ބޭންކް އޮފް މޯލްޑިވްސްއިން ލުއި ލޯނާއި ވެހިކަލް ލޯނުގެ އިތުރުން ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ އާއި ވެހިކަލް ފައިނޭންސިންގއަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ބީއެމްއެލް އިން ބުނީ އެ ޕްރޮމޯޝަންގެ މުއްދަތުގައި ކަސްޓަމަރުން ބޭންކަށް ހުށަހަޅާ ލޯނާއި ފައިނޭންސިންގެ ތެރެއިން ބޭންކުން އެޕްރޫވްކުރާ ލޯނާއި ފައިނޭންސިންގއަށް އިނާމު ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ޕްރޮމޯޝަންގެ ބޮޑު އިނާމުގެ ގޮތުގައި ޔޫއޭއީ، އިޖިޕްޓް އަދި ޖޯޑަން ހިމެނޭ ގޮތަށް 2 މީހަކަށް ޓުއަރ ޕެކޭޖް ( މި ޕެކޭޖްގެ ދަށުން ފްލައިޓް ޓިކެޓާއި 9 ރޭގެ ހުރުމާއި ކެއުން ) ހަމަޖެހިގެންދާއިރު ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް 10،000 ރުފިޔާގެ ގިފްޓް ކާޑެއް ލިބޭނެއެވެ. މި ޕްރޮމޯޝަން ކުރިޔަށް ދާނީ 15 މޭ އިން ފެށިގެން 30 ޖޫންގެ ނިޔަލަށް ކަމަށް ބީއެމްއެލް އިން މައުލޫމާތުދެއެވެ.

ބީއެމްއެލް އެކްސްޕްރެސް ލޯނާއި ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގއަށް 20،000 ރުފިޔާ އިން ފެށިގެން 300،000 ރުފިޔާއާ ހަމަޔަށް އެދި ހުށަހެޅޭނެއެވެ. އަދި ލުއި މައިކްރޯ އާއި ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ މައިކްރޯގެ ދަށުން 25،000 އާ ހަމަޔަށް އެދި ހުށަހެޅޭނެއެވެ.

ވެހިކަލް ލޯނާއި ވެހިކަލް ފައިނޭންސިންގ ދަށުން 2 ފުރޮޅުލީ އުޅަނދު ގަތުމަށް 300،000 ރުފިޔާ އާ ހަމަޔަށް ފައިނޭންސިންގއަށް އެދި ހުށަހެޅޭނެއެވެ. އަދި 4 ފުރޮޅުލީ އުޅަނދާއި، ޖެޓް ސްކީ އަދި އިންޖީނުލީ ޑިންގީ ފަދަ ތަކެތި ގަތުމަށް 500،000 ރުފިޔާ އާ ހަމަޔަށް އެދި ހުށަހެޅޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.