އަނެއްކާވެސް ޗައިނާގައި ކޮވިޑުގެ ހާލަތު ގޯސްވެ، ނުރައްކާ ބޮޑުވާން ފަށާފައިވާތީ، އޭޝިއަން ކަޕް ހޯސްޓު ކުރުމަށް ލިބުނު ފުރުސަތު ދޫކޮށްލަން ނިންމައިފިއެވެ.

ޗައިނާގެ 10 ސިޓީއެއްގައި ބާއްވަން ނިންމާފައިވާ "އޭޝިއަން ކަޕް 2023" ކުރިއަށް ގެންދަން ކުރިން ނިންމާފައި އޮތީ އަންނަ އަހަރުގެ ޖޫން 16 އިން ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށެވެ. ޗައިނާ އަށް މުބާރާތް ބޭއްވުމުގެ ފުރުސަތު ދިނީ 2019 ގެ ޖޫން މަހު އޮތް އޭއެފްސީގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގަ އެވެ.

24 ގައުމަކުން ވާދަކުރާ އޭޝިއަން ކަޕް ހޯސްޓު ނުކުރާނެކަން ޗައިނާއިން އިއުލާންކުރިއިރު، އެގައުމުން މިހާރު ކުރިމަތިލަމުންދަނީ އެންމެފުރަތަމަ ކޮވިޑް ޕެންޑަމިކުގެ ނުރައްކަލާ އެގައުމުން ކުރިމަތިލިއިރު އޮތް ހާލަތާއި އެއްވަރުގެ ނުރައްކަލަކާއެވެ. ފާއިތުވީ އޭޕްރިލް މަހުން ފެށިގެން ޗައިނާގެ ޝަންހައި ސިޓީވެސް އޮތީ ހަރުކަށި ލޮކްޑައުން އެއްގައެވެ.

ޗައިނާ އިން މުބާރާތް ހޯސްޓު ނުކުރާނެކަން ހާމަކޮށް އޭއެފްސީން ބުނީ، އެގައުމުގައި ކޮވިޑުގެ ނުރައްކާ ބޮޑުވެފައިވާތީ، މިއީ މުބާރާތް ހޯސްޓު ކުރުމަށް އެގައުމު އުޒުރުވެރިވާނެކަން ގަބޫލު ކުރެވޭ ސަބަބެއް ކަމަށެވެ. އަދި މުބާރާތް ބާއްވާނެ ގައުމަކާއި ގުޅޭ މައުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރަމުން ގެންދާނެ ކަމަށް އޭއެފްސީން ބުނެފައިވެއެވެ.

އޭއެފްސީ އިން އޭޝިއަން ކަޕް ބާއްވާނެ ގައުމު ކަނޑައެޅުމުގައި 2027ގެ މުބާރާތް ބާއްވަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ގައުމުތަކަށް އިސްކަންދޭނެއެވެ. މި ވަގުތަށް ބަލާއިރު، 2027ގެ އޭޝިއަން ކަޕް ބާއްވަން ބިޑުކޮށްފައިވާ ފަސް ގައުމަކީ އިންޑިއާ، އިރާން، ސައުދީ އަރަބިއްޔާ، ގަތަރު އަދި އުޒްބަކިސްތާނެވެ.

މި މުބާރާތަށް ޗައިނާއިން ބޮޑު ހަރަދެއްކޮށް ގިނަ ތައްޔާރީތަކެއް ވަނީ ވެފައެވެ. އެގޮތުން މުބާރާތުގެ ލޯގޯ ލޯންޗުކޮށް، މުބާރާތަށް ހާއްސަކޮށް ތައްޔާރުކުރި އާ ސްޓޭޑިއަމެއްވެސް ވަނީ މިދިޔަ އަހަރު ހުޅުވާފައެވެ. އެއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައި ޝަންހާއީގައި ހުޅުވި ޕުޑޮންގ ފުޓްބޯލް ސްޓޭޑިއަމެވެ.

ޗައިނާއިން އޭޝިއަން ކަޕް ހޯސްޓު ނުކުރާނެކަން ހާމަކޮށް، އޭއެފްސީން އެކަން ބަލައިގެންފައިވާއިރު، އެގައުމުން ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހު ފަށަން ތާވަލުކޮށްފައި އޮތް އޭޝިއަން ގޭމްސްވެސް ފަސްކޮށްފައެވެ. ގޭމްސް ބާއްވަން ކުރިން ކަނޑައަޅާފައި އޮތް ތާރީހަކީ ސެޕްޓެމްބަރު މަަހުގެ 10 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށެވެ.

އަދި މިއަހަރުގެ ފަހުކޮޅު ބާއްވަން އޮތް އޭޝިއަން ޔޫތު ގޭމްސް ނުބާއްވަންވެސް ވަނީ ނިންމާފައެވެ.