ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކާއެކު އެކުލަބުގެ ތަރި ރޮބާޓް ލެވަންޑޮސްކީ ހަދާފައިވާ އެއްބަސްވުން އައުނުކުރާނެ ކަމާއި، ކުލަބު ދޫކޮށްލަން ނިންމާފައިވާކަން އޭނާ އެކުލަބަށް އަންގައިފިއެވެ.

ބަޔާންގެ ސްޕޯޓިންގ ޑިރެކްޓަރު ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.

އޭނާ ބުނީ، އެއްބަސްވުން އައުކުރުމަށް ބަޔާން އިން ލެވަންޑޮސްކީ އަށް ހުށަހަޅާފައިވާ އައު ކޮންޓްރެކްޓް ބަލައިގަންނަން ބޭނުން ނުވާކަމަށާއި، ކުލަބު ދޫކޮށްލަން ބޭނުންވާކަން، ރަސްމީކޮށް ލެވަންޑޮސްކީ އެކުލަބަށް އަންގާފައިވާ ކަމަށެވެ.

ބަޔާން އާއިއެކު ލެވަންޑޮސްކީ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެހެންކަމުން އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ލެވަންޑޮސްކީ އަށް އެހެން ކުލަބަކާއެކު ޕްރީ އެގްރިމެންޓެއް ހެދޭއިރު، ޖޫންގެ ކުރިން ބަޔާން އިން ލެވަންޑޮސްކީ ވިއްކާ ނުލައިފިނަމަ އޭނާ އެހެން ކުލަބަކަށް ބަދަލުވާނީ ހިލޭ ޓްރާންސްފަރ އެއްގެ ދަށުންނެވެ.

މިއީ މާލީ ގޮތުން ބަޔާން އަށް ލިބޭނެ ބޮޑު މާލީ ފައިދާއަކަށް ހުރަސް އެޅޭނެ ކަމަކަށްވީ ނަމަވެސް، ބަޔާން އިން އޭނާ ވިއްކާލަން އަންނަނީ ދެކޮޅު ހަދަމުންނެވެ. އެގޮތުން ބަޔާންގެ ވެރިން ވަނީ ތަކުރާރުކޮށް، ލެވަންޑޮސްކީގެ ކޮންޓްރެކްޓު ހަމަވާން ގާތްގަނޑަކަށް އަހަރެއްގާ ދުވަސް އެބައޮތް ކަމަށާއި، ބަޔާން އިން އޭނާ ވިއްކާލަން ނިންމުމާއި ހަމައަށް އޭނާ އަކީ އެކުލަބުގެ ކުޅުންތެރިއެއްކަން ހަނދާންކޮށްދީ ވާހަކަދައްކާފައެވެ. އަދި އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން އެކުލަބުން އޭނާ ދޫކޮށް ނުލާނެކަމުގެ ޔަގީންކަން ކުލަބުގެ ސްޕޯޓިންގ ޑިރެކްޓަރު ވަނީ ދީފައެވެ.

ބަޔާން އަށް މި ސީޒަނުގައި ކުޅެދޭނެ އެންމެ ފަހު މެޗު، ވުލްވްސްބާގާއި ދެކޮޅަށް މިއަދު ކުޅުނު މެޗުން ބަޔާން 2-2 އިން އެއްވަރުވިއިރު މި މެޗުގައިވެސް ލެވަންޑޮސްކީ ވަނީ ލަނޑު ޖަހާފައެވެ. މި މެޗަށްފަހު މި ސީޒަނުގެ ބުންޑަސްލީގާގެ ޓޮޕް ސްކޯރަރގެ ޓްރޮފީވެސް ލެވަންޑޮސްކީ އާއި ހަވާލުކޮށްފައިވެއެވެ.

