ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަކީ އަދާ ހަމައަށް ދިވެހިރާއްޖޭގައި އެންމެ މެމްބަރުން ގިނަ އަދި ނުފޫޒު ގަދަ ޕާޓީކަމާމެދު ދެބަސްވާނެ މީހަކު ނުހުންނާނެއެވެ. މިވަރުގެ ޕާޓީއެއް ހިންގާލެވޭނީ ވަރަށް ކުޅަދާނެ ވެގެންނެވެ. ވަރަށް ހިކުމަތްތެރިވެގެންނެވެ.

އެމްޑީޕީގެ ހިންގުން ދެ ބަޔަކަށް ބެހެއެވެ. އެއީ ސިޔާސީ އަދި އިދާރީއެވެ. އެންމެ ފަހުން ނިމިގެން ދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް ގިނަ ބައެއްގެ ނަޒަރު ހުއްޓިގެން ދިޔައީ އެ އިންތިޚާބުގައި އެމްޑީޕީގެ އިދާރީ ހިންގުމުގެ އެންމެ އިސް ބޭފުޅަކު އަންޔަން ކުރުމަށް ވޯޓުލާފައި ވާތީއެވެ. އާދެ އިދާރީ ގޮތުން އެ ޕާޓީ ހިންގުމުގެ ކައްޕިތާނަކަށް ނުވަތަ ޗެއަރޕަރސަނަކަށް ބޭފުޅަކު އައްޔަން ކުރުމުގެ އިންތިޚާބަކަށް ވީތީއެވެ. އެ ރޭހުގައި ވާދަކުރެއްވީ އެކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާ ގޮތުން، 58 ޕަސެންޓްގެ ތާއީދާއެކު މި ރޭހުން ކުރި ހޯއްދެވީ އެ ޕާޓީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއީލް (އިބްރާ)ގެ ކޮއްކޯފުޅު އަދި އެމްޑީޕީގެ އިސް ލީޑަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރިހަމަ ތާއީދާއިއެކު އިންތިހާބަށް ވާދަކުރެއްވި ފައްޔާޒެވެ.

މި އިންތިޚާބުގައި ދެ ބޭފުޅުންވެސް ފޯރި ގަދަ ކެންޕެއިނެއް ކުރެއްވިއެވެ. އެންމެ އަޅައިގަތް އެއް ކަމަކީ މިނިސްޓަރު ފައްޔާޒު އިސްމާއިލް ކެމްޕެއިންގައި ބޭނުން ކުރެއްވި ސްލޯގަނެވެ. ވިދާޅުވީ "އެމްޑީޕީ ހިންގާލަން" ކަމަށެވެ. އެމްޑީޕީގެ 94،000 އަށް ވުރެ ގިނަ މެންބަރުންނަށް ވޯޓް ދިނުމުގެ ހައްގު އޮތް އިންތިޚާބުގައި 50،000 ގާތްކުރާ އަދަދަކަށް މެންބަރުން ވަނީ ވޯޓު ލާފައެވެ. އިކޮނޮމިކް މިނިސްޓަރު ފައްޔާޒަށް 28،000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގަތެވެ. ވާދަވެރި އިމްތިޔާޒަށްވެސް 20،000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގަތެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބު 2022ގެ ތެރެއިން

އިންތިޚާބުގެ ކެމްޕެއިން ދުވަސް ވަރު މިނިސްޓަރު ފައްޔާޒު ދެއްކެވި މައިގަނޑު އެއް ވާހަކަފުޅަކީ ޗެއަރޕަރސަންގެ މަގާމަށް އެންމެ އެކަށީގެން ވާނީ އިދާރީ ހިންގުންތެރިއެއް ކަމަަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅެވެ. ވިދާޅުވީ ވަރަށް ސީދާ ސާދާކޮށެވެ. އެމަނިކުފާނަކީ ހިންގުންތެރިއެއް ކަމަށާއި އެ ތަޖުރިބާ ހުރި ކަމަށެވެ. އިންތިޚާބު ކާމިޔާބުކުރެވިއްޖެ ނަމަ ޕާޓީގެ ހަރަކާތްތައް ފުޅާކޮށް ވަރުގަދަކޮށް ކުރިއަށް ގެންދެވޭނެ ކަމަށެވެ. ވިދާޅުވީ، ރަށްރަށާއި ޕާޓީ އާއި ސަރުކާރުގެ ގުޅުން އެތައް ގުނައަކަށް ވަރުގަދަކޮށް ގެންދެވޭތަން ފެންނާނެ ކަމަށެވެ.

