މެދުކެނޑުމަކަށްފަހު އަލުން ފަށާފައިވާ ބައިބަލާ ޗެލެންޖުގެ ސެމީ ފައިނަލް ދެ މެޗާއި ފައިނަލް މެޗު މިރޭ ނުކުޅެ، މާދަމާރޭ ކުޅުމަށް ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ މިއަދު މާލެ އަށް މޫސުން ގޯސްވެ، ވިއްސާރަވުމާއި ގުޅިގެން މެޗުތައް ކުޅުމަށް ދަތިތަކަކާއި ކުރިމަތިވުމުންނެވެ.

މިފަހަރު ބައިބަލާ މުބާރާތް މި ބާއްވަނީ ދެ އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. އެންމެފަހުން ބައިބަލާ އެސޯސިއޭޝަނުން މި މުބާރާތް ބާއްވާފައިވަނީ 2019 ވަނަ އަހަރުއެވެ. އެފަހަރު މުބާރާތް ބޭއްވީ "ޢީދު ބައިބަލާ 1440" މި ނަމުގައެވެ. އޭގެފަހުން 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު މުބާރާތް ބޭއްވިފައެއް ނުވެއެވެ. އެއީ ކޮވިޑުގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކުގެ ސަބަބުންނެވެ.

މިފަހަރު މުބާރާތް ބާއްވާނީ "އެމްޓީސީސީ ބައިބަލާ ޗެލެންޖް" ނަމުގައެވެ. މުބާރާތުގެ ޓައިޓަލް ސްޕޮންސާއަކީ އެމްޓީސީސީ އެވެ.

މެދުކެނޑުމަކަށްފަހު ބާއްވާ މި ފޯރިގަދަ މުބާރާތުގެ މިފަހަރުގެ އެޑިޝަނުގައި ޖުމްލަ 32 ޓީމު ވާދަކޮށްފައިވެއެވެ. އެންމެފުރަތަމަ މި މުބާރާތުގައި 34 ޓީމު ބައިވެރިވާ ގޮތަށް، ވަޅު ޢީދު ދުވަހު މުބާރާތް ފަށަން ތާވަލުކުރިނަމަވެސް، ޢީދު ދުވަހު މާލެގައި ހިނގި މާރާމާރީ ތަކާއި ގުޅިގެން މުބާރާތް ފަށާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ. މިގޮތަށް ނިންމާފައިވަނީ ފުލުހުންގެ އެދުމުގެ މަތިންނެވެ. އަދި ފުލުހުންގެ އިރުޝާދުގެ ދަށުން މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ވަރުގަދަ އުސޫލުތަކަކާއި އެކުގައެވެ.

ދިވެހި ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބައިބަލާގެ މިފަހަރުގެ މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ކްލަބް އީގަލްސް އާއި ކްލަބް ޓީނޭޖް އެވެ. އަދި ސެމީގެ ދެވަނަ މެޗުގައި ވާދަކުރާނީ ޓީސީ ސްޕޯޓްސް ކުލަބާއި ކްލަބް 010 އެވެ.

ދޮންގަނޑު ބީޗްކޯޓުގައި ކުރިއަށްދާ ބައިބަލާ މުބާރާތުގެ ޗެމްޕިއަން ޓީމަށް 100,000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައެޅިފައިވާއިރު، ރަނަރަޕް ޓީމަށް 40,000 ރުފިޔާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން މިސްޓާ ބައިބަލާ އާއި ފެއާޕްލޭ ޓީމަށް ފައިސާގެ އިނާމާއި އެވޯޑް ދިނުމަށް ވެސް ވަނީ ނިންމާފައެވެ.

2019 ވަނަ އަހަރު ބޭއްވި ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޑަހެންވޭރު ޔުނައިޓެޑެވެ. އެއީ ކުޑަހެންވޭރުން މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. އެފަހަރު މުބާރާތުގެ ޗެމްޕިއަންކަން ކުޑަހެންވޭރުން ހޯދީ ފައިނަލުގައި ވީކޭ ސްޕޯޓްސް ކްލަބު ބަލިކުރުމަށް ފަހުއެވެ.