އުމުރުން 33 އަހަރުގެ ލެވަންޑޮސްކީ ބަޔާން އަށް ބަދަލުވީ 2014 ވަނަ އަހަރު ބޮރޫޝިއާ ޑޯޓްމަންޑުން ހިލޭ ޓްރާންސްފަރ އެއްގެ ދަށުންނެވެ. ކުލަބާ ގުޅުނުފަހުން މިވީ މުއްދަތުގެ ތެރޭގައި އޭނާ ވަނީ އެކުލަބަށް 375 މެޗު ކުޅެދީ 344 ލަނޑު ކާމިޔާބު ކޮށްދީފައެވެ. އޭނާ އަކީ ތާރީހުގައިވެސް ދެވަނައަށް ބަޔާން އަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިއާ އެވެ. ބަޔާންގެ އޯލް ޓައިމް ޓޮޕް ސްކޯރަރ އަކީ އެކުލަބުގެ ލެޖެންޑް ގާޑް މުލާ އެވެ. އޭނާ ވަނީ އެކުލަބަށް 581 މެޗު ކުޅެދީ 525 ލަނޑު ކާމިޔާބު ކޮށްދީފައެވެ. ލެވަންޑޮސްކީ އަކީ ބުންޑަސްލީގާގެވެސް ދެވަނައަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ.

ފީފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑުވެސް ދެފަހަރަށް ހޯދާފައިވާ ލެވަންޑޮސްކީ ވަނީ މި ސީޒަނުގެ މިހާތަނަށް ބަޔާން އަށް ކުޅެދިން 46 މެޗުން 50 ލަނޑު ކާމިޔާބު ކޮށްދީފައެވެ. އަދި 49 އަހަރު ވަންދެން ގާޑް މުލާ ބުންޑަސްލީގާގައި ގާއިމްކޮށްފައިވާ ލަނޑުޖެހުމުގެ ރެކޯޑެއްވެސް ލެވަންޑޮސްކީ ވަނީ ފާއިތުވީ އަހަރު މުގުރާލާފައެވެ. އެއީ އެއް އަހަރު ތެރޭ ބުންޑަސްލީގާގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ރެކޯޑެވެ. ލެވަންޑޮސްކީ ވަނީ ފާއިތުވީ އަހަރު ބުންޑަސްލީގާގައި ކުޅުނު 43 މެޗުން 34 ލަނޑު ކާމިޔާބު ކޮށްފައެވެ.

މީގެއިތުރުން މި ސީޒަނުގެ ޖަރުމަނު ބުންޑަސްލީގާވެސް ބަޔާން އާއިއެކު ކާމިޔާބު ކޮށްފައިވާ ލެވަންޑޮސްކީ ވަނީ އޭނާ އެކުލަބާއި 2014 ވަނަ އަހަރު ގުޅުނުފަހުން، ކުޅުނު 8 ސީޒަނުގެ ބުންޑަސްލީގާ ބަޔާން އާއިއެކު ކާމިޔާބު ކޮށްފައެވެ. އަދި އެކުލަބާއެކު މިހާތަނަށް ލެވަންޑޮސްކީ ވަނީ 8 ލީގު ޓައިޓަލްގެ އިތުރުން ޑީއެފްބީ ޕޯކަލް 3 ފަހަރު، ޑީއެފްއެލް ސުޕާކަޕް 5 ފަހަރު، ޔޫއެފާ ޗެމްޕިއަންސް ލީގު. ޔޫއެފާ ސުޕާ ކަޕް އަދި ފީފާ ކްލަބް ވޯލްޑް ކަޕް އެއްފަހަރަށް ކާމިޔާބު ކޮށްފައެވެ.

ބޭރުގެ މީޑިއާތަކުގެ ކުޅިވަރު ރިޕޯޓުތަކުން ބުނާގޮތުން ލެވަންޑޮސްކީ ދެން ކުޅުން އެންމެ ގާތީ ސްޕެއިންގެ ގަދަ ބާރު ބާސެލޯނާ އަށެވެ. އެކުލަބަށް އޭނާގެ ސޮއި ހޯދުމަށް ކުލަބުގެ ވެރިން ވަނީ އޭނާގެ އޭޖެންޓާއެކު މަޝްވަރާ ބައްދަލުވުންތަކެއްވެސް ބާއްވާފައި ކަމަށް ރިޕޯޓުތަކުން ބުނެއެވެ.