ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ މޫދުގެ ޙަރަކާތްތަށް ފެށުމުގެގޮތުން "އަކުއާޓިކް" ގެ ނަމުގައި ޙަރަކާތެއް ފަށައިފިއެވެ.

މި ހަރަކާތަކީ ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށްގެން ފަތަން ދަސްކޮށްދިނުމުގެ އިތުރުން މޫދުގެ ކުޅިވަރުތައް ތަޢާރަފު ކުރުމާއި މޫދުން އެކުދިންނަށް ލިބިދޭ އެކިއެކި ތެރަޕީތައް ދިނުމަށް ކުރިއަށް ގެންދާ ޙަރަކާތްތަކެއްގެ ފެށުމެކެވެ.

މިއަދު އާޓިފިޝަލް ބީޗުގައި ހަރަކާތް ފެށުމަށް ބޭއްވި ޙަފްލާގެ ޝަރަފްވެރި މެހެެމާނަކީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް އެވެ.

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ "އަކުއާޓިކް" ހަރަކާތުގެ ތެރެއިން- ފޮޓޯ:- އެސްއޯ-އެމް

ބައިވެރިންނާ މުޚާޠަބު ކުރައްވަމުން މަޙްލޫފު ވިދާޅުވީ ސްވިމިންއަކީ ވަރަށް ގިނަ ބެލެނިވެރިން އެ ކުޅިވަރަކަށް އެދޭ އެއް ކުޅިވަރުކަމަށާއި މިކަން ނުފެށިގެން ވަރަށްގިނަ ބެލެެނިވެރިން ކަންބޮޑުވާކަމަށެވެ. މިނިސްޓަރ މަޙްލޫފު އިތުރަށް ވިދާޅުވީ މިކަމުގެ އެންމެ ބޮޑު ދައުރެއް އަދާކުރާ އެއްބަޔަކީ ބެލެނިވެރިން ކަމުން ބެލެނިވެރިން މިހާރުވެސް މިކަމުގައި ދެއްވަމުންގެންދަވާ އެއްބާރުލުން ކުރިއަށް އޮތްތާނގައިވެސް ދެއްވާނެކަމަށް އުންމީދުކުރާކަމަށެވެ. އަދި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އިން ދިވެހި ރާއްޖޭގެ ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކޮށްދެއްވަމުން ގެންދަވާ މަސައްކަތް ފާހަގަ ކުރައްވާ އެކްސްކޯއަށް ޚާއްޞަ ޝުކުރެއް ދެންނެވިއެވެ.

މިއަދު 10:00 ގައި ފެށި މި ޙަރަކާތް ނިންމާލާފައިވަނީ ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން އަލްފާޟިލާ ފަޒްނާ އަޙްމަދުގެ ބައިވެރި ވުމާއެކު ހަވީރު 5:00ގަ އެވެ. އެސް-އޯ މޯލްޑިވްސް އިން މެޑަމް ފަޒްނާ އަށް ކުރިއަށް ރޭވިފައިވާ ބައެއް ޕްރޮގްރާމްތައް ވަނީ ޙިއްޞާ ކުރައްވާފައެވެ. އަދި މެޑަމް ފަޒްނާވަނީ އެކަމަށް ހިތްވަރުދެއްވާ މިކުދިންނަށް އިތުރު ފުރުޞަޠުތައް ހޯދައިދިނުމަށް މަސައްކަތް ކުރުމަށް ހިތްވަރުދެއްވާފައެވެ.

މި ޙަރަކާތުގައި ކުދިންގެ ފެންވަރު ބެލުމުގެގޮތުން ސްކްރީން ކުރުން އޮތެވެ.

މިޙަފްލާގައި އެސް-އޯ މޯލްޑިވްސްގެ މޫދުގެ ކުޅިވަރުތަށް ހިންގުމަށް ނިއު ލެގޫން ސްވިމިންގ ކުލަބާއެކު ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ. އެއް އަހަރުދުވަހުގެ މުއްދަތަށް މި ވެވުނު ފަހުމުނާމާގެ ދަށުން އެސް-އޯ މޯލްޑިވްސްގެ ކުދިންނަށް ފަތަން ދަސްކޮށްދިމުނާއި އެކި ހަރުފަތްތަކަށް އެކުދިން ތަމްރީނުކުރުން ހިމެނެއެވެ.

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ "އަކުއާޓިކް" ހަރަކާތުގެ ތެރެއިން- ފޮޓޯ:- އެސްއޯ-އެމް

އެސް-އޯ މޯލްޑިވްސްގެ ފަރާތުން ވާހަކަ ދައްކަވަމުން އެ މުއައްސަސާގެ ޗެއަރޕަރސަން އަލްފާޟިލާ އައިމިނަތު ޝާއިނާ ޢަބްދުﷲ ވިދާޅުވީ މިކަމަކީ ވަރަށް ދިގު އިންތިޒާރެއްގެ ނިމުން ކަމަށާއި އެސް-އޯ މޯލްޑިވްސް އިން އަބަދުވެސް ރާއްޖޭގެ ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަފަރާތްތަކަށް ދުޅަހެޔޮ ޞިއްޙަތެއް ހޯދައިދިނުމަށް މަސައްކަތް ކުރާނެކަމަށެވެ. މީގެ އިތުރުން ބެލެނިވެރިން އެސް-އޯ މޯލްޑިވްސްއަށް ބަހައްޓަވާ ގާތްކަން ފާހަގަކޮށް ޝުކުރު ދެއްނެވިއެވެ.

މި ޙަފްލާގައި ނިއު ލެގޫންގެ ފަރާތުން ވާހަކަ ދައްކަވަމުން އެ ކްލަބުގެ ހެޑް ކޯޗު އިސްމާޢީލް ފަރުހާން ވިދާޅުވީ ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަކީވެސް ފެތުމުގެ ދާއިރާއިން އެހެންމީހުނެކޭ އެއްފަދައިން މި ކުޅިވަރުގައި ފައިތިލަ ސާބިތު ކުރާނެ ބަޔަކަށް ހެދުމާއި މޮޅެތި ފެތުންތެރިންތަކެއް އުފައްދައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ އެކިއެކި މުބާރާތްތަކުގައި ވާދަކޮށް ރާއްޖެ ފަޚުރުވެރިވާ ފަދަ ކުދިންތަކަކަށް ހެދުމަކީީ ނިއުލެގޫންގެ އެންމެ ބޮޑު އެއް އަމާޒުކަމުގައެވެ.

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ "އަކުއާޓިކް" ހަރަކާތުގެ ތެރެއިން- ފޮޓޯ:- އެސްއޯ-އެމް

ނިއު ލެގޫންގެ ފަރާތުން ސްވިމިންގެ ކޯޑިނޭޓަރއަކަށް ކަނޑައަޅާފައިވަނީ ފެތުމުގެ ދާއިރާއިން ފާއިތުވި ތިރީހަކަށް އަހަރު މެދުކެނޑުމެއްނެތި ޝަޢުޤުވެރިކަމާއެކު ކުރަމުން އަންނަ ފެތުމުގެ ދާއިރާއިން އެންމެ ފުރަތަމަ ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ ޤައުމީ އިނާމް ޙާޞިލު ކުރައްވާފައިވާ އަޙްމަދު ޒުނައިޖު އެވެ.