ފައްޔާޒު ވިދާޅުވީ، ހީނަރުވެފައިވާ އެމްޑީޕީގެ އިދާރީ ހިންގުން ރަނގަޅުކޮށް، 2023 ހޯދައިދެވޭނީ އެ ތަޖުރިބާ ހުރި ބޭފުޅަކަށެވެ. އެ ބޭފުޅަކީ އެމަނިކުފާނު ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ. އިމްތިޔާޒު ފަހުމީ ފަދަ ބޭފުޅުން މަގުމަތީގެ ސިޔާސީ ހަރަކާތްތަކަށް ހެޔޮވަރުވެފައި ޕޯޑިއަމްތަކުގައި ދޫހެލުނަސް، އިދާރީ ހިންގުމުގެ ތަޖުރިބާ ނެތް ކަމަށް ފައްޔާޒާއި އެމަނިކުފާނާއެކު ނުކުންނެވި ޓީމުން ދިޔައީ ހަރުއަޑުން ގޮވަމުންނެވެ.

"އަޅުގަނޑަކީ ހިންގުންތެރިއެއް. މި އިންތިހާބު ކާމިޔާބުކުރެވިއްޖިއްޔާ ޕާޓީގެ ހަރަކާތްތައް މިހާރަށް ވުރެން ވަރުގަދަކޮށް ކުރިއަށް ގެންދެވޭނެ. ރަށްރަށާއި ޕާޓީ އާއި ސަރުކާރުގެ ގުޅުން އެތައް ގުނައަކަށް ވަރުގަދަކޮށް ގެންދެވޭތަން އަޅުގަނޑަށް ފެނޭ.
ފައްޔާޒު އިސްމާއިލް، އިންތިޚާބީ ޗެއަރޕަރސަން (އެމްޑީޕީ)

އިންތިޚާބުގެ ކެމްޕެއިން ދުވަސް ވަރު ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ފައްޔާޒަށް ތާއީދުކުރައްވާކަން ހާމަކުރައްވައި ނ. ކެނދިކުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އަޙުމަދު ޢީސަ ވެސް ދެއްކެވީ ދާދި އެއް ވާހަކަތަކެކެވެ. ޢީސަ ވިދާޅުވީ، އެ ދެބޭފުޅުންގެ ތެރެއިން ޗެއަރޕަރސަންގެ މަސްއޫލިއްޔަތު އަދާކުރެވޭނީ ފައްޔާޒަށް ކަމަށެވެ. ސަބަބައްގެ ގޮތުގައި ފާހަގަކުރެއްވީ އެމްޑީޕީގެ އިދާރީ ހިންގުން ބަލިކަށިވެފައި ވާއިރު، އެކަމަށް ގާބިލު ބޭފުޅަކަށް ވާދަކުރެއްވީ ފައްޔާޒް އެކަނި ކަމަށް ވާތީއެވެ. ޢީސަ ވިދާޅުވި ގޮތުގައި، މެމްބަރު އިމްތިޔާޒަކީ ގާތް ރަޙުމަތްތެރިއެކެވެ. ނަމަވެސް އޭނާއަކީ އިދާރީ ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ނޫންކަން މެމްބަރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގަ ޗެއާޕާސަންގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެވޭނީ ފައްޔަ އަށް. އިންތިއަކީ ސިޔާސީ ހަރަކާތްތައް ހިންގުމުގައި ވަރަގަދަ ބޭފުޅެއް. އެކަމަކު ޕާޓީގެ އިދާރީ ކަންކަން ރާވާ ހިންގުމުގެ ގާބިލުކަން ހުރީ ފައްޔާޒުގެ. އިންތިއަކީ އަޅުގަނޑުގެ ވަރަށް ގާތް ރަހުމަތްތެރިއެއް. އެކަމަކު މަގާމެއް ހަވާލުކުރާއިރު ތަޖުރިބާއަށް ވެސް ބަލާލަންވާނެތާ."
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު އީސަ

މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީވެސް ހަމަ އެހެންނެވެ. މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ މޮޅީ ޕޯޑިއަމްގައި ވާހަކަ ދައްކަން ކަމަށާއި އޭނާގެ ކިބައިގައި އިދާރީ ހިންގުމުގެ އެއްވެސް ތަޖުރިބާއެއް ނެތް ކަމަށް ވިދާޅުވިއެވެ. އިމްތިޔާޒާއި ފައްޔާޒާ އެކު ވަރަށް ގާތުން މަސައްކަތް ކުރި ކަމަށާއި ކޮންމެ މީހެއްގައިގަވެސް އެމީހަކު މޮޅެތި ކަންކަން ހުންނަ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ

މެމްބަރު ރޮޒައިނާ އާދަމް
އިންތި ފަޔާއަށް ވުރެ މާ ގަދަވާނެ ޕޯޑިއަމަކަށް އަރުވާލައިފިއްޔާ ވާހަކަދައްކާލަން. އެކަމަކު ހިންގުމުގެ ދާއިރާގައި ފަޔާއަކަށް ވުރެ ގަދައެއް ނުވާނެ
މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް

ކޮންމެއަކަސް މި ވާހަކަތަށް ގަބޫލުކޮށް އެމްޑީޕީގެ ގިނަ މެމްބަރުން ފައްޔާޒަށް ވޯޓް ދީފައިވާކަން ނަމްބަރުތަކުން ވަރަށް ސާފެވެ.

