ދުނިޔޭގެ ކުލަބު ފުޓުބޯޅައިގައި އެންމެ ވާދަވެރި ދެ ކުލަބު ކަމުގައިވާ ސްޕެއިންގެ ގަދަ ދެބާރު ރެއާލް މެޑްރިޑާއި ބާސެލޯނާގެ ކުޅުންތެރިންގެ މެދުގައި ނަފްރަތު އުދެއްދުމުގެ ހުރިހާ ޒިންމާއެއް އުފުލަން ޖެހޭނީ ރެއާލްގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ ކަމަށް، ބާސާގެ ތަޖުރިބާކާރު ޑިފެންޑަރު ޖެރާޑް ޕީކޭ ބުނެފިއެވެ.

"ދަ ސްޕެޝަލް ވަން"ގެ ނަމުން މަޝްހޫރު މޮރީނިއޯ ވަނީ 2010 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާއި ދެމެދު ރެއާލްގެ ހެޑް ކޯޗުގެ ޒިންމާ އަދާކޮށްފައެވެ. ރެއާލްގެ ކޯޗުކަމާ މޮރީނިއޯ ހަވާލުވިފަހުން ބާސާ އާއި ރެއާލް އާއި ދެމެދު އޮތް ވާދަވެރިކަން ބޮޑުވެ، އެ ދެކުލަބުން ކުޅޭ މެޗުތައް، "އެލް ކްލަސިކޯ"ގެ ފޯރިވެސް އިތުރަށް ގަދަވިއެވެ. މި މެޗުތަކުގައި ކުޅުންތެރިންގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލު ކުރެވި، ހަމަ ނުޖެހުންތައް ހިނގި އެތައް ފަހަރެއްވެސް ފެނިގެން ގޮސްފައިވެއެވެ.

ރެއާލްގެ ކޯޗުކަމާ މޮރީނިއޯ ހަވާލުވެހުރި ދުވަސްވަރު ދެ ކުލަބުގެ ދެމެދުގައި އޮތް ވާދަވެރިކަމާ ގުޅޭގޮތުން ވާހަކަދައްކަމުން ޕީކޭ ބުނީ، މޮރީނިއޯ ރެއާލަށް އިރުޝާދުދޭން ފެށި ހިސާބުން ފެށިގެން ދެޓީމުގެ ކުޅުންތެރިންގެ މެދުގައި އޮތް ގުޅުމަށް ބޮޑު ހީނަރުކަމެއް އައި ކަމަށެވެ.

އަދި މޮރީނިއޯ ރެއާލާއި ހަވާލުވިއިރު، ދަނޑުމަތީގައި ރެއާލް އަށްވުރެ ބާސާ މާ ބޮޑަށްވެސް ވަރުގަދަ ކަމަށާއި، ވަރުގަދަ ސްކޮޑަކާއި ކުޅުންތެރިންގެ މެދުގައި އޮތް ގުޅުންވެސް ވަރުގަދައީ ބާސާގައި ކަމަށް ޕީކޭ ބުންޏެވެ. އެކަމުގެ ހެއްކަކީ ބާސާގެ ދަނޑުގައި މޮރީނިއޯ ރެއާލަށް އިރުޝާދުދިން ފުރަތަމަ މެޗުގައިވެސް ބާސާ އިން ރެއާލްގެ މައްޗަށް 0-5 އިން ކުރިހޯދުން ކަމަށް ޕީކޭ ބުންޏެވެ.

ޕީކޭ ބުނީ މިކަމުގެ ސަބަބުން ރެއާލްގެ ކުޅުންތެރިންގެ ހިތުގައި ބާސާ އާއިމެދު ނަފްރަތު އުފައްދާ، ދަނޑުމަތީގައި އެކަމުގެ އަސަރު ދައްކުވަން މަޖުބޫރު ކުރުވީ މޮރީނިއޯ ކަމަށެވެ. އަދި ރެއާލްގެ ކުޅުންތެރިންނަށް މޮރީނިއޯ ވިސްނައިދިނީ ބާސާގެ ކުޅުންތެރިން، ރެއާލްގެ ކުޅުންތެރިންނަށް އިންތިހާއަށް ނަފްރަތު ކުރާކަމަށް ކަމަށް ޕީކޭ ބުންޏެވެ.

އެކަމުގެ ސަބަބުން ސްޕެއިންގެ ގައުމީ ޓީމަށްވެސް ބޮޑެތި އަސަރުތަކެއް ކޮށް، ގައުމީ ޓީމުގެ ކުޅުންތެރިންގެ މެދުގައިވެސް ބައިބައިވުން އުފެދުނު ކަމަށާއި، އެކުަމުގެ ޒިންމާވެސް މޮރީނިއޯ ނަގަންޖެހޭނެ ކަމަށް ޕީކޭ ބުނެފައިވެއެވެ. އެގޮތުން ގައުމީ ޓީމުން ކުޅުނު މެޗަކަށް ތައްޔާރުވުމުގެ ގޮތުން ޑްރެސިންގ ރޫމުގައި ކުޅުންތެރިން ތިބިވަގުތު، އޭރު ރެއާލްގެވެސް އަދި ސްޕެއިންގެ ގައުމީ ޓީމުގެ ކީޕަރު އިކާ ކަސިއަސް އާއި ވާހަކަދެއްކުމަށް ޕީކޭ މަސައްކަތްކުރި ކަމަށާއި، އެހެންނަމަވެސް މޮރީނިއޯގެ ނުފޫޒުން ކަސިއަސް ޕީކޭ އާއި އެދުހު ވާހަކަ ނުދެއްކިކަން އޭނާ ހާމަކުރިއެވެ.

މީގެއިތުރުން ޕީކޭ ވަނީ، ބާސާގެ ކޯޗުކަމުގެ މަގާމުން ޕެޕް ގާޑިއޯލާ އިސްތިއުފާ ދިނުމުގައިވެސް މޮރީނިއޯގެ ދައުރު ބޮޑުކަމަށް ތުހުމަތުކޮށްފައެވެ. އެގޮތުން ގާޑިއޯލާ ބާސާ ދޫކޮށް ދިޔައީ، މޮރީނިއޯގެ ސަބަބުން ދެ ޓީމުގެ ދެމެދުގައި ރޯވި ރުޅިވެރިކަމުގެ އަލިފާން ގަނޑުގެ ސަބަބުން ކެތް ނުކުރެވިގެން ކަމަށް ޕީކޭ ބުނެފައިވެއެވެ.

ރެއާލް އަށް ކޯޗުކޮށްދިން ދުވަސްތަކުގެ ތެރޭގައި މޮރީނިއޯ ވަނީ އެކުލަބާއެކު ލަލީގާ ޓައިޓަލް، ކޮޕާ ޑެލްރޭ އަދި ސްޕެނިޝް ސުޕާ ކަޕް އެއްފަހަރަަށް ކާމިޔާބު ކޮށްފައެވެ.