ސިފައިންގެ ޤާބިލްކަން އިތުރުކުރުމުގެ ގޮތުން، ޔޫއެސް ފަސްޓް ބެޓޭލިއަން ފިފްތު ސެކިޔުރިޓީ ފޯސް އެސިސްޓެންސް ބްރިގޭޑާއި ދިވެހި އަސްކަރިއްޔާ ގުޅިގެން ތަމްރީނުތަކެއް ފަށައިފިއެވެ.

"އެކްސަސައިޒް ބްލެކް މަރލިން 22-2"ގެ ނަމުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ލ.ކައްދޫގައި މޭ 14 ވަނަ ދުވަހުގެ ހެނދުނު ފެށި މި ތަމްރީނުތައް ޖޫން މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އެމްއެންޑީއެފްގެ މެރިން ކޯރގެ ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕު (އެސްއޯޖީ) ގެ މެރިންސް ބައިވެރިވާ މި ތަމްރީނުތަކުގައި، މެޑިކަލް، މާކްސްމަންޝިޕް، ކައުންޓަރ އައިއީޑީ އަދި ބްރީޗިންގ އާއި ކްލޯސް ކްއޯޓަރ ބެޓަލް ފަދަ އަސްކަރީ އުކުޅުތައް ފަރިތަކުރާގޮތަށް ހަމަޖެހިފައިވެއެވެ. މިގޮތުން، މި ތަމްރީނުތައް ކުރިއަށްގެންދާއިރު، ސިމިޔުލޭޝަންގެ ގޮތުގައި ސިފައިން ބޭނުންކުރާ ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެކްސަސައިޒް ބްލެކް މަރލިން އަކީ ސިފައިން އަދާކުރަންޖެހޭ އޮޕަރޭޝަނަލް ޓާސްކުތަކަށް ތަމްރީނުކޮށް، ސިފައިންގެ ޤާބިލްކަން އިތުރުކުރުމަށާއި، އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ރެޑިނަސް އަދި ކޭޕެބިލިޓީ ދެނެގަނެ އިތުރަށް ހަރުދަނާކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ދެނެގަތުމުގެ މަޤްޞަދުގައި ބާއްވަމުން ގެންދާ އެކްސަސައިޒެކެވެ.