މިނިސްޓަރު ފައްޔާޒެވެ. އިންތިޚާބުގެ ނަތީޖާއާއެކު، އެމްޑީޕީ ހިންގާލަން ތިޔަ ވަނީ ފުރުސަތު ލިބިފައެވެ. އެމްޑީޕީގެ ޗެއަރޕަރސަންގެ ވާޖިބުތައް މަދެއް ނޫނެވެ. ބޮޑު މަސްއޫލިއްޔަތެކެވެ. ގައުމުގައި އޮތް އެންމެ ބޮޑު ޕާޓީގެ އިސް މަގާމެއް ތިޔަ ލިބިވަޑައިގަތީއެވެ. އެއީ އެތައް ދިވެހިންނެއްގެ އުންމީދާއި ގުޅިފައިވާ ބިޔަ ބޮޑު މަސްޢޫލިއްޔަތެއް އިސްތަށިފުޅުގައި އެޅޭނެ ޒިންމާތައް ގިނަ މަގާމެކެވެ.

ޕާޓީއެއްގެ އެތެރޭގެ މަސްލަހަތަކީ އެ ޕާޓީއެއްގެ މެމްބަރުންގެ އިތުރުން، މުޅި ގައުމާއި ގައުމުގެ ރައްޔިތުންނާއި ގުޅިފައިވާ ކަމެކެވެ. ހާއްސަކޮށް އެމްޑީޕީގެ އެތެރޭގެ މަސްލަހަތަކީ ގިނަ އަދަދެއްގެ ރައްޔިތުންތަކަކާ ގުޅިފައިވާ ކަންކަމެވެ. އެންމެ ގިނަ މެމްބަރުން ތިބި ޕާޓީގެ އިތުރުން އެމްޑީޕީ އަކީ ސަރުކާރު ހިންގާ ކޯލިޝަންގެ މައި ހިއްސާދާރަށްވެސް ވުމާއެކުއެވެ.

ފައްޔާޒު އިންތިޚާބުވެފައިވާ ޗެއަރޕަރސަންގެ ވާޖިބުތަކުގެ ތެރޭގައި، އެ ޕާޓީގެ ކޮންގްރެސްއާއި ގައުމީ މަޖިލީހާއި ޤައުމީ ހިންގާ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓުމާއި ޤައުމީ ޗެއަރޕަރސަންގެ މަޤާމު ފިޔަވާ، ކޮންގްރެސްއިން ބާއްވާ އެހެން ހުރިހާ އިންތިޚާބުތައް އިންތިޒާމްކޮށް ރޭވުމާއި ދާއިރާތަކުގެ ހިންގާ ކޮމިޓީތަކުގެ އިންތިޚާބު އިންތިޒާމްކޮށް ރޭވުން އަދި ޕާޓީގެ އިދާރީ ކަންކަމުގެ މަސްއޫލިއްޔަތު އުފުލުން ހިމެނެއެވެ. ހަމައެހެންމެ، ޕާޓީގެ އަސާސީ ޤަވާއިދަށް އިޚްލާޞްތެރިކަމާއެކު ރައްކާތެރިވުން އަދި ދިފާޢުކުރުމާއި ޕާޓީގެ އުޞޫލުތަކަށް ރައްކާތެރިވެ. އެ އުޞޫލުތައް ދިފާޢުކުރުމާއި ޕާޓީގެ މެންބަރުންގެ ތެރޭގައި ޑިމޮކްރަސީގެ މިންގަނޑުތަކާއި، ބައިވެރިވުމާއި، ހަމަހަމަކަން ކުރިއެރުވުމަށް މަސައްކަތް ކުރުމަކީ ވެސް އެމްޑީޕީގެ ޗެއަރޕަރސަންގެ މަސްއޫލިއްޔަތުތަކެވެ.

ސުވާލަކީ މަނިކުފާނަށް ހަމަ އަސްލުވެސް އެމްޑީޕީ ހިންގާލެވިދާނެތޯއެވެ. އަޅުގަނޑުމެން މި ތިބީ ބަލަންށެވެ. ތިޔަ ހުރި ވަރެއް ވެސް ނިކަން ދައްކާލަބަލާށެވެ.