ ޖަމާއަތުގެ އެހެން ލީޑަރުން މަރާލުމުން އެކަމުގެ ބަދަލުހިފަން ހަމަލާތަކެއް ދިނުމަށްވެސް ޓައިގަރު ޖަމާއަތުގެ ބައެއް ޓައިގަރުން ބޭނުންވާ ކަމަށް އިންޑިއާގެ ޖާސޫސީ އިދާރާތަކާ ހަވާލާދީ މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ.
ޓައިގަރު ޖަމާއަތް ބަލިކޮށް ނައްތާލަން ސްރީލަންކާގެ އޭރުގެ ސަރުކާރުން އެންމެފަހު ފިޔަވަހީގެ ހަމަލާތައް ދީފައިވަނީ 2009 ވަނަ އަހަރުއެވެ. އޭރު ސްރީލަންކާގެ ރައީސަކަށް ހުންނެވީ އިހަށްދުވަހު ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވި މަހިންދަ ރާޖަޕަކްސައެވެ. ދިފާއީ ވަޒީރަކަށް ހުންނެވީ މިހާރުގެ ރައީސް ގޮޓަބާޔަ ރާޖަޕަކްސައެވެ.